ބިރުގަންނަނީ ކުޅުންތެރިންތަކެއް ހަލާކުވެދާނެތީ، ގައުމީ ޓީމަށް އަސަރުކުރާނެ: ސާންތީ

ޔުނައިޓެޑް ވިކްޓްރީގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޔުނައިޓެޑް ވިކްޓްރީގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ގިނަ ކުޅުންތެރިންތަކެއް ހަތް ވަރަކަށް މަސް ދުވަސް ވަންދެން މެޗު ނުކުޅެ ތިބެފައި، ޕްރީ ސީޒަނެއް ނެތި ގާތްގާތުގައި ގިނަ މެޗުތަކެއް ކުޅެން ނުކުންނައިރު، އޮތް ބިރަކީ ގިނަ ކުޅުންތެރިންތަކެއް ހަލާކުވުން ކަމަށާއި އޭގެ އަސަރު ގައުމީ ޓީމަށް ވެސް ކުރާނެ ކަމަށް ޔުނައިޓެޑް ވިކްޓްރީ (ޔޫވީ)ގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ބުނެފި އެވެ.

މި އަހަރުގެ މެއި މަހު ރާއްޖޭގެ ފުޓްބޯޅަ ސީޒަން ހުއްޓާލި ގޮތަށް ހަމައެކަނި ދެން މެޗު ކުޅުނީ އޭއެފްސީ ކަޕްގައި ކުޅުނު ކްލަބް އީގަލްސް އާއި މާޒިޔާގެ އިތުރުން ގައުމީ ފުޓްބޯޅަ ޓީމެވެ. ކްލަބް ލެވަލްގެ ޓީމުތަކުގައި ވެސް ކުޅެފައިވަނީ ވެސް މެޖޯރިޓީ ގައުމީ ޓީމުގައި ހިމެނޭ ކުޅުންތެރިންނެވެ. އާ ސީޒަން މިއަދު ފަށާނީ ޕްރެޒިޑެންޓްސް ކަޕުންނެވެ.

މާޒިޔާ ނޫނީ އެކަށީގެންވާ ވަގުތު އޮއްވައި، ޕްރީ ސީޒަން ކުރިއަށް ގެންދެވުނު އެންމެ ޓީމެއް ވެސް ނެތެވެ. އެކި، ޓީމުތަކުގައި ހުރީ އެކި ސަބަބުތަކެވެ. ބައެއް ޓީމުތަކުގެ ކުޅުންތެރިން ޕްރެކްޓިހަށް ހަމަވުމުގެ ދަތިތަކާ ކުރިމަތިލިއިރު، އަނެއް ބައި ޓީމުތަކުން މިދިޔަ ސީޒަނުގެ މުސާރަތައް ކުޅުންތެރިންނަށް ދައްކަނީ އެވެ. އެހެންވެ، ޕްރީ ސީޒަނަށް އެކި ގޮތްގޮތުން ވަނީ އަސަރުކޮށްފަ އެވެ. އަދި ބައެއް ކުޅުންތެރިން ރަށްރަށުގައި އޮންނަ މުބާރާތްތައް ކުޅެން ބޮޑު އަގުގައި ދަނީ އެވެ.

Advertisement

ޕްރެޒިޑެންޓްސް ކަޕްގައި މިރޭ ކްލަބް ވެލެންސިއާއާ ދެކޮޅަށް ކުޅެން އޮތް މެޗުގެ ކުރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސާންތީ ބުނީ ފުޓްބޯޅައިގައި މިހާރު ތިބި ކޯޗުންނަށް އޮތް ޗެލެންޖަކީ މި ކުޅުންތެރިން މި ކަމުގެ ތެރޭގައި ބޭތިއްބުން ކަމަށެވެ.

"ދެންމެ މި ޕްރެސް އަށް އައިއިރު ވެސް އަޅުގަނޑުމެންގެ ސީނިއާ ސްކޮޑާ ގުޅުނު ދެ ކުޅުންތެރިއަކު މިހާރު ނާދެވޭ ވާހަކަ ބުނެފި. މިހާރު ހުރި އެންމެ ބޮޑު ގޮންޖެހުމަކީ މިއީ. ސީޒަން ފައްޓަން ވެގެން އަޅުގަނޑުމެން މިދިޔަ އަހަރު އެގާރައިގައި ކުޅުނު ކުޅުންތެރިން ވެސް އެންމެ ފަހު ވަގުތު ނާދެވޭނެވާހަކަ މި ބުނަނީ. މީގެ ސަބަބުތަކެއް ވެސް އެބަހުރި. ހަ މަސް ހަތް މަސް ބޯޅަ ނުކުޅެ އާމްދަނީ އެއް ނުލިބި މިހެން ތިބެފައި މި ކަހަލަ ދަތިތަކެއް އެ ހުންނަނީ،" ސާންތީ ބުންޏެވެ.

