އުމުރުން 41 އަހަރު އިއްޔެ ކަޑައްތުކުރި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އަކީ މިހާރު އާދައިގެ ކުންފުންޏެއް ނޫނެވެ. ކުޑަ ކުންފުންޏެއް ނޫނެވެ. ތިން ހާހަށްވުރެ ގިނަ މުވައްޒަފުންގެ ޓީމެއް އޮތް އެ ކުންފުންޏަކީ ރާއްޖޭގެ އުމުރާނީ ތަރައްގީގަ ބޮޑު ހިއްސާއެއް ވެދީފައިވާ، އަދި އެންމެ ބޮޑު ހިއްސާއެއް މިހާރު ވެސް ވަމުންދާ ކުންފުންޏެވެ. އެމްޓީސީސީން ބޭނުން ވަނީ ދިވެހިންގެ ގާބިލުކަން އިތުރުކޮށް، ރާއްޖެ އެހެން ހަރުފަތަކަށް ގެންގޮސްދިނުމެވެ.
ކުންފުނީގެ ސީއީއޯ އާދަމް އާޒިމްގެ އަމާޒަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ، ފައިދާވާ އަދި ރާއްޖޭގެ އުމުރާނީ ތަރައްގީ އަށް ބޭނުންވާ ކޮންމެ ކަމެއް ކުރެވޭނެ ގާބިލު ކުންފުންޏަކަށް އެމްޓީސީސީ ހެދުމެވެ.
އެންމެ ބޮޑު ރައުސުލްމާލަކީ މުވައްޒަފުން
ހާހަކަށް ވުރެ ގިނަ ދިވެހިންނަށް އެމްޓީސީސީން މި އަހަރު އަލަށް ވަޒީފާ ދީފައިވާއިރު، މިހާރު އެ ކުންފުނީގައި 3055 މުވައްޒަފުން ވަޒީފާ އަދާކުރަމުން އެބަ ގެންދެ އެވެ. އާޒީމް ވިދާޅުވި ގޮތުގައި ކުންފުނީގެ ކާމިޔާބުގެ ސިއްރަކީ ކުންފުނީގެ ހީވާގި އެ މުވައްޒަފުންޏެވެ.
އަޅުގަނޑު ދެކޭ ގޮތުގައި އެމްޓީސީސީ އަށް ހޯދިފައިވާ އެންމެ ބޮޑު ކާމިޔާބަކީ މުވައްޒަފުންނަކީ އަހުލާގު ރަނގަޅު މަސައްކަތަށް، ގަޑިތަކަށް ކަމޭހިތާ މުވައްޒަފުން ތަކަކަށް ކުންފުނި ބަދަލުވެގެން ދިއުން،" އާޒިމް ވިދާޅުވި އެވެ.
"ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި އެންމެ ބޮޑު އިސްކަމެއް އަޅުގަނޑު ދިނީ މުވައްޒަފުންނަކީ މަސައްކަތް ދެކެ ލޯބިވާ ބަޔަކަށް ބަދަލު ކުރުމަށް. އޭގެ ނަތީޖާ އަކަށް ވެގެން މި ދިޔައީ ކުންފުނީގެ މަސައްކަތްތައް ނިންމުމަށް ބާރުއެޅިގެން ދިއުން،"
ކުރިމަގުގައި އެމްޓީސީސީ ހިންގާނެ ގާބިލު ޓީމެއް ބިނާ ކުރުމަށް އާޒިމް ވަރަށް ބޮޑު އިސް ކަމެއް ދެއްވަ އެވެ. އެކަމަށްޓަކައި ދުނިޔޭގެ ފެންވަރުގެ އިންޖިނޭރުން ތަމްރީނު ކުރުމަށްޓަކައި އަހަރަކު 15 ދަރިވަރުން ރާއްޖެ އިން ބޭރަށް ކިޔަވަން ފޮނުވުމުގެ ފަސް އަހަރު ދުވަހުގެ ޕްލޭނެއް ވަނީ އެކުލަވާލައިފަ އެވެ.
