މެލްބަން (ޑިސެމްބަރު 3) - އަންނަ މަހު ބާއްވާ އޮސްޓްރޭލިއަން އޯޕަން ޓެނިސް މުބާރާުތުގައި ކުޅެން ފުރުސަތު ދޭނީ ކޮވިޑް-19 ވެކްސިން ފުރިހަމަ ކޮށްފައިވާ ކުޅުންތެރިންނަށް ކަމަށް ކަނޑައެޅީ ދުނިޔޭގެ އެއް ވަނަ ކުޅުންތެރިޔާ ނޮވަކް ޖޮކޮވިޗް "ބްލެކްމެއިލް" ކުރުމުގެ ގޮތުން ނޫން ކަމަށް މުބާރާތް އިންތިޒާމްކުރާ ފަރާތުން ބުނެފި އެވެ.
އޮސްޓްރޭލިއަން އޯޕަން ތަށި ހޯދައިފިނަމަ ޖޮކޮވިޗަށް ގްރޭންޑް ސްލޭމް މުބާރާތްތައް ކާމިޔާބު ކުރުުމުގެ ރެކޯޑެއް ގާއިމްކުރެވޭނެ އެވެ. އެކަމަކު، އެ މުބާރާތުގައި ޖޮކޮވިޗަށް ކުޅެވެން އޮތީ ކޮވިޑް-19 ވެކްސިން ދެ ޑޯޒް ފުރިހަަމަ ކޮށްފައިވާކަން ސާބިތު ކޮށްދީގެންނެވެ. އެކަމަކު، ޖޮކޮވިޗް އަންނަނީ ވެކްސިން ޖެހިކަން ސާބިތުކޮށްދޭން ދެކޮޅު ހަދަމުންނެވެ.
ދާދި ފަހުން ސާބިއާގެ ޓީވީ އަކަށް ދިން އިންޓަވިއުއެއްގައި ޖޮކޮވިޗްގެ ބައްޕަ، ސާޑިޖާން ބުނީ ގަވާއިދުތައް ހުރި ގޮތުން ޖޮކޮވިޗް އޮސްޓްރޭލިއަން އޯޕަން އިން ނުފެނުމުގެ ފުރުސަތު އެބައޮތް ކަމަށެވެ. ސާޑިޖާން ބުނީ އުސޫލުތައް ހެދިފައި ހުރީ ވެކްސިން ޖަހަން "ބްލެކްމެއިލް" ކުރާ ކަހަލަ ގޮތަކަށް ކަމަށެވެ.
އެ ވާހަކަތަކަށް ރައްދުދިނީ އޮސްޓްރޭލިއަން އޯޕަންގެ އިންތިޒާމް ކޮމިޓީ އާއި އޮސްޓްރޭލިއަން އޯޕަން ބާއްވާ ވިކްޓޯރިއާ ސަރަހައްދަށް ނިސްބަތްވާ ސްޕޯޓްސް މިނިސްޓަރު މާޓިން ޕަކޫލާ އެވެ.
މާޓިން ވިދާޅުވީ ކުޅިވަރު ކުޅޭ ކުޅުންތެރިއަކު ވެސް އެ އޮންނަ އުސޫލަށް ތަބާވާން ޖެހޭނެ ކަަމަށާއި މުޖުތަމައުއެއްގެ ރައްކާތެރިކަމަށް ހެދިފައި އޮންނަ ގަވާއިދުތަކަށް ބޯލަނބަށް ޖެހޭނެ ކަމަށެވެ.
"މިއީ ހުރިހާ ފަރާތަކުން ވެސް ގަބޫލުކުރަން ޖެހޭ ހަގީގަތެއް. ބްލެކްމެއިލް ކުރުމެއް ނޫން، މި ހިނގާ ކަމަކީ. މިއީ އެންމެންގެ ސިއްހީ ސަލާމަތަށްޓަކައި އެޅިފައިވާ ފިޔަވަޅެއް ދެމެހެއްޓުމަށް ކުރެވޭ މަސައްކަތެއް،" މާޓިން ވިދާޅުވި އެވެ.
މި ދުވަސްވަރު ޓެނިހުގެ އެންމެ މަގުބޫލު ވާހަކަ އަކީ ޗައިނާގެ ޓެނިސް ތަރި ޕެންގް ޝުއާއީގެ ވާހަކަ ތަކެވެ. ޕެންގްގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރުމަށް ފަހު ޗައިނާގައި ބާއްވާ ޓެނިސް މުބާރާތްތައް ސަސްޕެންޑު ކުރަން ވިމެންސް ޓެނިސް އެސޯސިއޭޝަން (ޑަބްލިއުޓީއޭ) އިން ވަނީ ނިންމައިފަ އެވެ.
ޗައިނާގައި ޕެންގްގެ މައްސަލަ ހޫނުވީ މީގެ ތިން ހަފުތާ ކުރިން ޗައިނާގެ އިސް އޮފިޝަލަކަށް ޖިންސީ ގޯނާގެ ތުހުމަތު ކުރި ފަހުންނެވެ. އޭނާ އޭގެ ފަހުން އާންމު ތަންތަނުން ނުފެންނާތީ ޓެނިހުގެ ގިނަ ފަރާތްތަކުން ކަންބޮޑުވެ އެވެ.
ނޮވެމްބަރު މަހު އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ ރައީސް ތޯމަސް ބަކްއާ އެކު ބޭއްވި ވީޑިއޯ ކޯލެއްގައި ޕެންގް ބުނީ އޭނާ ހުރީ "ރައްކާތެރިކަމާ އެކު ހެޔޮ ހާލުގައި" ކަމަށެވެ. ނަމަވެސް ޑަބްލިއުޓީއޭ އިން ބުނީ އެ ވީޑިއޯއަކީ ޕެންގްގެ ރައްކާތެރިކަން ކަށަވަރު ކުރަން އެންމެ އެކަށޭނަ މިންވަރުގެ ހެކި ނޫން ކަމަށެވެ.
ޖޮކޮވިޗް ބުނީ ޕެންގް މައްސަލައިގައި ޑަބްލިއުޓީއޭ އިން ނިންމާފައިވާ ނިންމުމަށް ފުރިހަމަ އަށް ތާއީދުކުރާ ކަމަށެވެ.












