ޒިއުރިކް (ޑިސެމްބަރު 18) - ޔުއެފާ ނޭޝަންސް ލީގުން މުސްތަގުބަލުގައި ދެކުނު އެމެެރިކާގެ ގައުމުތައް ފެނުމުގެ ފުރުސަތު ބޮޑު ކަމަށް ޔޫރަޕްގެ މައި ފުޓްބޯޅަ އިދާރާ ޔުއެފާ އިން ބުނެފި އެެވެ.
ޔުއެފާގެ ނައިބު ރައީސް ޒްބިގްނިއާ ބޮނިއެކް ވިދާޅުވީ މިހާރު އޮތްގޮތުން 2024 ވަނަ އަހަރު ޔުއެފާ ނޭޝަންސް ލީގުގައި ދެކުނު އެމެރިކާގެ 10 ގައުމެއް ވާދަކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ. މާނަ އަކީ ދުނިޔޭގެ ފުޓްބޯޅައިގެ ވަރުގަދަ ދެ ބާރު ކަމަށްވާ އާޖެންޓީނާ އާއި ބްރެޒިލް ނޭޝަންސް ލީގުން ފެނުމުގެ ފުރުސަތު ބޮޑުވުމެވެ.
ބޮނިއެކް ވިދާޅުވީ ދެކުނު އެމެރިކާގެ ޓީމުތައް ލައިގެން ނޭޝަންސް ލީގު ކުޅޭނެ ގޮތުގެ ފޯމެޓެއް އަދި ފައިނަލް ނުވާ ކަމަށެވެ. އެކަމަކު، މި ވަގުތަށް މަޝްވަރާ ކުރެވެމުން އަންނަ ގޮތަށް ބަލާއިރު، ދެކުނު އެމެރިކާގެ ރޭންކިން އެންމެ ރަނގަޅު ހަ ޓީމެއް ވަންނާނީ ނޭޝަންސް ލީގުގެ އެއް ވަަނަ ޑިވިޝަން އަށެވެ. އަދި ދެން އޮތް ހަތަރު ޓީމު ވަންނާނީ ނޭޝަންސް ލީގުގެ ދެ ވަނަ ޑިވިޝަން އަށެވެ.
"ޔަގީން ކަމެއް އެއީ ކޮންމެބޯލް (ދެކުނު އެމެރިކާގެ މައި ފުޓްބޯޅަ އިދާރާ) އިން 2024 ވަނަ އަހަރު ނޭޝަންސް ލީގުގައި ބައިވެރިވާނެ،" ބޮނިއެކް ވިދާޅުވި އެވެ.
ޔުއެފާ އިން 2018 ވަނަ އަހަރު ތައާރަފްކުރި ނޭޝަންސް ލީގަކީ ހަތަރު ކެޓަގަރީ އަކަށް ބަހާލައިގެން ރޭވިފައި އޮތް މުބާރާތެކެވެ. އެ މުބާރާތުގެ ތަށްޓައް ވާދަކުރެވޭނީ އެ ފަހަރެއްގައި އެއް ޑިވިޝަނުގައި އޮންނަ ޓީމުތަކަށެވެ. ދެން އޮތް ތިން ޑިވިޝަނަކީ ފުރަތަމަ ޑިވިޝަނަށް އަންނަން ކޮލިފިކޭޝަނެކެވެ. ޔުއެފާ އިން ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ކޮލިފައިން ވެސް ކުރިއަށްދާނީ މީގެ ތެރެއިންނެވެ.
ނޭޝަންސް ލީގުގެ ފައިނަލް ބުރަށް ހޮވޭނީ އެއް ވަނަ ޑިވިޝަނުގެ ހަތަރު ގުރޫޕުގެ އެއް ވަަނަ ހޯދާ ހަތަރު ގައުމެކެވެ. އެންމެ ފުރަތަަމަ ބޭއްވި ނޭޝަންސް ލީގު 2019 ވަނަ އަހަރު ކާމިޔާބުކުރީ ޕޯޗުގަލް އެވެ. މި އަހަރު ނޭޝަންސް ލީގުގެ ފައިނަލުގައި ސްޕެއިން ބަލިކޮށް ތަށި އުފުލާލީ ފްރާންސް އިންނެވެ.
ދެކުނު އެމެރިކާ އާއި ޔޫރަޕްގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ދެކުނު އެމެރިކާގެ ޓީމުތަކަށް ދައުވަތު ދީގެން ނޭޝަންސް ލީގު ބާއްވަން ޔުއެފާ އާއި ދެކުނު އެމެރިކާގެ މައި ފުޓްބޯޅަ އިދާރާ ކޮންމެބޯލް އިން މަޝްވަރާކުރަމުން އަންނަ އެންމެ ބޮޑު ސަބަބަކީ ކޮންމެ ދެ އަހަރަކުން އެއް ފަހަރު ފީފާ ވޯލްޑް ކަޕް ބާއްވަން ފީފާގެ ރުހުމާ އެކު ގައުމުތަކުން މަސައްކަތް ކުރަމުންދާތީ އެވެ. ދެ އަހަރުން އެއް އަހަރު ވޯލްޑް ކަޕް ބޭއްވުމުގެ ޕްރޮޕޯސަލާ ޔުއެފާ އާއި ކޮންމެބޯލްގެ މެޖޯރިޓީ ގައުމުތައް ދެކޮޅެވެ.
ޔުއެފާ އާއި ކޮންމެބޯލްގެ ގުޅުން ބަދަހިވަމުން އަންނައިރު، މި އަހަރުގެ ކޮޕަ އެމެރިކާގެ ޗެމްޕިއަން އާޖެންޓީނާ އާއި ޔޫރޯގެ ޗެމްޕިއަން އިޓަލީ އަންނަ އަހަރު ޖޫން އެއް ވަނަ ދުވަހު ލަންޑަންގައި ހާއްސަ މެޗެއް ކުޅޭގޮތަށް ވަނީ ހަމަޖެހިފަ އެެވެ.












