އިންޑިއާގެ ސެންޑަލް މޮރިޝަސް ކުންފުނިން ހުޅުމާލޭގައި ތަރައްގީކުރާ ދެވަނަ ހައުސިން ޕްރޮޖެކްޓު "ސޮލަޓެއާ" އިން އެޕާޓްމަންޓުތައް ގަންނަން ޝައުގުވެރިކަން ހުރި މީހުންނަށް ބުކިން ހައްދަން ފުރުސަތު ހުޅުވާލައިފި އެވެ.
މިދިޔަ މަހު ކްރޮސްރޯޑުގައި ލޯންޗުކުރި މި ޕްރޮޖެކްޓުގެ ދަށުން ހުޅުމާލޭ ސެންޓްރަލް ޕާކުގެ އުތުރުގައި ޒަމާނީ ފެންވަރުގެ 10 ބުރީގެ އިމާރާތެއް އެޅުމަށް ވަނީ ހަމަޖެހިފަ އެވެ. މި އިމާރާތުގެ ތިރީ ދެ ފަންގިފިލާ ވިޔަފާރިތަކަށް ހާއްސަކުރެވިފައި ވާއިރު، ބާކީ އަށް ފަންގިފިލާގައި ހުންނަނީ މީހުން ދިރިއުޅޭ އެޕާމަންޓުތަކެވެ.
ސޮލަޓެއާ އެޕާޓްމަންޓުތަކުގައި ހުންނާނީ ހަމައެކަނި 3 ޕްލަސް 1 ރޫމް (ތިން ކޮޓަރި އާއި މެއިޑް ރޫމް ހިމެނޭ) އެޕާޓްމަންޓުތަކެކެވެ. މިތަނުގައި ދިރިއުޅޭ މީހުންނަށް ލިބޭ އިތުރު ހިދުމަތްތަކުގެ ތެރޭގައި ޖިމް އާއި ޕޫލްގެ އިތުރުން ޕްލޭ އޭރިއާގެ އިތުރުން ކްލަބްހައުސް ހިމެނެ އެވެ. އަދި އޯޕެން ޑެކްއަކާއި، ސައިކަލު އަދި ކާރު ޕާކިންއަށް ހާއްސަ ތަނެއް ހުންނާނެ އެވެ.
ސޮލަޓެއާ އެޕާޓްމަންޓްސް
- ބާވަތް - 3 ޕްލަސް 1 ބެޑްރޫމް
- ޖާގަ - 1،200 އަކަފޫޓާއި 2،300 އަކަފޫޓު
- އަގު - 3.5 މިލިއަން ރުފިޔާ އާއި 9.7 މިލިއަން ރުފިޔާއާ ދޭތެރޭ
މި ޕްރޮޖެކްޓު ހިންގާ ސެންޑަލް މޮރިޝަސްއިން ބުނި ގޮތުގައި އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި މަސައްކަތް ފަށާނެ އެވެ. އަދި ކުރިޔަށް އޮތް ދެ އަހަރުގެ ތެރޭގައި އެޕާޓްމަންޓުތަކުގައި ދިރިއުޅެވޭވަރު ވާނެ ކަމަށް ބުންޏެވެ.
މަތީ ފަންތީގެ މި އެޕާޓްމަންޓުތަކަކީ ކޮލިޓީ، މޮޅު އަދި ރައްކާތެރި އެޕާޓްމަންޓުތަކަކަށް ވާނެ ކަމަށް ސެންޑަލް މޮރިޝަސްއިން މައުލޫމާތު ދެ އެވެ.

މިފަހުން ބޭއްވި ލިވިން އެކްސްޕޯގައި ހުރި ސޮލަޓެއާގެ ސްޓޯލް. -- ފޮޓޯ: އާއިމް ޒަމީރު/އަދަދު
ސޮލަޓެއާ ޕްރޮޖެކްޓް ލޯންޗުކުރަން ބޭއްވި ހަފުލާގާއި ސެންޑަލް މޮރިޝަސްގެ މެނޭޖިން ޑިރެކްޓަރު ނީރާޖު ގުލާޓީ ވިދާޅުވީ އެ ކުންފުނީގެ އަމާޒަކީ އެޕާޓްމަންޓް ގަނެގެން އެ ތަންތަނަށް ދިރިއުޅުން ބަދަލުކުރާ މީހުންނަށް ވީހާ ވެސް ރައްކާތެރި، ހިތްފަސޭހަ އަދި އުފާވެރި މާހައުލެއް ޔަގީންކޮށް ދިނުން ކަމަށެވެ.
ސެންޑަލް މޮރިޝަސް ކުންފުނިން ހުޅުމާލޭގައި ކުރިޔަށް ގެންދާ އަނެއް ޕްރޮޖެކްޓަކީ ހަމަ ސެންޓްރަލް ޕާކު ސަރަހައްދުގައި އަޅާ ވަން ސެންޓްރަލް އެޕާޓްމަންޓުތަކެވެ.
މެދު ފަންތި އާއި މަތީ ފަންތީގެ ކެޓެގަރީއަށް ހާއްސަ ފްލެޓުތައް ހުންނަ މި ޕްރޮޖެކްޓުގެ އަމަލީ މަސައްކަތް ފެށީ މި އަހަރުގެ އޭޕްރީލް، 27 ގަ އެވެ. އެ މަސައްކަތް ކުރަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ)ންނެވެ.
މި ދެ ޕްރޮޖެކްޓަކީ ވެސް ގިނަ ދުވަސްތަކެއް ވަންދެން އެކި ސަބަބުތަކާ ހެދި ހުއްޓިފައި އޮތުމަށް ފަހު އަލުން ފެށި ޕްރޮޖެކްޓުތަކެކެވެ.










