ޕްރެޒިޑެންޓްސް ކަޕްގައި މިރޭ ޓީސީ ސްޕޯޓްސްއާ ދެކޮޅަށް ކްލަބު އީގަލްސް ނުކުންނައިރު، އީގަލްސްގެ ޓީމާމެދު ވަރަށް އުންމީދު ބޮޑު ކަމަށް އީގަލްސްގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) ބުނެފި އެވެ.
މިއީ 2016 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރި އީގަލްސް އާއި ޓީސީ ސްޕޯޓްސް މި އަހަރުގެ ޕްރެޒިޑެންޓްސް ކަޕްގައި ކުޅޭ ފުރަތަމަ މެޗެވެ. އީގަލްސް އިން 2016 ވަނަ އަހަރުގެ ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރީ ފައިނަލުގައި ޓީސީ ބަލިކޮށްފަ އެވެ.
ފުރަތަމަ ޑިވިޝަންގެ ގިނަ ކްލަބުތަކެކޭ އެއް ގޮތަށް، ކްލަބު އީގަލްސް އަށް ވެސް އެންމެ އެކަށީގެންވާ ގޮތެއްގައި ޕްރީ ސީޒަންގެ ތައްޔާރީތައް ނުގެންދެވުނެވެ. އެހެން ވިޔަސް، މިހާރު އޮތް ޓީމާ މެދު ބޮޑު އުންމީދެއް އެބައޮތް ކަމަށް މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޝާޒް ބުންޏެވެ.
"ޕްރީ ސީޒަން އޭގެ ގޮތުގައި ނުގެންދެވުނު. އޭގެ އެއް ސަބަބަކީ ނެޝަނަލް ޓީމުގެ ކުޅުންތެރިން މުބާރާތްތަކެއް ކުޅެފައި، ގިނަ ދުވަހު (ގައުމީ ޓީމާއެކު) މަސައްކަތްކޮށްފައި އެ އެއީ. ދެން އަލަށް ޓީމާ ގުޅުނު ކުޅުންތެރިން ވެސް ޓީމުގެ ޓްރެއިނިންތަކުގައި ބައިވެރިވެގެން ކުރިއަށް ގެންދިއުމަށް ދަތިތަކެއް ކުރިމަތިވި،" ޝާޒް ބުންޏެވެ.
"އީގަލްސްގައި އޮތީ ވަރަށް ބެލެންސް ޓީމެއް. ޓީމާ ދޭތެރޭ ވަރަށް އުންމީދު އެބައޮތް."

އީގަލްސްގެ ޕްރެކްޓިހުގެ ތެރެއިން އެ ޓީމުގެ މިޑްފީލްޑަރު އިންމަ (ވ) ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
އީގަލްސް އަށް ކުޅެމުްންދާ ގައުމީ ޓީމުގެ ޑިފެންޑަރު ހައިޝަމް ހަސަން ވަނީ އެ ޓީމު ދޫކޮށް، މާޒިޔާ އަށް ބަދަލުވެފަ އެވެ.
ޒުވާން ކުޅުންތެރިންތަކަކާ އެކު، ތަޖުރިބާހުރި ދެ ކުޅުންތެރިއެއް ވެސް އީގަލްސް އިން ވަނީ ގެނެސްފަ އެވެ. އެއީ މިދިޔަ ސީޒަންގައި ޑަ ގްރާންޑޭ އަށް ކުޅުނު އަހުމަދު ހަސަން (އައްމަޑޭޭ) އާއި އަހުމަދު ވިޖުދާން (ވިޖުއްކޮ) އެވެ. އަދި ކުރިން ފުރަތަމަ ޑިވިޝަނުގައި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އާއި ޓީސީ އަށް ކުޅުނު އިބްރާހިމް މައިޝާން (މައި) ވެސް ވަނީ އީގަލްސް އަށް ސޮއިކޮށްފަ އެވެ.
ޝާޒު ބުނީ ޕްރެކްޓިސް ފެށުން ލަސްވުމާ އެކު، މި މުބާރާތަށް ތައްޔާރީތައް ދިޔައީ އެންމެ ރަނގަޅަށް ނޫން ކަމަށެވެ. އެކަމަކު، ފުޓްބޯޅައިގައި "ހުރިހާ ކަމެއް ވަރަށް ރަނގަޅަށް ހުންނަ ފަހަރު މަދުވާނެ" ކަން ގަބޫލްކުރަންޖެހޭ ކަމަށް ޝާޒު ވަނީ ބުނެފަ އެވެ.
ޓީސީ އާއި އީގަލްސް ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.











