މެޑްރިޑް (ޑިސެމްބަރު 5) - ސްޕެނިޝް ލީގުގައި ރޭ ރެއާލް ސޮސިއެޑާޑް ދަނޑުގައި އެ ޓީމު 2-0 އިން ބަލިކޮށް ރެއާލް މެޑްރިޑުން ލީގުގެ އެއް ވަނައިގައި އަށް ޕޮއިންޓަށް ލީޑުފުޅާކޮށްފި އެވެ.
ރޭގެ މެޗަށް ފަހު ރެއާލް އެއް ވަނައިގައި އޮތީ 16 މެޗުން 39 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ސެވިއްޔާ އަށް 15 މެޗުން ލިބިފައިވަނީ 31 ޕޮއިންޓެވެ. ތިން ވަނައިގައި ރެއާލް ބެޓިސް އޮތީ 16 މެޗުން 30 ޕޮއިންޓާ އެކު އެވެ. ރޭ މަޔޯކާ އަތުން 2-1 އިން އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑް ބަލިވިއިރު، އެ ޓީމު ހަތަރެއްގައި އޮތީ 15 މެޗުން 29 ޕޮއިންޓް ހޯދައިގެންނެވެ. ސޮސިއެޑާޑް ފަސް ވަނައިގައި އޮތީ 16 މެޗުން 29 ޕޮއިންޓާ އެކު އެވެ. ރޭ ބެޓިސް އަތުން ބަލިވި ބާސެލޯނާ ހަތް ވަނައިގައި އޮތީ 15 މެޗުން 23 ޕޮއިންޓާ އެކު އެވެ.
ރެެއާލުން ރޭގެ މެޗު ފަށައިގެން 16 ވަނަ މިނިޓްގައި ކަރިމް ބެންޒެމާ ބަދަލުކުރަން ޖެހުނެވެ. ބެންޒެމާ ބަދަލުކުރީ ލިބުނު އަނިޔާއެއްގެ ސަބަބުންނެވެ. ބެންޒެމާގެ ބަދަލުގައި ކުޅެން އެރި ލޫކަ ޔޯވިޗް ވަނީ ރެއާލުން ރޭ ޖެހި ދެ ގޯލުގައި ވެސް މުހިއްމު ރޯލެއް އަދާކޮށްފަ އެވެ.
ދެ ވަނަ ހާފް ފެށިގެން ދެ ވަނަ މިނިޓްގައި ވިނީޝިއުސް ޖޫނިއާ ރެއާލަށް ލީޑުނަގައިދިނީ ޔޯވިޗް އޭރިއާތެރެއިން ދިން ބޯޅައަކުންނެވެ. އޭގެ 10 މިނިޓް ފަހުން އޭރިއާތެރެއިން ރަނގަޅު ތަނަށް ހުސްވެ، ޔޯވިޗް ވަނީ ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައި ރެއާލަށް ލީޑުފުޅާކޮށްދީފަ އެވެ. ރެއާލަށް ތިން ވަނަ ގޯލެއް ޖަހައިދޭން ވިނީޝިއުސް އަށް ލިބުނު ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ.
ރޭގެ މެޗުގައި ސޮސިއެޑާޑްގެ އަލެކްސަންޑަ އިސާކަށް ގޯލު ޖަހަން ލިބުނު ފުރުސަތުތައް ހުއްޓުވުމުގައި ރެއާލް ޑިފެންޑަރުން ރަނގަޅު ކުޅުމެއް ދެއްކި އެވެ.
އަމިއްލަ ދަނޑުގައި މަޓެއުސް ކޫންޏާގެ ގޯލުން އެތުލެޓިކޯ އިން ލީޑުނަގާފައިވަނިކޮށް މަޔޯކާ އިން މެޗުގެ ނަތީޖާ އަނބުރާލީ ފަހު 10 މިނިޓް ތެރޭ ދެ ގޯލު ޖަހައިގެންނެވެ. މި ދެ ގޯލު ޖެހީ ފަހަތަށް ކުޅޭ ފްރާންކޯ ރޫސޯ އާއި ރެއާލްގެ ލޯން އެއްބަސްވުމެއްގެ ދަށުން މަޔޯކާ އަށް ކުޅެމުން އަންނަ ޖަޕާންގެ ޓަކެފޫސާ ކޫބޯ އެވެ.












