މެންޗެސްޓާ (ނޮވެމްބަރު 29) - ހުސްވެފައިވާ މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުގެ މަގާމާ ޖަރުމަނުގެ މަޝްހޫރު ކޯޗު ރަލްފް ރަންގްނިކް ހަވާލުވެއްޖެ އެެވެ.
އުމުރުން 63 އަހަރުގެ ރަންގްނިކް ޔުނައިޓެޑަށް ކޯޗުކޮށްދޭން އެއްބަސްވީ މި ސީޒަނުގެ ނިޔަލަށެެވެ. ޔުނައިޓެޑުން ހަ މަސް ދުވަހުގެ ކޮންޓްރެކްޓެއްގައި ރަންގްނިކް ގެނައީ ދާދި ފަހުން އެ ޓީމުގެ ކޯޗުގެ މަގާމުން އޮލެ ގުނަ ސޯލްޝެއާ ވަކިކުރުމަށް ފަހު އެވެ.
މިދިޔަ ހަފްތާގައި ވަޓްފޯޑް އަތުން 4-1 އިން ޔުނައިޓެޑް ބަލިވި މެޗަށް ފަހު ސޯލްޝެއާ ވަކިކުރިއިރު، އެންމެ ފަހުން ޔުނައިޓެޑް ކުޅުނު ދެ މެޗުގައި އެ ޓީމަށް ކޯޗުކޮށްދިނީ އެސިސްޓަންޓް ކޯޗު މައިކަލް ކެރިކް އެވެ. ކެރިކް ހުއްޓައި ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗުން ޗެމްޕިއަންސް ލީގުގައި ވިޔަރެއާލް ދަނޑުގައި 2-0 އިން މޮޅުވިއިރު، ރޭ އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ ދަނޑުގައި ވަނީ 1-1 އިން އެއްވަރުވެފަ އެވެ.
ސޯލްޝެއާ ވަކިކޮށް ޓީމު ހަވާލުކުރަން ޔުނައިޓެޑުން ފުރަތަމަ ބެލީ ދާއިމީ ކޯޗަކަށެވެ. އެ ގޮތުން ޕީއެސްޖީގައި ހުރި އާޖެންޓީނާ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ އާއި ލެސްޓާ ސިޓީގެ ކޯޗު ބްރެންޑަން ރޮޖާސްގެ ތެރެއިން ކޯޗެއް ގެންނަން ޔުނައިޓެޑުން މި ވަގުތު ކުރި އެއްވެސް މަސައްކަތެއް ކާމިޔާބުނުވި އެވެ. އެހެންވެ، އެ ޓީމުން ޖެހުނީ މި ސީޒަނުގެ ނިޔަަލަށް ވަގުތީ ކޯޗަކަށް ދާށެވެ. އެ ގޮތުން ބާސެލޯނާގެ ކުރީގެ ކޯޗު އާނެސްޓޯ ވަލްވޭޑޭއާ ނުރަސްމީ ސިފައެއްގައި ވާހަކަ ދެއްކުމަށް ފަހު އެންމެ ފަހުން ނިންމީ ކުރިން އާރްބީ ލައިޕްޒިގުގައި ކާމިޔާބު މަސައްކަތްތަކެއް ކުރި ރަންގްނިކާ ޓީމު ހަވާލުކުރާށެވެ.
ޔުނައިޓެޑްގެ ފުޓްބޯލް ޑިރެކްޓަރު ޖޯން މާޓޯ ބުނީ ވަގުތީ ކޯޗެއް ހޯދަން ފެށި ހިސާބުން ޔުނައިޓެޑުން އެންމެ ފުރަތަމަ ފާރަލީ ވެސް ރަންގްނިކަށް ކަމަށެވެ. އަދި ރަންގްނިކްގެ ފަރާތުން ކްލަބަށް ކުރިއަށް އޮތް ހަ މަސް ދުވަހުގެތެރޭގައި ބަދަލުތަކެއް ފެންނާނެ ކަމަށް މާޓޯ ވަނީ ބުނެފަ އެވެ.
