ޖަލު ބަންދުގައި ހުންނެވި މުއްދަތުގައި އިނާޔަތުގެ ގޮތުގައި ލިބެންޖެހޭ ފައިސާގެ ތެރެއިން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފިނޭންސަށް ހުށަހެޅުއްވީ މާލީ އިނާޔަތާއި ދިރިއުޅޭ ތަނުގެ ހަރަދުގެ ގޮތުގައި ލިބިވަޑައިގަންނަވާ ފައިސާ އެކަނި ކަމަށް އެ މަނިކުފާނުގެ ވަކީލުންގެ ޓީމުން ބުނެފިި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ބަންދުގެ މުއްދަތުގައި ހުރި ފައިސާ ހޯއްދަވަން ޔާމީން ހުށަހެޅުއްވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ބަންދުގައި ހުންނެވި އިރު އެ އިނާޔަތްތައް ލިބަވަޑައިނުގެންނެވީ ގާނޫނުން މަނާކުރާތީ އެވެ.
އިނާޔަތްތައް ހޯއްދަވަން ހުށަހެޅުއްވުމާ ގުޅިގެން ޔާމީންގެ ވަކީލުންގެ ޓީމުން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ޖަލު ހުކުމް ކުރުމާ ހަމައަށް ވެސް އިނާޔަތްތަކުގެ ތެރެއިން އެމަނިކުފާނު ނަންގަވަމުން އައީ މާލީ އިނާޔަތުގެ ގޮތުގައި މަހަކު 50،000ރ. އާއި ދިރިއުޅުއްވާ ތަނުގެ ހަރަދުގެ ގޮތުގައި އިތުރު 50،000ރ. އެކަނި ކަމަށެވެ.
އޭގެ ކުރިން ވެސް، ކުރީގެ ރައީސުންނަށް އޮފީސް ހިންގަން ލިބޭ ފައިސާ ނުނަންގަވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ.
ކުރީގެ ރައީސެއްގެ ހައިސިއްޔަތުން އޮފީސް ހިންގުމުގެ ހަރަދުގެ ގޮތުގައި 175،000ރ. ތިން ރައީސަކަށް ލިބެ އެވެ. އެއީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި، މުހައްމަދު ނަޝީދާއި، މުހައްމަދު ވަހީދެވެ. މިބޭފުޅުންނަށް އަހަރެއްގެ މައްޗަށް ބޭސްފަރުވާ ކުރަން އިތުރު 700،000ރ. ލިބިވަޑައިގަންނަވަ އެވެ.

ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ނޮވެމްބަރު، 2019 ގައި އިއްވި ހުކުމް ސުޕްރީމް ކޯޓުން ބާތިލުކުރީ ނޮވެމްބަރު، 2021 (މިދިޔަ މަހު) އެވެ.
ހޯއްދަވަން ހުށަހަޅުއްވާފައިވާ އިނާޔަތްތައް މި މުއްދަތަށް ހިސާބުކުރުމުން ޖެހެނީ 2.4 މިލިއަން ރުފިޔާ އެވެ.












