ބާސެލޯނާ (ޑިސެމްބަރު 4) - ސްޕެނިޝް ލީގުގައި މިރޭ ރެއާލް ބެޓިސް އަތުން 1-0 އިން ބާސެލޯނާ ބަލިވެއްޖެ އެވެ. މިއީ ބާސެލޯނާގެ ކޯޗުކަމާ ޒަވީ ހެނާންޑޭޒް ހަވާލުވިފަހުން ބަލިވި ފުރަތަމަ މެޗެވެ.
ޒަވީ ހަވާލުވި ފަހުން ބާސެލޯނާ އިން ލީގުގައި ކުޅުނު ދެ މެޗުން މޮޅުވިއިރު، ޗެމްޕިއަންސް ލީގުގައި ވަނީ ބެންފީކާއާ އެއްވަރުވެފަ އެވެ. މިރޭ ބެޓިސް އަތުން ބަލިވިއިރު، ބާސެލޯނާ އޮތީ ލީގުގެ ހަތް ވަނައިގަ އެވެ. އެއީ 15 މެޗުން 23 ޕޮއިންޓާ އެކު އެވެ. ލީގުގެ އެއް ވަނައިގައި އޮތް ރެއާލް މެޑްރިޑުން ވަނީ 16 މެޗުން 39 ޕޮއިންޓް ހޯދައިފަ އެވެ. ހަތަރެއްގައި އޮތް އެތުލެޓިކޯ އާއި ބާސެލޯނާއާ ދެމެދު ހަ ޕޮއިންޓުގެ ފަރަގެއް އެބައޮތެެވެ.
ބާސެލޯނާގެ ދަނޑުގައި މިރޭ ކުޅުނު މެޗު ފަށައިގެން އެ ޓީމުގެ ފިލިއްޕޭ ކުޓީނިއޯ އޭރިއާތެރެއިން ޖެހި ބޯޅައެއް ގޯލަކަށް ހަދައިނުލެވުނެވެ. މެޗުގައި ބާސެލޯނާ ކޮޅަށް ބެޓިސްގެ ހުއާންމީ ޖެހި ފުރަތަމަ ގޯލު ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ. ބާސެލޯނާގެ އޮސްމާން ޑެމްބެލޭ ގިނަ ހަމަލާތަކެއް ފޮނުވާލި މި މެޗުގައި އޭނާ ޖެހި ގިނަ ޝޮޓްތައް ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.

މިރޭގެ މެޗުގެ ތެރެއިން ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް.
ބެޓިސް އިން ބާސެލޯނާ ކޮޅަށް ގޯލު ޖެހީ ކައުންޓަ އެޓޭކުގަ އެެވެ. މެޗުގެ 79 ވަނަ މިނިޓްގައި ޓެލޯ ހުސްކޮށްލާފައި ދިން ބޯޅަ ހުއާންމީ ވަނީ ހަމަޖެހިލާފައި ތިރިތިރިން ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.
ބާސެލޯނާ އަށް އެއްވަރުކޮށްދޭން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ 19 އަހަރުގެ އަބްދޭ އެޒަލްޒޫލީ އަށެވެ. އޭރިއާތެރެއިން ހުސްކޮށް ކަހަލަ ގޮތަކަށް ލިބުނު ފުރުސަތުން އޭނާ ޖެހި ބޯޅަ ދިޔައީ މާ މަތިިންނެވެ.
މެޗަށް ފަހު ބާސެލޯނާގެ ކޯޗު ޒަވީ ބުނީ ދެއްކި ކުޅުމަށް ބަލާއިރު މިއީ ބާސެލޯނާ ބަލިވުން ހައްގު މެޗެއް ނޫން ކަމަށެވެ.
ސެވިއްޔާ އިން ވަނީ މިރޭ 1-0 އިން ވިޔަރެއާލް ބަލިކޮށްފަ އެވެ. ސެވިއްޔާގެ ހަމައެކަނި ގޯލު ޖެހީ ލޫކަސް އޮކަމްޕޯސް އެވެ. ކުޅުނު 15 މެޗުން ލިބުނު 31 ޕޮއިންޓާ އެކު ދެ ވަނައިގައި އޮތީ ސެވިއްޔާ އެވެ.












