ޔާމީންގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ސުޕްރީމް ކޯޓުން ނިންމީ ކީއްވެ؟

ސުޕްރީމް ކޯޓުން މިނިވަން ކުރުމާއެކު ޔާމީން ގެއަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވަނީ. -ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު

ސުޕްރީމް ކޯޓުން މިނިވަން ކުރުމާއެކު ޔާމީން ގެއަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވަނީ. -ފޮޓޯ: ހުސެއިން ޝަޔާހް/ އަދަދު

ކުރީގެ ރައީސް ޔާމީންގެ އެކައުންޓަށް އެސްއޯއެފް ކިޔާ ކުންފުނިން ފައިސާ ޖަމާކުރި ކަމަކަށް އެމަނިކުފާނުވެސް ދެބަހެއް ނުވެ އެވެ. އެސްއޯއެފް އަކީ ކޮން މަސައްކަތެއް ކުރި ކުންފުންޏެއްކަން މީހަކަށް ނޭނގުނަސް އެ ކުންފުނީގެ ނަން ނޭނގޭ މީހަކު ނެތެވެ. އެމްއެމްޕީއާރުސީއަށް ލިބެންޖެހޭ އެތައް ފައިސާއެއް އެ ކުންފުނީގެ އެކައުންޓަށް ޖަމާވެ، އެކި އެކައުންޓުތަކަށް ބަދަލުވަމުން ދިޔައިރު، ކުރީގެ ރައީސް ޔާމީންގެ އެކައުންޓަށްވެސް އެއް މިލިއަން ޑޮލަރު ވަދެފައި އޮތެވެ. އާންމު މީހާ ދެކެނީ ޔާމީން ޖަލަށްލުމަށް މިވަރު ފުދޭ ކަމަށެވެ.

ހަނދާނަށް އަންނަނީ ނޮވެމްބަރު 3 ގައި ހިންގި އުދުވާނުގައި ހައްޔަރުކުރި މީހުންނާމެދު އަމަލުކުރާނޭ ގޮތަކާމެދު ސުވާލުކުރުމުން އޭރުގެ ބަންޑާރަނައިބު އަހުމަދު ޒަކީ ވިދާޅުވި އިބާރާތެވެ. އެމަނިކުފާނު ވިދާޅުވި އެވެ.

"މިޒަމާނުގައި ކަމެއް އެނގިފައި އޮތަކަސް އަދި އެހިސާބަކުން ނުނިމޭނެ އެވެ. އެކަމަކީ ގާނޫނަށާއި، ގަވާއިދަށް ފެތިގެން އަންނަ ކަމަކަށްވެސް ވާންޖެހޭނެ އެވެ."

ރައީސް ޔާމީންގެ މައްސަލައިގައި އަޅުގަނޑުމެން އެންމެންނަށް ފެނުނީ އެމަނިކުފާނުގެ އެކައުންޓަށް ފައިސާތަކެއް ޖަމާވިތަނެވެ. އެ ފައިސާ ޖަމާވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ އެންމެ ބޮޑު އާލަތްކަމަށްވާ އެސްއޯއެފް ކުންފުނީގެ އެކައުންޓުން ކަމެވެ. އަދި އެފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ޖަމާކޮށްގެން ފައިދާ ހޯދުމަށްވެސް ޔާމީން މަސައްކަތް ކުރެއްވި ކަމެވެ.

މި ހުރިހާ ކަމެއް 'އެނގިފައި' އޮތުމުގެ ނަތީޖާއެއްކަމަށްވީ، މަނީ ލޯންޑާ ކުރުމުގެ ކުށުން ޔާމީން ކުށްވެރިވުމެވެ. ޔާމީންގެ މައްޗަށް ކުރެވުނު ހުކުމް އޭގެ 732 ދުވަސް ފަހުން ސުޕްރީމް ކޯޓުން ބާތިލުކުރިއިރު އެކަމުގެ ސަބަބުތައް ވަނީ ހުކުމުގައި ތަފްސީލުކޮށް ބަޔާންކޮށްދީފަ އެވެ. އޮތީ މައިގަނޑު ދެ ސަބަބެކެވެ.

