ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ގައުމީ ޓީމުގެ ގޯލްކީޕަރު މުހައްމަދު ޝަފީއު (ޗެކް)ގެ ސޮއި ހޯދި އެންމެ ބޮޑު ސަބަބަކީ ދިވެހި ކީޕަރުންނަށް ފުރުސަތު ދިނުމަށް ކަމަށް އެ ކްލަބުން ބުނެފި އެވެ.
ޝަފީއުގެ އިތުރުން ޒުވާން ގައުމީ ޓީމުގެ ގޯލްކީޕަރު ޔޫސުފް މީސަމް އަބްދުﷲ ވެސް ހުރީ ސަސްގަ އެވެ.
މިދިޔަ ސީޒަނުގައި ސަސް އިން މުޅިން އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރިއިރު، އެ ޓީމުގެ ގޯލު ބަލަހައްޓަން ގެނައީ އުޒްބެކިސްތާންގެ ގޯލްކީޕަރު މިރްޒޮހިދު މަމަކްތޯނޯފް އެވެ. ސީޒަން އަވަހަށް ނިންމާލިއިރު، މިރްޒޮހިދު ފަހުން އޭއެފްސީ ކަޕްގައި ކުޅުނީ މާޒިޔާ އަށެވެ.
ސަސްގެ އޮފިޝަލް އަދި ފުރަތަމަ ޑިވިޝަނުގައި ގިނަ އަހަރުތަކެއް ވަންދެން ގޯލްކީޕަރު ކޯޗެއްގެ ގޮތުގައި މަސައްކަތްކުރި ހަސަން ހަމީދު (ޑަކޭ)، "އަދަދު" އަށް ބުނީ މި ސީޒަނުގައި ސަސް އިން ފެންނާނީ ދިވެހި ކީޕަރުން ކަމަށެވެ. ފޯކަސް އަކީ ވެސް މި އަހަރު ދިވެހި ކީޕަރަކަށް ފުރުސަތު ދީގެން ކުރިއަށް ދިއުން ކަމަށް ޑަކޭ ބުންޏެވެ.
ސާފް ޗެމްޕިއަންޝިޕްގައި މި ފަހަރު ސްރީލަންކާއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުގައި ބަދަލެއްގެ ގޮތުގައި އަރައި ގައުމީ ޓީމުގެ ގޯލު ބެލެހެއްޓި ޝަފީއު އަކީ ފުރަތަމަ ޑިވިޝަނުގެ ތަޖުރިބާ ބޮޑު ކުޅުންތެރިއެކެވެ. މިދިޔަ ސީޒަނުގައި ކްލަބް ވެލެންސިއާ އަށް ކުޅުނު ޝަފީއު ވަނީ ކުރިން ނިއު ރޭޑިއަންޓާއި އީގަލްސް، ޔުނައިޓެޑް ވިކްޓްރީ އަދި ފ. ނިލަންދޫ ޓީމަށް ވެސް ފުރަތަމަ ޑިވިޝަނުގައި ކުޅެފަ އެވެ.
ސަސްގެ ކޯޗަކަށް ގައުމީ ޓީމުގެ ކުރީގެ އެސިސްޓަންޓް ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ހަމަޖެއްސިއިރު، އެ ޓީމުން ވަނީ އާ ކުޅުންތެރިންތަކެއްގެ ސޮއި ހޯދައިފަ އެވެ.
ސަސްއާ ގުޅުނު ކުޅުންތެރިންގެ ތެރޭގައި ގައުމީ ޓީމުގެ މިޑްފީލްޑަރު ޔަސްފާދު ހަބީބު (މުލަކޭ) އާއި 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ޑިފެންޑަރު އަހުނަފް ރަޝީދު (އަހުއްކޮ) އަދި ބީޖީ އާއި ވެލެންސިއާ އަށް ކުޅުނު ޑިފެންޑަރު މުހައްމަދު ނިޒާމް (ޕީކޭ) ހިމެނެ އެވެ.