"ފަސް އަހަރު ވަންދެން ސީދާ ޓޮޕް ކްލާސް އިންޖިނިއާސް ތައްޔާރު ކުރުމުގެ ޕްރޮގަރާމެއް މިހާރު މި ފެށުނީ. އެމީހުން ދާނީ ވެސް ދުނިޔޭގެ އެންމެ މޮޅެތި ޔުނިވާސިޓިތަކަށް. އެވަރުގެ ކުދިން މި ނަގަނީ. ޕޫލް އޮފް އިންޖިނިއާސް މި ތައްޔާރުކުރަނީ. އެމީހުން އައުމާ ވިދިގެން އެހެން ހަރުފަތަކަށް އެމްޓީސީސީ އުދުއްސައި ގަންނާނެ،" ކުރިން އެސްޓީއޯ އާއި އެމްޑަބްލިޔޫއެސްސީގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރެއްވި އާޒިމް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް މި ފެންނަނީ ވަރަށް ވަރުގަދަ އެމްޓީސީސީ އެއް، ވަރަށް ވަރުގަދަ ދިވެހިރާއްޖެ އެއް، ކުރިއަށް އޮތްތަނުގައި އުފެދިގެންދާ ތަން."
- މުވައްޒަފުން ތަމްރީނު ކުރުމަށް މި އަހަރުގެ މިހާތަނަށް ހަތަރު މިލިއަން ރުފިޔާ ހޭދަކޮށްފައިވޭ
- ސްކޮލަސިޕްތަކަށް މި އަހަރުގެ މިހާތަނަށް 267،384ރ. ހޭދަކޮށްފައިވޭ
- އެޕްރެންޓިސްޝިޕް ޕްރޮގްރާމުގެެ ދަށުން ތިން އަހަރު ތެރޭގައި 100 މީހުން ތަމްރީނު ކުރާނެ
- އިންޖިނޭރުން އުފެއްދުމަށް އަހަރަކު 15 ދަރިވަރުން ބޭރަށް ފޮނުވާނެ
- ކުންފުނީގެ އެވްރެޖް މުސާރަ އުޅެނީ 12،000ރ. އާއި 15،000ރ. ދެމެދު

އެމްޓީސީސީގެ ބައެއް މުވައްޒަފުން: އާޒިމުގެ އަމާޒަކީ ކުންފުނީގެ މުވައްޒަފުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުން -- ފޮޓޯ: ހުސައިން ޝަޔާހު/އަދަދު
އެމްޓީސީސީގެ އިޖުތިމާއީ ޒިންމާ
ރަށެއްގެ ހުރި ރުއްބުޑުތަކެއް ނުނެގިގެން ނުވަތަ މަގެއްގައި ފެން ނުހިނދި އޮވެގެން ބަޔަކަށް ވަރަށް އުނދަގޫ ވެދާނެ އެވެ. އެމްޓީސީސީން މިފަދަ ކަންތައްތައް ކޮށްދެނީ އެ ކުންފުނީގެ އިޖުތިމާއީ ޒިންމާއެއްގެ ގޮތުގަ އެވެ. މިއަހަރުގެ މިހާތަނަށް އެ ދާއިރާއިން ވެސް ގިނަ ހިދުމަތްތަކެއް ކޮށްދީފައިވެ އެވެ. ހާއްސަކޮށް މިހާރުގެ ސީއީއޯ އާޒިމް މަގާމާ ހަވާލުވުމަށް ފަހު ދިން ސަމާލުކަން މާބޮޑެވެ.
titledesc

ކ. ގުރައިދޫ: އެރަށުގެ ބިން ހިއްކާފައި ވަނީ އެމްޓީސީސީން
އުމުރާނީ ތަރައްގީގައި މުހިންމު ހިއްސާއެއް
ރާއްޖޭގެ އުމުރާނީ ތަރައްގީ އަށް ކުރަން ޖެހުނު ހުރިހާ ކަމެއް ކުރިން ވެސް ކުރީ، "މަހު ލޭ ހިނގާ" ދިވެހި ދަރިންނެވެ. އެމްޓީސީސީގެ އޮތީ އެ އަޒުމެވެ. އާޒިމް ވިދާޅުވި ގޮތުގައި ޒަމާން ތަކެއް ވަންދެން ރައްޔިތުން ބޭނުންވެފައި ތިބި ކަންތައްތައް، އެމްޓީސީސީން ހާސިލު ކޮށްދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވަރަށް ބޮޑު އެދިވަޑައިގަތުމެކެވެ.