ދައުވާގައި ބުނާ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ކަމެއް ނޭނގޭކަން

އެސްއޯއެފް ގެ އެކައުންޓް ސްޓޭޓްމަންޓަކީ ޝަރީއަތުން ރިއާޔަތްކުރަންޖެހޭ ހެއްކެއްގެ ގޮތުގައި ދައުލަތުން ކްރިމިނަލް ކޯޓަށް ހުށަހެޅި އެވެ. ހައިކޯޓާ ހަމައިން މައްސަލަ ނިމިގެންދިޔައިރު، ފާހަގަ ނުކުރެވި އޮތްކަމެއް ސުޕްރީމް ކޯޓުން މައްސަލަ ދިރާސާކުރުމުގައި ފާހަގަކުރި އެވެ. އެއީ ޔުނައިޓެޑް އިންޓަނޭޝަނަލްއިން އެސްއޯއެފްއަށް ޖަމާކުރި ކަމަށް ބުނާ ޗެކުގެ ޑިޕޮޒިޓް ސްލިޕްގައި އޮތް ނަންބަރާއި، އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓްގައި އޮތް ޗެކް ނަންބަރު ދިމާނުވާ ކަމެވެ.

އެކަމުގެ ސަބަބުން ނުކުންނަ ނަތީޖާއަކީ އެ ޑިޕޮޒިޓް ސްލިޕުން އެސްއޯއެފްއަށް ޖަމާވި ފައިސާއަކީ އެމްއެމްޕީއާރުސީއަށް ލިބެންޖެހޭ ފައިސާއެއްތޯ ނުވަތަ އެހެން މުއާމަލާތަކާ ގުޅޭ ފައިސާއެއްތޯ ސާފުނުވުމެވެ.

އެސްއޯއެފްގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާވި ޗެކް މިމައްސަލައިގައި ފެންނަން ނެތްކަމަށާއި، ދައުލަތުން ބުނާ އެއްމިލިއަން ޑޮލަރަކީ ދައުލަތަށް ވަންނަންޖެހޭ ފައިސާއެއްކަން އެނގޭނޭ ހެއްކެއް ވެސް ނެތްކަމަށް ޔާމީން ކޯޓުގައި ބުނެފައި ވެއެވެ.

ޔާމީންގެ މި ވާހަކައާ ގުޅިގެން ސުޕްރީމް ކޯޓުން މައްސަލައިގެ ފުނަށް ފީނި އެވެ. މައްސަލައިގެ ފެށުމަކީ ޔުނައިޓެޑް އިންޓަނޭޝަނަލް ކިޔާ ކުންފުންޏަކަށް ގއ.ވޮޑަމުލާ ކުއްޔަށް ދިނުމުން އެމްއެމްޕީއާރުސީއަށް ލިބެންޖެހޭ އެއް މިލިއަން ޑޮލަރު، އެމްއެމްޕީއާރުސީއަށް ނުލިބި އެސްއޯއެފްގެ އެކައުންޓަށް ޖަމާވުމެވެ.

މި މައްސަލައިގައި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔާތުގެ މައްޗަށް ވެސް ހިޔާނާތުގެ ދައުވާކޮށް ކުށްސާބިތުވެފައި ވެެއެވެ. އެހެންވީމާ، ޒިޔާތުގެ މައްޗަށް ސާބިތުވި ދައުވާގައިވެސް ބޭނުންކޮށްފައި ހުންނާނީ މިޑޮކިއުމަންޓްތަކެވެ. އެސްއޯއެފްއަށް ޖަމާވެފައި ހުރީ ހަގީގަތުގައި އެމްއެމްޕީއާރުސީއަށް ލިބެންޖެހޭ ފައިސާތޯ އެނގޭނީ ޑިޕޮޒިޓް ސްލިޕާއި ޗެކް ނަންބަރަށް ބަލައިގެންނެވެ. ޒިޔާތުގެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި އެ ޑިޕޮޒިޓް ސްލިޕް އޮންނާނެތީ ސުޕްރީމް ކޯޓުން އެ ރިޕޯޓު ގެނުވި އެވެ.