ޔުނައިޓެޑް ވިކްޓްރީ ޕްރެކްޓިހެއްގެ ތެރެއިން ސާންތީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ސާންތީ ވަނީ ޕްރީ ސީޒަން ރަނގަޅަށް ނުހަދައި ޕްރެޒިޑެންޓްސް ކަޕް ކަހަލަ މުބާރާތަކަށް ނުކުމެ، ކޮންމެ ހަތަރު ދުވަހަކުން މެޗެއް ކުޅުމުން ގޯސް ކަންތައްތަކެއް ކުރިމަތިވުމުގެ ބިރު އެބައޮތް ކަމަށް ބުނެފަ އެވެ.

"މީގެ އަސަރުކޮށްފާނެ ގައުމީ ޓީމަށް ވެސް ބޮޑަށް ބިރު ގަންނަނީ ކުޅުންތެރިންތަކެއް ހަލާކުވެދާނެތީވެ. ކުޅުންތެރިން ތަކެއް ހަލާކުވެދާނެއޭ މި ބުނަނީ ރަނގަޅަށް ޕްރީ ސީޒަނެއް ނުހަދާ މެޗުތަކެއް ކުޅެލަން ޖެހުނީމަ މީގެ ގެއްލުންވާނީ ނަހަދާ ޓީމުތަކަށް. ލިމިޓެޑް ޕްލޭޔަރުން ތިބި ޓީމުތަކަށް،" ކުރިން ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗަކަށް ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކުރި ސާންތީ ބުންޏެވެ.

ސާންތީ ބުނީ މިހާރު ހާލަތުގެ ގޮތުން ޒުވާން ކުޅުންތެރިންތަކެއް ގޮވައިގެން އުޅޭއިރު ހުރި ގޮންޖެހުންތައް އިތުރުވާ ކަމަށެެވެ. އެއީ ކޯޗުކޮށްދިނުމުގެ އިތުރުން އެ ކުޅުންތެރިން ބެލެހެއްޓުމުގެ ޒިންމާ ވެސް ނަގަންޖެހޭ ކަމަށެވެ.

1993 ވަނަ އަހަރު ފެށިގެން ކޯޗިންގައި، ބޮޑަށް ކުރާހިތްވަނީ ޓީމެއް ބިނާކުރުމުގެ މަސައްކަތް

ސާންތީ ވަނީ މިދިޔަ އޮގަސްޓް މަހު ތިން ވަނަ ދުވަހުން ފެށިގެން 19 އަހަރުން ދަށުގެ ކުޅުންތެރިންނަށް ހުޅުވާލައިގެން ޓްރެއިނިންތަކެއް ގެންގޮސްފަ އެވެ. އޭގެ ބޭނުމަކީ އަންނަ މަހު އެފްއޭއެމުން ބާއްވާ 19 އަހަރުން ދަށުގެ މުބާރާތަށް ކުޅުންތެރިން ހޯދުމާއި ޔޫވީގެ ސީނިއާ ޓީމުގައި ވެސް ޓީމެއް ބިނާކުރުމުގެ ސިލެކްޝަނެއް ހެދުމަށެވެ.

"ޔުނައިޓެޑް ވިކްޓަރީ ކަހަލަ ކްލަބަކަށް މުހިއްމު ބެކަޕް ޓީމެއް އޮތުން. (އޭރު ޓްރެއިނިން އަށް އައި ކުޅުންތެރިން) އޭގެ ތެެރެއިން ފަސް ވަރަކަށް ޕްލޭޔަރުން މިހާރު ވެސް ސްކޮޑުގައި ޕްރެކްޓިސް ކުރަމުން މި ދަނީ. ބައެއް ކުޅުންތެރިން ވަނީ ކްލަބާ އެކު އެއްބަސްވުން ވެސް ހަދާފައި،" ސާންތީ ބުންޏެވެ.

ސާންތީ ބުނީ 1993 ވަނަ އަހަރު ކޯޗިން އަށް ނުކުމެ، މަޖީދިއްޔާ ސްކޫލް ގޮވައިގެން އުޅުނުއިރު އޭރު ވެސް ހުރި ޝައުގުވެރިކަމަކީ ފުޓްބޯޅަ ޓީމެއް ބިނާކޮށްގެން ކާމިޔާބީއާ ހަަމައަށް ދިއުން ކަމަށެވެ. ބޮޑެތި ކްލަބްތަކުގައި ބެންޗުގައި ހުރެ ތަށި ހޯދުމުގެ ފުރުސަތުތައް ސާންތީ އަށް ވެސް ލިބުނެވެ. އެ ހުށަހެޅުންތައް ދޫކޮށްލައި ކުޅުންތެރިން އުފެއްދުމުގެ މަސައްކަތުގައި ސާންތި އުޅެނީ "ކޮންމެ ވެސް ބަޔަކު މި ލެވަލް އަށް ފައިބާންޖެހޭ" ކަމަށް ދެކިގެން ޒުވާން ކުޅުންތެރިން ފުޓްބޯޅައިގައި ފައިތިލަ ސާބިތުކޮށްދޭން އެހީތެރިވެދޭށެވެ.

