ހަތަރު އަހަރަށް ފަހު ކުޅުނު ޕްރެޒިޑެންޓްސް ކަޕްގެ ފުރަތަމަ މެޗުން މިއަދު ހަވީރު ކްލަބް ގްރީން ސްޓްރީޓްސް އިން 5-0 އިން ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ބަލިކޮށްފި އެވެ.
މިއީ 2017 ވަނަ އަހަރު ފުރަތަމަ ޑިވިޝަނުގައި ވާދަކުރަން ފެށި ގްރީން ސްޓްރީޓްސް އަށް ޕްރެޒިޑެންޓްސް ކަޕްގައި ލިބުނު ފުރަތަމަ މޮޅެވެ. އަނެއް ކޮޅުން މިއީ 2017 ވަނަ އަހަރުގެ ފަހުން ޕްރެޒިޑެންޓްސް ކަޕް ކުޅޭ ފުރަތަަމަ ފަހަރެވެ. މި މުބާރާތް އެންމެ ފަހުން ތިން ސީޒަނުގައި ވެސް ނުބޭއްވުނީ އެކި ސަބަބުތަކާ ހުރެ ސީޒަން ކުރުކޮށްލަން ނިންމުމުންނެވެ. އެކަމަކު، މި ފަހަރު ސީޒަން ފަށްޓަން މި މުބާރާތް ލީ ހުރިހާ މުބާރާތެއް ކުރިއަށް ގެންގޮސް ސީޒަން ކަލަންޑަރު ފުރިހަމަ އަށް ގެންދިއުމުގެ ވިސްނުމުގަ އެވެ.
މި ފަހަރުގެ ޕްރެޒިޑެންޓްސް ކަޕްގައި ފުރަަތަމަ ޑިވިޝަނުގެ އަށް ޓީމު ކުޅޭނެ އެވެ. މިއީ 2015 ވަނަ އަހަރު ހދ. ކުޅުދުއްފުއްޓާއި އައްޑޫގައި ކުޅުނު ޕްރެޒިޑެންޓްސް ކަޕަށް ފަހު ފުރަތަމަ ޑިވިޝަންގެ ހުރިހާ ޓީމެއް ލައިގެން ޕްރެޒިޑެންޓްސް ކަޕް ކުޅޭ ފުރަަތަމަ ފަހަރެވެ. އެ ފަހަރު ދެ ގްރޫޕަކަށް ބަހާލައިގެން ކުޅުނު ނަމަވެސް މި ފަހަރު ކުޅެނީ ލީގު ބުރެއް ކުޅުމަށް ފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފައިނަލަށް ދާ ގޮތަށެވެ.

ގްރާންޑޭ ކުޅުންތެރިއަކު ކައިރިން ޗޯޓު ބޯޅަ ހިފައިގެންދަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
މިއަދުގެ މެޗު ފަށައިގެން 11 ވަނަ މިނިޓްގައި ގްރީން ސްޓްރީޓްސް އިން ލީޑުނެގި އެވެ. އަބްދުﷲ ޔާމީން (ޔާނު) ޖެހި ބޯޅަ ދަ ގްރާންޑޭގެ ޑިފެންޑަރު އަހުމަދު ނައުފަލް ބޮލުގައި ޖެހިފައި ވަނީ ގޯލުގެ ދުރު ކަނަށެވެ. ފުރަތަމަ ހާފުގައި ގްރީން ސްޓްރީޓްސް އަށް އިތުރު ގޯލެއް ޖަހައިދޭން ޔާނު އާއި އަހުމަދު ނާހިލް އިބްރާހިމް އަދި އަންސަރު އިބްރާހިމް (އަންކޮ) އަށް ލިބުނު ފުރުސަތުތަކުން އެ ކުޅުންތެރިން ފޮނުވާލި ބޯޅަތައް ދަ ގްރާންޑޭގެ ކީޕަރު އިސްމާއިލް ޝިހާމް ވަނީ މަތަކޮށްފަ އެވެ.
ފުރަތަމަ ހާފުގައި ދަ ގްރާންޑޭގެ ކުރިއަށް ކުޅޭ އިސްމާއިލް ނަޒީހަށް ގްރީން ސްޓްރީޓްސް އޭރިއާތެރެއިން ގޯލަށް ބޮޅަ ފޮނުވާލަން ލިބުނު ބޯޅަތައް އެންމެ ރަނގަޅަށް ބޭނުމެއް ނުކުރެވުނެވެ.