ރިޕޯޓު ބެލުމުން ފާހަގަކުރެވުނީ އެ ރިޕޯޓުގައި ހިމެނޭ ޑިޕޮޒިޓް ސްލިޕްގައި އޮތް ޗެކް ނަންބަރާއި، ބޭންކް ސްޓޭޓްމަންޓްގައި އޮތް ޗެކް ނަންބަރުވެސް ދިމާނުވާކަމެވެ. މިހުރިހާ އޮޅުން ބޮޅުމުގެ ނަތީޖާއަކީ، އެސްއޯއެފްގެ އެކައުންޓަށް ޖަމާވެ، ފަހުން ޔާމީންގެ އެކައުންޓަށް ޖަމާވި ފައިސާއަކީ ގއ. ވޮޑަމުލާގެ އެކުއިޒިޝަން ފީ ގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފައިސާކަމާމެދު ސުވާލު އުފެދުމެވެ. އެ އުފެދުނު ޝައްކުގެ ފައިދާ ލިބެންވާނީ ދައުވާލިބޭ ފަރާތަށެވެ. އެއީ ޖިނާއީ އަދުލުގެ ނިޒާމުގައި އެކަން އޮންނަ ގޮތެވެ.

ޔާމީންގެ އެކައުންޓަށް ޖަމާވާ ފައިސާއަކީ ކުށަކާ ގުޅުންހުރި ފައިސާކަމަށް ޝައްކުކުރެވޭ އެކަށީގެންވާ ސަބަބުތަކެއް ނެތްކަން

ޔާމީންގެ މައްޗަށް ދައުވާކުރީ މަނީ ލޯންޑަރިންގެ ކުށަށެވެ. މަނީ ލޯންޑަރިންގެ ކުށަކީ އަބަދުވެސް އެހެން ކުށަކާ ގުޅިފައި އޮންނާނެ ކުށެކެވެ. މަނީ ލޯންޑަރިން އަކީ ކުށެއް ކޮށްގެން ހޯދާ ފައިސާގެ އަސްލު އޮޅުވާލުމާއި ބޭނުންކުރުމެވެ. އެހެންވީމާ، ޔާމީން މަނީ ލޯންޑާކޮށްފިކަމަށް ދައުލަތުން ބުނާނަމަ، ޔާމީން ބޭނުންކުރި ފައިސާއަކީ ކުށެއް ކޮށްގެން ހޯދާފައިވާ ފައިސާކަން އެނގުމަކީ މުހިންމު އުންސުރެއް ކަމުގައި ޔާމީން ސުޕްރީމް ކޯޓުގައި ވިދާޅުވި އެވެ.

މި މައްސަލައިގައި އޮތް ގުޅުންހުރި ކުށަކީ ހިޔާނާތްކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި ބުނެފައި ވެއެވެ. ދައުލަތުން ކޯޓުގައި ސާބިތުކޮށްދިނުމަށް މަސައްކަތްކުރަމުން ގެންދިޔައީ މި ފައިސާއަކީ ގއ. ވޮޑަމުލާ ކުއްޔަށްދީގެން ދައުލަތަށް ލިބެންޖެހޭ ފައިސާކަމެވެ. އެކަން ކޯޓުގައި ސާބިތުކޮށްނުދެވުނުއިރު، ސާބިތުކުރުމަށް ހުށަހެޅި ލިޔުންތަކުން އުފެދުނީ އިތުރު ޝައްކެވެ.

ކުށްކޮށްގެން ހޯދާ މުދަލަކީ ކޮބައިކަން މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނުގެ އަށް ވަނަ މާއްދާގައި ބުނެފައި އެބައޮތެވެ. ޔާމީން ބޭނުންކުރިކަމަށް ދައުލަތުން ބުނާ ފައިސާއަކީ އެ މާއްދާގައި ބުނެފައިވާ ކުށަކާ ނުވަތަ ރާއްޖޭގެ އެހެން ގާނޫނެއްގައި ބަޔާންކުރާ ކުށަކާ ގުޅުންހުރި ފައިސާއެއްކަން ސާބިތުވާން ޖެހޭކަމަށް ޔާމީން ބުނާ ބުނުން ރަނގަޅު ނޫންކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި އެވެ.