"އަޅުގަނޑު ސާބިތު ވެސް ކޮށްދީފައި އޮންނާނީ ޓީމެއް ބިނާކޮށްގެން ކިހާވަރެއްގެ ކަމެއްކަން އެއީ. މިހާރު ވެސް އެއް ކްލަބްގެ ނަން ބުނާއިރަށް އަޅުގަނޑު ސިކުނޑި އަށް އަންނާނެ،" އީގަލްސްގައި ޓީމެއް ބިނާކޮށްގެން 2016 ވަނަ އަހަރު ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކުރި ސާންތީ ބުންޏެވެ.

ސާންތީ ބުނީ ކުޅުންތެރިން އުފެއްދުމުގެ މަސައްކަތުގައި އޭނާ އުޅޭ އެންމެ ބޮޑު ސަބަބަކީ ދިވެހިރާއްޖޭގައި އޮތް ފުޓްބޯޅަ ހުނަރު ކަމަށެވެ. ކޮންމެ ކޯޗެއް ތަށި ބޭނުންވާނެކަން ގަބޫލުކޮށް، ކުޅުންތެރިން އުފައްދައިގެން ތަށްޓާ ހަމައަށް ދިއުމަށް އޮތް ދިގު މަގު އިހުތިޔާރުކުރަން ސާންތީ ބޭނުންވަނީ އަމިއްލަ ޝައުގުވެރިކަމުގެ މައްޗަށް ބިނާވެ އެވެ.

"ތަފާތު އިހުސާސެއް އަޅުގަނޑު މި ކުރާ ކަމުން ލިބެނީ. ޓީމެއް ބިނާކޮށްގެން އެއްކޮށް ގެންގުޅެގެން ތަށްޓެއް ހޯދުމަކީ އަދި މިއީ އެހާ ފަސޭހަ ކަމެއް ނޫން. އެކަން ކޮށްލެވުނީމަ ހަގީގަތުގައި އެކަން ކޮށްފައި ތިބި ކޯޗުންނަށް އެ އިހުސާސް ކުރެވޭނީ،" ސާންތީ ބުންޏެވެ.

"މިހާރު ރާއްޖޭގެ ސީނިއާ ގައުމީ ޓީމު ވެސް މި އޮތީ އެ ވަގުތު އައިސް ޖެހިފައި އެހެންވީމަ މި ކަންތައް ކުރާނެ ބަޔަކު ވެސް ތިބެގެން ވާނީ. ހަގީގަތުގައި މި ފަަހަރު ލީގުގައި އެެހެން ޓީމުތަކުން ވެސް ފެންނާނީ ޒުވާން ކުޅުންތެރިން. އެއީ ކޮންމެ ގޮތެއް ވިޔަސް ކްލަބްތަކުގެ ބަޖެޓާއި މާލީ ހާލަތު ދަށްވާވަރަކަށް ޒުވާން ކުޅުންތެރިންނަށް ދާންޖެހޭލެއް ވެސް ބޮޑުވޭ،"

ޔުނައިޓެޑް ވިކްޓްރީގެ ޕްރެކްޓިހެއްގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ސާންތީ ބުނީ ޔުނައިޓެޑް ވިކްޓްރީގައި ވެސް ކުރަން ބޭނުން ކަމަކީ ޓީމެއް ބިނާކުރުން ކަމަށެވެ. މި ވަގުތު ވެސް ޔުނައިޓެޑް ވިކްޓްރީ ޓީމުގައި 19 އަހަރުން ދަށުގެ 26 ކުޅުންތެރިން އެބަހިމެނޭ ކަން ސާންތީ ފާހަގަކުރި އެވެ.

"މިއީ ގަވާއިދުން ޓްރެއިނިން އަށް އަންނަ ޕްލޭޔަރުން. އަޅުގަނޑަށް ފެންނަނީ މި ކަންތައް ކުރެވިއްޖިއްޔާ އޭގެ ފައިދާ ފެންނާނެހެން. އެ ކުދިންނަށް ވިސްނައިދެން ކުއްލިއަކަށް އައިސް އެގާރައިގެ ތެރޭގައި ކުޅެން އުޅެގެން ނުވާނެ،" ސާންތީ ބުންޏެވެ.