ގްރީން ސްޓްރީޓްސް އިން ދެ ވަނަ ހާފުގެ ކުރީކޮޅުގައި ލީޑުފުޅާކުރުމާ ގާތަށް ޖެހިލި އެވެ. އޭރިއާތެރެއިން ނާހިލް ޖެހި ބޯޅަ ގޯލު ރޮނގުމަތިން ދަ ގްރާންޑޭގެ ޑިފެންޑަރު އިބްރާހިމް ސުނީޒް ވަނީ ސަލާމަތްކޮށްފަ އެވެ. ގްރީން ސްޓްރީޓްސް އިން ދެ ވަަނަ ގޯލު ޖެހީ މެޗުގެ 59 ވަަނަ މިނިޓްގަ އެވެ. އޭރިއާތެެރެއިން ލިބުނު ފުރުސަތުން އަންކޮ ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.
މެޗުގެ 68 ވަނަ މިނިޓްގައި ޔާނު ވަނީ ގްރީން ސްޓްރީޓްސްގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ. އޭރިއާތެރެއިން ލިބުނު ބޯޅަ ޔާނު ވަނީ ގޯލުގެ ދުރު ކަނަށް އަމާޒުކޮށްލައިފަ އެވެ. އަދި އޭގެ ދެ މިނިޓް ފަހުން ޔާނު ހިލޭ ޖެހުމަކުން ނެގި ބޯޅަ އެ ޓީމުގެ ޑިފެންޑަރު މުހައްމަދު ސާއިފް ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. މެޗުގެ 75 ވަނަ މިނިޓްގައި އޭރިއާބޭރުން ފޮނުވާލި ޝޮޓަކުން ގްރީން ސްޓްރީޓްސްގެ ކެޕްޓަން ރިލްވާން ވަހީދު (ރިލޭ) ވަނީ އެ ޓީމުގެ ފަސް ވަނަ ގޯލު ޖަހައިފަ އެވެ.

ލަނޑު ޖެހުމަށް ފަހު ގްރީން ސްޓްރީޓްސްގެ ކުޅުންތެރިން އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
މެޗަށް ފަހު ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ބުނީ މި ތިން ޕޮއިންޓް މުހިއްމު ވާނެ އެންމެ ބޮޑު ސަބަބަކީ ކުރިއަށް ދެން އޮތީ ވެލެންސިއާ މެޗު ކަމަށެެވެ. އަދި މިއަދު ގްރީން ސްޓްރީޓްސް މޮޅުވި އެންމެ ބޮޑު ސަބަބަކީ އެ ޓީމުގައި އިންޑިވިޖުއަލް ކުޅުންތެރިންނަކީ ފުރަތަމަ ޑިވިޝަން ތަޖުރިބާ ހުރި ކުޅުންތެރިން ކަމަށްވުން ކަމަށް ނިސްތާރު ފާހަގަކުރި އެވެ.
"ގާތްގަނޑަކަށް އެއް ޓީމެއް މި އޮތީ މިދިޔަ އަހަރާ އަޅާކިޔާއިރު،" ނިސްތާރު ބުންޏެވެ.
ދަ ގްރާންޑޭގެ ކޯޗު އަހުމަދު ނާޝިދު (ނާދު) ބުނީ މުޅިން އަލަށް މި ލެވަލްގައި ގަލޮޅު ދަނޑުގައި ކުޅުނު ކުޅުންތެރިންތަކަކަށް ބަލާއިރު، އެ ޓީމުން ދެއްކި ކުޅުން ރަނގަޅު ކަމަށެވެ. އަދި ދަ ގްރާންޑޭ ކޮޅަށް އެހާ ގިނަ ގޯލު ވަން ސަބަބެއް ކަމަށް ނާދު ފާހަގަކުރީ އެ ޓީމުގެ ފަހަތަށް ކުޅޭ ގާސިމް ސައްމާމް (ސައްމެ) އަށް ނުކުޅެވުމެވެ.
މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ލިބިފައިބަނީ ގްރީން ސްޓްރީޓްސްގެ އަންކޮ އަށެވެ. އަންކޮ ބުނީ އެހާ ދުވަހު ނުކުޅެ ހުރެފައި އައިސް ކުއްލިއަކަށް މި ގޮތަށް ކުޅެން ޖެހުމުން އުނދަގޫތަކެއް ދިމާވި ކަމަށެވެ. މެޗު ފަށައިގެން އެ އުނދަގޫތަކާ ކުރިމަތިލުމަށް ފަހު މަޑުމަޑުން ގްރީން ސްޓްރީޓްސް އަށް ކުޅުން ރަނގަޅުވީ ކުޅުންތެރިންގެ ގުޅުން ވެސް ރަނގަޅުވުމުން ކަމަށާއި މި މޮޅަކީ ކުރިއަށްދާން ބަލާއިރު ހިތްވަރެއް ކަން އަންކޮ ފާހަގަަކުރި އެވެ.
މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ބައްދަލުކުރާނީ ކްލަބް ވެލެންސިއާ އެވެ.











