މެންޗެސްޓާ (ޑިސެމްބަރު 16) - މެންޗެސްޓާ ޔުނައިޓަޑްގެ ޓީމުގެ ތެރެއިން ކޮވިޑްގެ އިތުރު ކޭސްތަކެއް ފެންމަތިވެއްޖެ އެވެ.
ޔުނައިޓަޑްގެ ޓީމުގެ ތެރެއިން ބަޔަކު ކޮވިޑަށް ޕޮޒިޓިވްވުމާ ގުޅިގެން، ޔުނައިޓަޑްގެ ސީނިއާ ޓީމުގެ ފަރިތަކުރުންތައް މެދުކަނޑާލީ ހޯމަ ދުވަހު އެވެ. ކޮވިޑްގެ ކޭސްތައް ފެނުމާއެކު، އިނގިރޭސި ޕްރިމިއާ ލީގުގައި އަންގާރަ ދުވަހުގެ ރޭ ޔުނައިޓަޑާއި ބްރެންޓްފޯޑް ކުޅެން އޮތް މެޗު ވަނީ ފަސްކޮށްފަ އެވެ.
ޔުނައިޓަޑުން އެ ޓީމުގެ ފަރިތަކުރުންތައް އަލުން ފެށުމުގެ ކުޅުންތެރިން ހެދި ޓެސްޓްތަކުން ޓީމުގެ އިތުރު ބަޔަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. ޔުނައިޓަޑްގެ ފަރިތަކުރުންތައް އަލުން ފެށީ ޕޮޒިޓިވްވި ކުޅުންތެރިން ބައިވެރިނުވެ އެވެ.
ޔުނައިޓަޑްގެ ޓީމުގެ ތެރޭގައި ކޮވިޑް ކޭސްތައް އިތުރުވުމާ ގުޅިގެން، ލީގުގައި ހޮނިހިރު ދުވަހު ބްރައިޓަންއާ ދެކޮޅަށް ޔުނައިޓަޑް ކުޅޭ މެޗު ކުޅެވޭނެކަމާމެދު ވަނީ ސުވާލު އުފެދިފަ އެވެ.
ކޮވިޑް-19ގެ އޮމިކްރޮން ވޭރިއަންޓާ ގުޅިގެން އެ ބަލި ފެތުރުން އިތުރުވެފައިވާތީ، އިނގިރޭސި ޕްރިމިއާ ލީގުން ކޮވިޑް-19އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ.
އޮމިކްރޮން ވޭރިއަންޓާ ގުޅިގެން ކޮވިޑް-19 ފެތުރޭ މިންވަރު އިތުރުވެފައިވާއިރު، ޕްރިމިއާ ލީގަށް ވެސް ވަނީ އޭގެ އަސަރުކޮށްފަ އެވެ. ފާއިތުވި ހަތް ދުވަހުގެ ތެރޭގައި ޕްރިމިއާ ލީގުގެ ކްލަބުތަކުން 42 މީހެއް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. މިއީ ޕްރިމިއާ ލީގުން ކޮވިޑް ޓެސްޓްކުރަން ފެށި ފަހުން، ހަފުތާއެއްގެ މުއްދަތެއްގައި ތެރޭގައި ޕްރިމިއާ ލީގުން އެންމެ ގިނައިން މީހުން ޕޮޒިޓިވްވި ފަހަރެވެ.