"ރައީސް އަޅުގަނޑާ މިތަން ހަވާލުކުރަން ގެންގޮސް ވާހަކަ ދެއްކި ދުވަހެއްގައި ވިދާޅުވި ތިމަންނާގެ ވައުދުތަކުގެ 70 ޕަސެންސްޓަށް ވުރެ ގިނައިން ހުރީ އެމްޓީސީސީ އާ ހަވާލު ކުރެވިފައޭ. އެންވީމަ ވަރަށް ބޮޑު އެދުމެކޭ ޕްރޮޖެކްޓައް ވީހާ ވެސް އަވަހަކަށް ނިންމައިދީ، ހިންގައިދީ އަދި ކުންފުންޏަކީ ރަނގަޅު ފައިދާވާ ކުންފުންޏަކަށް ހަދައިދޭން ވެސް ޖެހޭނޭ، ޕަބްލިކު ހިއްސާ ތިތާ އެބަ އޮތޭ. އެކަން ވެސް ސިކުނޑީގަ ބަހައްޓައިގެންނޭ ކުރިއަށްދާން ޖެހޭނީ،" އާޒިމް ވިދާޅުވި އެވެ.
އާޒިމް ހަވާލުވުމުގެ ކުރިން އެ ކުންފުނިން އެވްރެޖްކޮށް އަހަރަކު ހިންގަމުން ދިޔައީ 25 ޕްރޮޖެކްޓެވެ. ނަމަވެސް މިހާރު 70 ޕްރޮޖެކްޓުގެ އަމަލީ މަަސައްކަތް އެއްފަހަރާ ކުރިއަށް ގެންދެވޭ ވަރަށް ކުންފުނީގެ ގާބިލުކަން ވަނީ އިތުރު ކޮށްފަ އެވެ.
- މިވަގުތު 94 ޕްރޮޖެކްޓެއްގެ މަސައްކަތުގައި އެމްޓީސީސީން ދަނީ ހަރަކްތެރިވަމުން. 64 ރަށެއްގައި އަމަލީ މަސައްކަތް ދަނީ ކުރަމުން.
- މި އަހަރުގެ މިހާތަނަށް 19 ޕްރޮޖެކްޓުގެ މަސައްކަތް ވަނީ ނިންމާފައި.
- ސެންޓާރާ ނިއު ރިސޯޓްސް މޯލްޑިވްސްގެ ތިން ރަށް ހިއްކައި ނިންމާފައިވޭ. މިއީ އެމްޓީސީސީގެ 40 އަހަރުގެ ދިގު ތާރީހުގަ ހިންގި އެންމެ ބަޑު މަސައްކަތް.