ނަމަވެސް، ގާނޫނު ލާޒިމު ކުރަނީ އެއީ ކުށަކާ ގުޅުންހުރި ފައިސާއެއްކަމަށް ބެލެވޭ 'އެކަށީގެންވާ ސަބަބުތަކެއް' ހުރުމެވެ. އެކަށީގެންވާ ސަބަބު ވަޒަންކުރާނީ ހެކިތަކުގެ މައްޗަށް ބިނާކޮށްގެން ކަމަށް ސުޕްރީމް ކޯޓުން ބުންޏެވެ.

މިމައްސަލައިގައި އުނިވަނީ އެ އުންސުރެވެ. ޔާމީންގެ އެކައުންޓަށް ޖަމާވެފައިވާ ފައިސާއަކީ ކުށަކާ ގުޅުންހުރި ފައިސާކަމަށް ދައުލަތުން ކޯޓުގައި ބުނަނީ އެވެ. އެހެން ބުނާ ސަބަބު ސާފުކޮށްދިނުމުގައި ދައުލަތުން ހުށަހެޅީ ނުސީދާ ހެކިތަކެކެވެ. ނަމަވެސް އެއީ ކާފީ ހެކިތަކެއްކަމަށް ސުޕްރީމް ކޯޓަކަށް ނުފެނުނެވެ. އެކަށީގެންވާ ސަބަބު ބުނެދިނުމަކީ ހެކިތަކުން ބާރު ނުލިބޭ، އަދި ހަމައެކަނި ހީއެއްގެ މައްޗަށް ބިނާވެފައި އޮވެގެންވާނޭ ކަމެއް ނޫންކަމަށް ސުޕްރީމް ކޯޓުން ބުންޏެވެ.

މި މައިގަނޑު ދެ ސަބަބާއި، އެއަށް ބާރުދޭ، ވަށައިގެންވާ އެހެން ކަންކަމުގެ މައްޗަށް ބިނާކޮށް، މައްސަލައިގައި އުފެދުނު ޝައްކުގެ މަންފާއިން ޔާމީން ބަރީއަކުރުމަކީ އިންސާފުގެ ހަމަތަކުން ކުރެވެން އޮންނާނޭ ކަމެއް ނޫންކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅީ އެވެ.

މި މައްސަލައިގައި ސުޕްރީމް ކޯޓުން ކަނޑައެޅި އުސޫލުތަކުގެ ސަބަބުން އަސަރުކުރާނޭ މައްސަލަތައް ޖިނާއީ އަދުލުގެ ނިޒާމުގެ އެކި މަރުހަލާތަކުގައި އެބަހުއްޓެވެ. ދައުލަތަށް އަރާފައިހުރި އޮޅުންތަކަކަށް މި މައްސަލައިގެ ތެރެއިން ލިބިގެންދިޔަ ޖަވާބުތަކަކީ ކުރިއަށް ދާންވީ މަގު ސާފުވެގެން ދާނޭ ކަމެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ތުހުމަތުގައި 3 ބިދޭސީން ބަންދަށް

ހުއްދަނެތި ބޮޑު އަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝްގެ ތިން މީހަކު ފުލުހުންނާއި އިމިގްރޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ވަނީ އަތުލައިގަނެފަ. މި މީހުން އަތުލައިގަތީ ކަޅު ބާޒާރުގައި ޑޮލަރުގެ މުއާމަލާތްކުރާ ފަރާތްތައް ހޯދުމަށް ސަރުކާރުން އެކުލަވާލާފައިވާ ހާއްސަ ޓާސްކްފޯހަށް ލިބުނު މައުލޫމާތަކާ ގުޅިގެން.

ޖަރުމަނު ކޮންސުލޭޓު ބަންދުކުރީ ސަރުކާރާ ހެދި: ނަޝީދު

ނަޝީދު ތުހުމަތުކުރައްވާފައިވާ ގޮތުގައި ޖަރުމަނު ސަރުކާރުން ރާއްޖޭގައި ހުންނަ އެ ގައުމުގެ ކޮންސިއުލޭޓް ބަންދުކުރީ، އޮނަރަރީ ކޮންސުލްގެ މަގާމަށް ވަކި މީހަކު އައްޔަންކުރުން ދިވެހި ސަރުކާރުން ނުފޫޒު ފޯރުވުމުން.

