ކޮވިޑް ފަތުރާ ވައިރަހުގެ އޮމިކްރޯން ވޭރިއެންޓަކީ "ކަންބޮޑުވާން ޖެހޭ ކަމެއް ނަމަވެސް، އެއީ ހާސްވާން ޖެހޭ ކަމެއް ނޫން" ކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑެން ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު އެހެން ވިދާޅުވިއިރު އާދީއްތަ ދުވަހު ފުރަތަމަ ފަހަރަށް އެ ވޭރިއެންޓް އުތުރު އެމެރިކާ ބައްރުން ވަނީ ފެނިފަ އެވެ. ބައިޑެން ވިދާޅުވީ "މި ވަގުތު" ލޮކްޑައުން ކުރަން ޖެހޭ ހާލަތެއް ނެތް ކަމަށާއި މާސްކު އަޅައިގެން ތިބުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އޮމިކްރޯން ވޭރިއެންޓާ ގުޅުން ހުރި ކޭސްތައް ކެނެޑާ އިން ފެނިފައި ވާއިރު، އެމެރިކާ އިން ވަނީ އެފްރިކާގެ އަށް ގައުމަކަށް ދަތުރު ކުރުން މަނާކޮށްފަ އެވެ.
ވެކްސިން ޖެހުމާ އެކު ވައިރަސް "ޝަޓް ޑައުން" ކުރާނެ ކަމަށް ބައިޑެން ވައުދުވެވަޑައިގެންނެވި ނަމަވެސް، މި އަހަރުގެ މިހާތަނަށް އެމެރިކާ އިން ކޮވިޑް ޖެހިގެން މަރުވި މީހުންގެ އަދަދު މިދިޔަ އަހަރަށް ވުރެ އިތުރެވެ.
ހޯމަ ދުވަހު ވައިޓް ހައުސްގައި ހުންނަވާ ދެއްވި ޕްރެސް ކޮންފެރެންސްގައި ބައިޑެން ވިދާޅުވީ "ކޮންމެވެސް އިރަކުން" އޮމިކްރޯން ވޭރިއެންޓް އެމެރިކާ އިން ވެސް ފެންނާނެ ކަމަށެވެ.
ވެކްސިން ކުންފުނިތަކުން "ކޮންޓިންޖެންސީ ޕްލޭން" ހަދައި ތައްޔާރުވަމުން ދަނީ އާ ވެކްސިނެއްގެ ބޭނުންޖެހިދާނެ ހާލަތަކަށް ކަމަށް ބައިޑެން ވިދާޅުވި އެވެ.
މިދިޔަ ހަފުތާގައި އެމެރިކާ އިން ވަނީ ދެކުނު އެފްރިކާ، ބޮޓްސްވާނާ، ޒިމްބާބްވޭ، ނެމީބިއާ، ލެސޯތޯ، އެސްވަތީނީ، މޮޒަމްބީކް އަދި މަލާވީ އަށް ކުރާ ދަތުރުތައް ހުއްޓާލާފަ އެވެ. ކެނެޑާ، ޔޫކޭ، އީޔޫ އަދި އެހެން ގައުމުތަކުން ވެސް ވަނީ އެ ފިޔަވަޅު އަޅާފަ އެވެ.
މިދިޔަ އާދީއްތަ ދުވަހު އެމެރިކާގެ އުތުރަށް އޮންނަ ކެނެޑާ އިން ބުނީ ނައިޖީރިއާ ދަތުރު ކުރުމަށް ފަހު އެނބުރި އައި ދެ މީހެއްގެ ހަށިގަނޑުން އޮމިކްރޯން ވޭރިއެންޓް ފެނިފައިވާ ކަމަށެވެ. ހޯމަ ދުވަހު ވަނީ ތިން ވަނަ ކޭސްއެއް ފާހަގަވެފަ އެވެ.
ބައިޑެން ވިދާޅުވީ ފްލައިޓުތައް ހުއްޓާލުމުން އާ ވޭރިއެންޓާ ގުޅޭ މައުލޫމާތު އެއް ކުރަން އެމެރިކާ އަށް ވަގުތު ލިބިފައިވާ ކަމަށެވެ. އެ ވޭރިއެންޓަކީ "ކަންބޮޑުވުން ހުރި ވޭރިއެންޓެއް"ގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ ކަނޑައަޅާފަ އެވެ. ނަމަވެސް އޭތި ފެތުރޭ ހަލުވި މިނާއި ވެކްސިނުން ލިބޭ ރައްކާތެރިކަމަށް ކުރާ އަސަރާ މެދު އަދިވެސް މައުލޫމާތެއް ހޯދިފައެއް ނުވެ އެވެ.