- އެއްފަހަރާ 70 ޕްރޮޖެކްޓް ހިންގުމުގެ ގާބިލުކަން މިހާރު އެމްޓީސީސީގަ އެބަހުރި. (އެމްޓީސީސީގެ ޕްރޮޖެކްޓެއް ނުހިނގާ އަތޮޅެއް މިވަގުތު ނެތް)
އާޒިމް ދެކެވަޑައިގަންނަވާ ގޮތުގައި އެމްޓީސީސީ އަށް އަހަރަކު ކުރެވޭނީ އެންމެ އެއް ބިލިއަން ރުފިޔާގެ ވިޔަފާރިއެއް ނޫނެވެ. އަހަރަކު 10 ބިލިއަން ރުފިޔާގެ ވިޔަފާރި ކުރޭވޭ ކުންފުންޏަކަށް ހެދޭނެ ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ. ކުންފުންޏަށް މި އަހަރު ނިމޭއިރު 250 މިލިއަން ރުފިޔާ ފައިދާ ވާނެ ކަމަށް ލަފާކުރާއިރު، ކޮންމެ އަހަރެއްގެ ފައިދާއަށް 50 މިލިއަން ރުފިޔާ އިތުރު ވާނެ ކުންފުނަކަށް ހަދަން މަސައްކަތް ކުރައްވާނެ ކަމަށް އާޒިމް ވިދާޅުވި އެވެ. މި އަހަރު ވެގެންދާނީ އެމްޓީސީސީގެ ތާރީހުގަ އެންމެ ވިޔަފާރި ރަނގަޅު އަދި އާ ރިކޯޑެއް ހެދިގެންދާނެ އަހަރަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ހުޅުމާލެ އާއި މާލެ އާއި ދެމެދު އެމްޓިސީސީން އޮޕަރޭޓްކުރާ ބަހަކަށް ބަޔަކު އަރަނީ. -- ފޮޓޯ: އެމްޓީސީސީ
މުޅި ރާއްޖޭގެ އެއްގަމާއި ކަނޑު ދަތުރުފަތުރު އެމްޓީސީސީ އަަށް
އާޒިމް ވިދާޅުވި ގޮތުގައި މުޅި ރާއްޖެ އަށް އެއްގަމާއި ކަނޑު ދަތުރުފަތުރުގެ ހިދުމަތް ދިނުމަކީ އެ ކުންފުންޏަށް ހަވާލު ކޮށްފައިވާ ވަރަށް ބޮޑު ޒިންމާ އެކެވެ. ރައްޔިތުންގެ އުންމީދުތަކާ އެއް ވަރަށް އެކަން ހާސިލު ކޮށްދިނުމަށްޓަކައި އެމްޓީސީސީން ގެންދަނީ މަސައްކަތް ކުރަމުންނެވެ.
ހައިސްޕީޑް ފެރީ ހިދުމަތުގެ ފުރަތަމަ ފޭސް 2022 ގެ ޖެނުއަރީ މަހުގެ ތެރޭ ފެށުމަށް ދަނީ ތައްޔާރުވަމުން.
- މުޅި ރާއްޖެ އަށް ފުރިހަމަ ބަހުގެ ހިދުމަތެއް ދިނުމަށް ބޭނުންވާ ބަސްތަކަށް ވަނީ އޯޑަރު ދީފައި. އަދި 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭ ބަސްތައް ހިދުމަތައް ނެރެވޭނެ ކަމަށް އެޓީސީސީން ލަފާކުރޭ.
- މާލެ އާއި ހުޅުމާލެ ފޭސް ދޭކާއި ދެމެދު ބަހުގެ ހިދުމަތް ފެށުމަށް ދަނީ ތައްޔާރު ވަމުން.
- މާލޭގައި މިނީ ބަހުގެ ހިދުމަތް ދިނުމުގެ މަސައްކަތް ފެށުމަށްވަނީ ނިންމާފައި.
"ޖެނުއަރީ ފަހުކޮޅު ނޫނީ ފެބްރުއަރީ ކުރީކޮޅުގައި ފުރަތަމަ ފޭސްގެ ފުރަތަމަ ބެޗުގެ ލޯންޗުތައް ކަނޑަށް ނުކުމެ ހިދުމަތަށް ނެރެވޭވަރު ކުރެވޭތޯ މަސައްކަތް ކުރަމުން މި ގެންދަނީ. އެއާ ވިދިގެން ދެން ރައްޔިތުން ދަތުރުކުރާނީ 25 އާ 30 ނޯޓާ، އެ ދެމެދުގެ ބާރު މިނުގައި،" އާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އައްޑޫ ސިޓީ އާއި ފުވައްމުލަކާއި ލ. އަތޮޅަށް ބޭނުންވާ ބަސްތައް ވެސް މިހާރު މިވަނީ އޯޑަރު ދީފަވާއިރު، އެ ތަކެތި އަންނަ އަހަރުގެ ޖުލައި ނުވަތަ އޮގަސްޓް މަހު ލިބޭނެ އެވެ.