ޔާމީނަށް ހުކުމް އިއްވުން މި މަހު 29 އަށް ތާވަލުކޮށްފި

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ނިންމާލައިފި. ޔާމީންގެ ފަރާތުން ހުލާސާ ބަޔާން ހުށަހަޅަމުން ވަކީލުން ވިދާޅުވީ، އެމަނިކުފާނާ ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށާއި ކުށް ސާބިތުވާވަރުގެ ހަރުދަނާ ހެއްކެއް ނެތް ކަމަށް.

މީހުންގެ އަގުވައްޓާލަން އޭސީސީއަށް ހުށަހެޅުން ހުއްޓުވަން އުސޫލެއް

އޭސީސީން ބުނީ އަސާސެއް ނެތް ކަންކަމުގައި މީހުންގެ އަގުވައްޓާލުމަށް ހުށަހަޅާ މައްސަލަތަކުގައި އަމަލުކުރާނެ ހާއްސަ އުސޫލެއް އެކުލަވާލުމުގެ މަސައްކަތް މިހާރު އޮތީ ފަހު މަރުހަލާގައި ކަމަށް. އީޔޫގެ އެހީތެރިކަމާއެކީ އެކުލަވާލާ މި ސްޓްރެޓެޖީގެ ސަބަބުން ނުބައި ނިޔަތުގައި ހުށަހަޅާ މައްސަލަތަކަށް ހައްލެއް ލިބޭނެ ކަމަށް އެ ކޮމިޝަނުން ބުނި.

ގަވާއިދާ ހިލާފަށް ވަދެ އުޅުނު ތިން މަސް ބޯޓު ހިފަހައްޓައިފި

ރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ ތިން މަސް ބޯޓު އަތުލައިގަތީ އެމްއެންޑީއެފް ކޯސްޓްގާޑާއި އެއާ ކޯ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި. އަރިއަތޮޅުގެ ހުޅަނގުން އަތުލައިގަތް މި ބޯޓުތައް މިހާރު މާލެ ސަރަހައްދަށް ގެނައުމުގެ މަސައްކަތް ދަނީ ކުރަމުން.

ގޯތި ދޫކުރުމުގެ އުސޫލު ބަދަލުކޮށް ކުރިމަތިލާން ހުޅުވާލައިފި

ކ. ހުރާއިން 150 ގޯތި ދޫކުރުމުގެ އުސޫލަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އެ ރަށު ކައުންސިލުން އަލުން ވަނީ ހުޅުވާލައިފި. އައު އުސޫލުގެ ދަށުން ރަށުގައި ދިރިއުޅޭ އާއިލާތަކަށާއި އުފަން ރަށްވެހިންނަށް އިސްކަންދޭ ގޮތަށް ޕޮއިންޓް ދިނުމުގެ މިންގަނޑުތަކަށް ވަނީ ބަދަލުތަކެއް ގެނެސްފައި.

ރަސްމާލޭގެ ތަންތަން ދާއިމީކުރުމުގެ ފުރުސަތެއް ނެތް: މުއްތަލިބު

ރަސްމާލެ މަޝްރޫއަކީ އިޒްރޭލު މީހުން ވަޒަންވެރިކުރުވަން ހިންގާ މަޝްރޫއެއް ކަމަށް ބުނެ ދެކެވޭ ވާހަކަތައް ދޮގުކުރައްވައި، މުއްތަލިބު ވިދާޅުވީ ބިންތައް އަބަދުވެސް އޮންނާނީ ދިވެހި ދައުލަތުގެ ފުރިހަމަ ބާރުގެ ދަށުގައި ކަމަށް. އަދި، މި ޝަހަރުގައި ދިވެހިންގެ ނިސްބަތް ގިނަ ކުރަން ތަންތަން ވިއްކާއިރު ދިވެހިންނަށް އިސްކަން ދޭން ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox