ރާއްޖޭގައި ރައީސްކަން ކޮށްފައިވާ ބޭފުޅުންނަށް ލިބޭ އިނާޔަތްތަކާއި އޮފީސް ހިންގުމުގެ ހަރަދުގެ ގޮތުން ދޭން ޖެހޭ ފައިސާގެ ތެެރެއިން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަށް ލިބެން ޖެހޭ ފައިސާ ހަމަޖައްސާނީ ކޮންޓިންޖެންސީ ބަޖެޓުން ކަމަށް ފިނޭންސް މިނިސްޓްރީން މިއަދު ބުނެފި އެވެ.
މި އަހަރާށް ފާސްކުރި ބަޖެޓާއި، އަންނަ އަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓުގައި ކުރީގެ ރައީސުންގެ އިނާޔަތްތައް ދޭން ހިމެނީ ކުރީގެ ރައީސުންގެ ތެރެއިން މައުމޫން އަބްދުލް ގައްޔޫމާއި މުހައްމަދު ނަޝީދާއި މުހައްމަދު ވަހީދަށެވެ.
ޔާމީންގެ ހަރަދުތަކަށް ފައިސާ ބަޖެޓު ނުކުރީ، ދެ އަހަރު ވެސް ބަޖެޓު ފާސްކުރިއިރު ޖިނާއީ ކުށެއް ސާބިތުވެ އެ މަނިކުފާނު ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާތީ އެވެ.
އެކަމަކު ސުޕްރީމް ކޯޓުން އިއްޔެ އެ ހުކުމް ބާތިލުކުރުމާ ގުޅިގެން ހާލަތު ވަނީ ބަދަލުވެފަ އެވެ. އަދި ޖަލު ހުކުމް ބާތިލުކުރި ހިސާބުން ފެށިގެން އިނާޔަތްތައް ހިނގަން ޖެހޭނެ އެވެ.
ޔާމީންގެ އިނާޔަތްތަކުގެ ހަރަދު ހަމަޖައްސަނީ ކިހިނެއްތޯ ސުވާލުކުރުމުން ފިނޭންސް މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ލަމާން ވަހީދު "އަދަދު"އަށް ވިދާޅުވީ، ކޮންޓިންޖެންސީ ބަޖެޓުގެ ތެރެއިން އެ ފައިސާ ހަމަޖެއްސުމަށް މާލިއްޔަތު ގާނޫނު ތަންދޭ ކަމަށެވެ.

"މިއީ އަލަށް ދިމާވި ކަމެއް ނޫން. ރައީސް މައުމޫނާއި ރައީސް ނަޝީދުގެ މައްޗަށް އިއްވި ހުކުމްތައް ބާތިލުވުމާ ގުޅިގެން ހަމަ ކުރިން ބަޖެޓު ނުކުރެވި ހުރި އެލަވަންސްތައް ދިނީ ކޮންޓިންޖެންސީ ބަޖެޓުގެ ތެރެއިން" ލަމާން ވިދާޅުވި އެވެ.
އެހެންކަމުން އަންނަ އަހަރަށް ލަފާކޮށް ފާސްކޮށްފައިވާ ބަޖެޓުގައި ބަޖެޓު ކޮންޓިންޖެންދިސީއަށް ކަނޑައަޅާފައިވާ 1.3 ބިލިއަން ރުފިޔާގެ ތެރެއިން މި ހަރަދުތައް ހަމަޖެހިގެން ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައީސް ޔާމީންއަަށް ލިބޭ އިނާޔަތްތައް
މާލީ އިނާޔަތް - 75،000ރ. (މަހަކު)
ދިރިއުޅުއްވާ ތަނުގެ ހަރަދަށް - 50،000ރ. (މަހަކު)
އޮފީސް ހިންގުމުގެ ހަރަދު - 175،000ރ. (މަހަކު)
ބޭސްފަރުވާގެ ހަރަދު - 58،333.33ރ. (މަހަކު)
ޔާމީންއަށް ލިބެންޖެހޭ އިނާޔަތްތައް ހަމަޖައްސަން އަންނަ އަހަރުގެ ބަޖެޓުން ހަރަދުވާނީ ހަތަރު މިލިއަން ރުފިޔާ އެވެ. ކޮންމެ މަހަކަށް ޖެހޭ އަދަދަކީ 358،333.33ރ. އެވެ
ހުކުމް ބާތިލުކުރި ތާރީހުން ފެށިގެން މި އިނާޔަތްތައް ލިބެން ޖެހޭތީ، މި ޑިސެމްބަރު މަހުން ފެށިގެން ލިބެން ފަށާނެ އެވެ.