މާލޭގަ އޮންނަ ބާ ބަހެއް ނޫން ރަށްރަށަށް ދާނީކީ އެއް. ރައްރަށު މީހުންނަށް ވެސް ލިބެން ޖެހޭނީ އާ އެތި،" އާޒިމް ވިދާޅުވި އެވެ.
އިންޖިނިއޭރިން އަދި ޑޮކިން ދާއިރާގައިވެސް ކުރީގައި
ތިލަފުށީގައި ހިންގަމުންދާ އެމްޓީސީސީ ބޯޓުޔާޑަކީ އެއްފަހަރާ 20 އުޅަނދު އެހެލުމުގެ ޖާގަ އޮތް ބޯޓް ޔާޑެކެވެ. އެ ޔާޑުގައި ބޭނުންކުރާ 200 ޓަނުގެ ބޯޓް ހޮއިސްޓާއެކު އެމްޓިސީސީ ބޯޓު ޔާޑް ވެފައިވަނީ ޑޮކްކުރުމަށް ޖަގައިގެ ގޮތުން ރާއްޖޭގެ އެންމެ ތަނަވަސް އެއް ބޯޓުޔާޑަށެވެ.
- އޮޑިދޯނި ފަހަރު ބަނުމުގެ ވިޔަފާރި އަށް ވަނުމުގެ ގޮތުން 75 ފޫޓުގެ ފައިބަރު ފެރީއެއް ޑިޒައިންކޮށް އޮޑި ބަނުމުގެ މަސައްކަތް ވަނީ ފަށާފައި.
- މެދުކެނޑުމަކަށް ފަހު މި އަހަރު ތެރޭގައި މެރިން އެއާބޭގް ބޭނުން ކޮށްގެން އެހެލުމުގެ މަސައްކަތް ވަނީ ފަށާފައި.
- އިންޓަރނޭޝަނަލް އެސޯސިއޭޝަން އޮފް ކްލެސިފިކޭޝަން ސޮސައިޓީޒް (އައި.އޭ.ސީ.އެސް) ސަޓިފައިޑް ވެލްޑަރުން މިހާރު އެމްޓީސީސީ ބޯޓު ޔާޑުގައި މަސައްކަތް ކުރޭ.
- ބޭރު ގައުމުތަކުގެ އުޅަނދުފަހަރު ތަކަށް އެމްޓީސީސީ ބޯޓު ޔާޑުން މިހާރު ދަނީ ހިދުމަތް ދެމުން.
- ޑޮކް ޔާޑު އަޕްގްރޭޑުކުރެވި މިފްކޯ ޖަޒީރާ ރީފަ އާއި އެސްޓީއޯ ގެ ބޮންތި އާއި ކޯސްޓް ގާޑުގެ އުޅަނދުތަކުގެ މަރާމަތުގެ މަސައްކަތްތާއި ސްޓީލް އައުކުރުމުގެ މަސައްކަތްތައް ކޮށްދޭ.
އެމްޓީސީސީން ދެން ދައްކާނީ ބޮޑެތި ވާހަކަ
މަގު ހެދުމާއި ބަނދަރު ހެދުމާއި އެއާޕޯޓު އެޅުމާއި އަދި ބިން ހިއްކުމަކީ މިހާރު އެމްޓީސީސީ ކޮންމެ ދުވަހަކު ވެސް ކުރާ މަސައްކަތްތަކެކެވެ. ކުންފުނީގެ ވިސްނުން މިހާރު ހުރީ އާ ހަރުފަތަކަށެވެ. ރައްޔިތުންގެ ކުންފުނިން މުޅިން އާ ދެ ކަމަކަށް ވަނުމަށް އަންނަނީ ތައްޔާރުވަމުންނެވެ.
