އަރަބިއްޔާ ސުކޫލުގެ އިމާރާތަށް ގެއްލުންވެފައިވާތީ އެ ސްކޫލުގެ ދަރިވަރުން ވަގުތީގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލު ކުރުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވާތީ އެކަމާ ދެކޮޅަށް އެ ސްކޫލްގެ ބެލެނިވެރިން މިއަދު އިހްތިޖާޖްކޮށްފި އެވެ.
ސްކޫލް ކުރިމަތީގައި މި އިހްތިޖާޖްކުރަން ފެށީ މިއަދު ހަވީރު އެ ސުކޫލުގައި ބެލެނިވެރިން ބޭއްވި ބައްދަލުވުމަކަށްފަހު އެވެ. ބެލެނިވެރިން ބުނަނީ އިއްޒުއްދީން ސްކޫލަށް ދަރިވަރުން ގެންގޮސްފި ނަމަ "އަޅުގަނޑުމެން ޅަދަރީންގެ އަރަބި އިސްލާމީ ތައުލީމު ފަނާވެ" ހިނގައިދާނެ ކަމަށެވެ.
އަރަބިއްޔާ ސްކޫލް ކުރިމަތީގައި މިއަދު ކުރި އެ އިހްތިޖާޖުގެ ބައިވެރިން ތިބީ "ސޭވް އަރަބިއްޔާ" ފެހިކުލައިން ޖަހާފައިވާ ހުދު ޓީޝާޓު ލައިގެންނެވެ. އެ ޓީޝާޓުގަ "ދާއިމީ ހައްލެއް" އަދި "މުސްތަގުއްލު އިމާރާތެއް" މިފަދަ ޝުއޫރުތައް ލިޔެފައި ހުއްޓެވެ.
ހިމޭންކޮށް ކުރިއަށްގެންދިޔަ އެ އިހްތިޖާޖުގައި ބައިވެރިންގެ ޝުއޫރުތައް ހާމަކުރަމަށް ކޮންމެ މީހަކު ވެސް ހުރީ ބޯޑެއް ހިފައިގެންނެވެ. އެ މީހުން ބުނީ މިފަހަރު ރައިސުލްޖުމްހޫރިއްޔާއަށް އަރަބިއްޔާ ބެލެނިވެރިންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް އިވޭނެ ކަމުގައި އުންމީދު ކުރާ ކަމަށެވެ.
އެފަދައިން ބުނީ އެ ސްކޫލްގެ ޕީޓީއޭގެ ކަންބޮޑުވުންތައް ރައީސް އިބްރާޙިމް މުހައްމަދު ސޯލިހާ ހިއްސާކުރުމަށް ދެ ފަހަރެއްގެ މަތިން ބައްދަލުވުމަކަށް އެދުމުން ވެސް ރައީސް އޮފީހުން އެކަމަށް ޖަވާބެއް ދީފައި ނުވާތީ ކަމަށްވެ އެވެ.

އިއްޒުއްދީން ސްކޫލަށް އަރަބިއްޔާ ސްކޫލްގެ ދަރިވަރުން ބަދަލުކުރުމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ. އަދި ބުނެފައި ވަނީ ދަރިވަރުން ބަދަލު ކުރެވޭނީ ކިޔެވުމަށް ހާއްސަކޮށް ވަސީލަތްތައް ގާއިމްކޮށްފައިވާ އިމާރާތަކަށް އެކަނި ކަމަށެވެ.
އޭގެ އިތުރުން، ހުޅުމާލޭގައި މިހާރު އިމާރާތްކުރަމުންދާ ތިން ސްކޫލުގެ ތެރެއިން ސްކޫލެއް އަރަބިއްޔާއަށް ހާއްސަކުރަން ވެސް ނިންމާފައިވާ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. އެކަމަކު އެއީ އޭގެ ތެރެއިން ކޮން ސްކޫލެއް ކަމެއް އަދި ނުނިންމަ އެވެ.
ވަގުތީ ގޮތުން އަރަބިއްޔާ ސްކޫލްގެ ދަރިވަރުން ބަދަލުކުރި ނަމަވެސް އެޑިޔުކޭޝަނުން ބުނީ އަރަބިއްޔާގެ އިމާރާތަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރަން ސްޓްރަކްޗަރަލް އެސެސްމަންޓުގެ ރެކޮމެންޑޭޝަނުގައި ބުނާ ކަންކަން ކުރާނެ ކަމަށެވެ. އަދި އިމާރާތަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރަން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ދެމުން މިނިސްޓްރީން ބުނީ އެ އިމާރާތް އަބަދުވެސް ހާއްސަވާނީ އަރަބިއްޔާއަށް ކަމަށެވެ.
އަރަބިއްޔާ ސްކޫލަކީ އަރަބި މީޑިއަމަށް ކިޔަވައިދޭން މާލޭގައި ހުންނަ ހަމައެކަނި ސްކޫލެވެ.