ކުރިން ޝާލްކާ އާއި އާރްބީ ލައިޕްޒިގަށް ކޯޗުކޮށްދިން ރަންގްނިކް ޔުނައިޓެޑާ ގުޅެން ނިންމީ ރަޝިއާގެ ލޮކޮމޯޓިވް މޮސްކާގެ ހެޑް އޮފް ފުޓްބޯލް ޑިވެލޮޕްމަންޓްގެ ވަޒީފާ ދޫކޮށްލުމަށްފަހު އެވެ.
ރަންގްނިކް ބުނީ ޔުނައިޓެޑުން ލިބުނު ފުރުސަތުގެ ބޭނުން ހިފަން ބޭނުންވީ ރަނގަޅު މަސައްކަތްތަކެއް ކުރެވޭނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށެވެ.
"ވަރަށް ހުނަރުވެރި ކުޅުންތެރިން ތިބި ސްކޮޑެއް ޔުނައިޓެޑްގައި އޮތީ. ތަޖުރިބާ އާއި ޒުވާން ކުޅުންތެރިންގެ ރަނގަޅު މިކްސް އެއް އެބައޮތް، އަހަރެންގެ ހުރިހާ ވަގުތެއް ކުރިއަށް އޮތް ހަ މަސް ދުވަހު ހޭދަކުރަން ބޭނުންވަނީ މި ކްލަބްގައި މި ތިބި ކުޅުންތެރިން އިންޑިވިޖުއަލީ އަދި ޓީމެއްގެ ގޮތުގައި ކާމިޔާބު ބަޔަކަށް ހަދަން،" ރަންގްނިކް ބުންޏެވެ.
ޔުނައިޓެޑާ އެކު ރަންްގްނިކް ކޯޗެއްގެ ގޮތުގައި ހުންނަން ހަމަޖެހިފައިވާ ކޮންޓްރެކްޓް އަންނަ އަހަރު މެއި މަހުގެ ނިޔަލަށް ހަމަވި ކަމުގައި ވިޔަސް އޭގެ ފަހުން ދެ އަހަރު ދުވަސް ވަންދެން ކްލަބްގެ ކޮންސަލްޓަންޓެއްގެ ގޮތުގައި މަަސައްކަތް ކުރާނެ އެވެ. ޔުނައިޓެޑުން ދާއިމީ ކޯޗެއް ހޯދާއިރު، ރަންގްނިކްގެ ލަފާ ހޯދާނެ އެވެ. އަދި ކުރިއަށް އޮތް ދެ އަހަރު ޔުނައިޓެޑުން ޓްރާންސްފާ މާކެޓްގައި ހަރަކާތްތެރިވާއިރު، ރަންގްނިކް ސްޕޯޓިން ޑިރެކްޓަރަށް އެހީވާނެ އެވެ.
ރަންގްނިކްގެ ކޯޗުކަމުގައި ޔުނައިޓެޑް ކުޅޭ ފުރަތަމަ މެޗު އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެރޭގަ އެވެ. އެރޭ ކުޅޭ މެޗުގައި ޔުނައިޓެޑް އަމިއްލަ ދަނޑުގައި ނުކުންނާނީ އާސެނަލާ ދެކޮޅަށެވެ.
ޔުނައިޓެޑް އޮތީ ލީގުގެ އަށް ވަނައިގަ އެވެ. އެއީ 13 މެޗުން 18 ޕޮއިންޓް ހޯދައިގެންނެވެ. ލީގުގެ އެއް ވަނައިގައި އޮތް ޗެލްސީ އާއި ޔުނައިޓެޑާ ދެމެދު 12 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. އަދި ގަދަ ހަތަރަކާ ޔުނައިޓެޑާ ދެމެދު ފަސް ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ.