ތިލަމާލެ ބްރިޖަށްފަހު ދެން ކަނޑު ހުރަސްކޮށް އަޅާ ބްރިޖެއް ދިވެހިން ކުރުމަކީ އެމްޓީސީސީގެ ހުވަފެނެވެ. ބްރިޖު އެޅުމަށް ބޭނުންވާ ލަނޑުދަނޑި ހާސިލު ކުރުމަށްޓަކައި ތަރައްގީ ކުރަންޖެހޭ އިންސާނީ ވަސީލަތްތަކަކީ ކޮބައިތޯ އާއި ބޭނުންވާ އިކުއިޕްމަންޓާއި ހެވީ ވެހިކަލް އަދި މެޝިނަރީ އަކީ ކޮބައިކަން ބަލައި، ބްރިޖު އެޅުމުގެ ގާބިލުކަން ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އާޒިމް ވިދާޅުވި އެވެ.
.. ބްރިޖް އެޅުން ކަހަލަ ކަންތައްތަކަކީ އެކަމުގެ ހާއްސަ ޓެކްނޮލޮޖީ އާއި ހާއްސަ ހުނަރެއް ބޭނުންވާ ކަންތައްތައް. އެކަމަށް އަޅުގަނޑުމެން ތައްޔާރުވަމުން މިދަނީ، ... ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ބްރިޖެއްގެ އަމަލީ މަސައްކަތް ފެށޭނެ ކަމުގެ އުންމީދު އެބައޮތް،" އުމްރާނީ ތަރައްގީގައި ދިވެހި ކުންފުންޏަކުން ހޯދާނެ އެންމެ ބޮޑު ކުރިރުމުގެ ހަބަރު އާޒިމް ދެއްވި އެވެ.
ދެން ވެސް އޮތީ ބޮޑު ވާހަކަ އެވެ. ބޮޑު އުއްމީދެކެވެ. ރާއްޖެ އަކީ ބޭރުގެ އާގުބޯޓު ފަހަރު ގިނައިން ދަތުރުކުރާ މަގެއްގައި އޮތް ގައުމަކަށް ވާއިރު، ބޯޓު ފަހަރު ޑޮކް ކުރުމަކީ ރާއްޖެ އަށް ގެއްލިފައި އޮތް، ބޭރު ފައިސާ ހޯދޭނެ ވިޔަފާރީގެ ވަރަށް ރަނގަޅު ފުރުސަތެއްކަން އާޒިމް އަށް އެނގިވަޑައިގަންނަވަ އެވެ. އެހެންވެ، ކުރިއަށް އޮތް އަހަރު ނިމުމުގެ ކުރިން އިންޓަނެޝަނަލް ޑޮކްޔާޑެއް ގާއިމު ކުރުމަކީ ވަރަށް ބޮޑު އުންމީދެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ގައުމުގައި ރަނގަޅު ޑޮކްޔާޑެއް ހެދިއްޖެ ނަމަ މި ގައުމުން ބޭރުވާ އެތައް މިލިއަން ޑޮލަރެއް ގައުމުގައި ހިފެހެއްޓޭނެ. އަނެއް ކަމަކަށް އަޅުގަނޑުމެން މި ހުޅުވާލަނީ ޑޮލަރު ވަންނާނެ ދޮރެއް،" އޭނާ ދާޅުވި އެވެ.
އެމްޓީސީސީން ބުނީ ރާއްޖެ އަށް އިންގިލާބީ ބަދަލެއް ގެނުވާނެ މި މަސައްކަތް ފެށުމަށްޓަކައި ތަޖުރިބާކާރުންގެ އެހީގައި އެކަމަށް ބޭނުންވާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިހާރު އެމްޓީސީސީ ބަދަލުވެއްޖެ އެވެ. ހިންގުމުގެ ވައްޓަފާޅިއަށް ގެނައި ބަދަލާއެކު މީހުންގެ ނަޒަރު ވެސް ހެޔޮވެއްޖެ އެވެ. އަދި ކުންފުނީގެ މެނޭޖްމެންޓްގެ އަމާޒާއި ވިސްނުން ވެސް ބޮޑުވެއްޖެ އެވެ.