ޕްރީ ސީޒަނެއް ނެތި ކުރިއަށްދާން ޖެހޭނީ ވިސްނުންތެރިކަމާ އެކު

މިއަދު ފަށާ ޕްރެޒިޑެންޓްސް ކަޕަށް ޔުނައިޓެޑް ވިކްޓަރީ އަށް ތައްޔާރު ނުވެވުނުއިރު، ޕްރެކްޓިސް ފެށީ މިދިޔަ މަހު 15 ވަނަ ދުވަހު އެވެ. ގޮންޖެހުމަކަށް ދިމާވީ ހުރިހާ ކުޅުންތެރިން އެއްކޮށް ހަމަވެގެން ޕްރެކްޓިސްތައް ނުގެންދެވުމެވެ.

ސާންތީ ބުނީ ޕްރީ ސީޒަން ކިރިޔާ ވެސް ބޭނުންވާ ލެވަަލަށް ގެންދެވޭވަރުވީ ޒުވާން ކުޅުންތެރިން ދިން އެއްބާރުލުމުގެ ސަބަބުން ކަމަށެވެ.

"ގާތްގަނޑަކަށް އަޅުގަނޑުމެންނަށް 31 ވަރަކަށް ޓްރެއިނިން ސެޝަން މި ކުރެވުނީ،" ސާންތީ ބުންޏެވެ.

ޕްރެޒިޑެންޓްސް ކަޕްގައި ޔުނައިޓެޑް ވިކްޓްރީ ފުރަތަމަ ކުޅޭ މެޗުގައި މިރޭ ބައްދަލުކުރާނީ ކްލަބް ވެލެންސިއާއާ އެވެ. ވެލެންސިއާ ވަނީ ޗެރިޓީ ޝީލްޑް މެޗުގައި ހޮނިހިރު ދުވަހުގެރޭ 5-0 އިން މާޒިޔާ އަތުން ބަލިވެފަ އެވެ.

ސާންތީ ބުނީ ފުރަތަމަ މެޗަކީ ކޮންމެ ޓީމަކަށް ވެސް އުނދަގޫވާނެ މެޗެއް ކަމަށާއި ޗެރިޓީ ޝީލްޑް މެޗުގައި ވެލެންސިއާ އަށް ދިމާވި އުނދަގޫ މިރޭ ޔުނައިޓެޑް ވިކްޓްރީ އަށް ވެސް ކުރިމަތިވެދާނެ ކަމަށެވެ.

"ޗެރިޓީ މެޗަކީ ވެލެންސިއާގެ އަސްލު ފެންވަރު ކަަމަށް އަޅުގަނޑު ގަބޫލެއް ނުކުރަން. ބިދޭސީ ކުޅުންތެރިންނާ އެކު ވެލެންސިއާ އޮތީ. އަޅުގަނޑުމެން އޮތީ އެއްކޮށް ދިވެހިން. ދެން މި ހާލަތުގައި ޕޮއިންޓެއް ލިބުނަސް އެއީ ވެލެންސިއާ އަތުން ކާމިޔާބެއް،" ސާންތީ ބުންޏެވެ.

"ވެލެންސިއާ ޓީމު ވާނެ ކޮންމެ ޓީމަކަށް ވެސް އުނދަގޫ ޓީމަކަށް. ނަތީޖާ ބަދަލުކޮށްލެވޭފަދަ ދެތިން ކުޅުންތެރިން އޭގެ އެބަތިބި. އަޝްފާގާއި ސެންޓޭ އަޅުގަނޑު ފާހަގަކޮށްލަން. އެ ކުޅުންތެރިންގެ ވަކިވަކި ހުނަރުން ވެސް މިކަން ކޮށްލެވޭނެ،"

މިދިޔަ ސީޒަނުގައި ޔުނައިޓެޑް ވިކްޓްރީގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު އިސްމާއިލް އީސަ (މެސީ) ވަނީ ވެލެންސިއާ އަށް ބަދަލުވެފަ އެވެ. ސާންތީ ބުނީ އީސަ ނެތްތަން ދައްކާނެ ކަމަށާއި ތިބި ކުޅުންތެރިން ލައިގެން ޓީމުގެ އެންމެ ރަނގަޅު ކުޅުން ދައްކަން މަސައްކަތް ކުރާނެ ކަމަށެވެ.

"މިދިޔަ ކުޅުންތެރިންގެ ބަދަލުގައި ބޭރު ހަތަރު ކުޅުންތެރިން ގެންނަން ޖެހޭނީ ރިޕްލޭސްމަންޓަށް. ކީޕަރެއް ނުގެންނާނަން ބޭރުން. (ކީޕަރު) ނާޖީގެ އިތުރުން ލަބާން ވެސް މިހާރު އެބަހުރި. އަނެއްކާ ވެސް މި ދެވެނީ ދިވެހި ކީޕަރުންނަށް ފުރުސަތު،" ސާންތީ ބުންޏެވެ.

ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އާއި ވެލެންސިއާ ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox