ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ކުރީގެ މިނިސްޓަރު އުމަރު ޒާހިރު ކޮވިޑަށް ޕޮޒިޓިވްވެ, ހާލު ސީރިއަސްވެއްޖެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އުމަރު ޒާހިރު ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ މީގެ ހަތަރު ދުވަސް ކުރިންނެވެ. އޭގެކުރިން އެމަނިކުފާނު ވަނީ އަމިއްލަ ހަރަދުގައި ފުވައްމުލަކުގައި އެޅުއްވި މިސްކިތް ހުޅުވުމަށް އެ ރަށަށް ދަތުރު ކުރައްވާފަ އެވެ.
އެ ދަތުރަށްފަހު އުމަރު ޒާހިރު އުޅުއްވީ އާލާސްކަންފުޅާ އެވެ. މިއަދު ހާލު އިތުރަށް ގޯސްވުމާ ގުޅިގެން މިހާރު ވަނީ ދަރުމަވަންތަ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭން ފަށާފަ އެވެ.

އުމަރު ޒާހިރަކީ 1953 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރާ ހަމައަށް ސަރުކާރުގެ ގިނަ މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އުމުރުން 85 އަހަރުގެ އުމަރު ޒާހިރު ފާހަަގަކޮށްލެވެނީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހިންގި ބޮޑެތި މަޝްރޫއުތައް ހިންގެވުމުގައި އިސްކޮށް އުޅުއްވި މިނިސްޓަރުގަ ގޮތުގަ އެވެ.
އެމަނިކުފާނަށް ނިޝާން އިއްޒުއްދީންގެ އިއްޒަތްތެރި ވެރިކަމުގެ ލަގަބު ލިބިވަޑައިގެންނެވީ 2008 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހު އެވެ. އެއީ ރައީސް މައުމޫންގެ ވެރިކަމުގެ ފަހު ދުވަހެވެ.













