މެންޗެސްޓާ (ނޮވެމްބަރު 25) - ހުސްވެފައިވާ މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުގެ މަގާމަށް ހަަ މަސް ދުވަހުގެ ކޮންޓްރެކްޓެއްގައި ޖަރުމަނުގެ މަޝްހޫރު ކޯޗު ރަލްފް ރަންގްނިކް ހަމަޖައްސަން ޔުނައިޓެޑުން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ޔުނައިޓެޑްގެ ކޯޗުގެ މަގާމު ހުސްވީ އިނގިރޭސި ޕްރިމިއާ ލީގުގައި މިދިޔަ ހަފްތާގައި ވަޓްފޯޑް ދަނޑުގައި 4-1 އިން ޔުނައިޓެޑް ބަލިވި މެޗަށް ފަހު އެ ޓީމުގެ ކޯޗުގެ ވަޒީފާ އޮލެ ގުނަ ސޯލްޝެއާ އަށް ގެއްލުމުންނެވެ. ޗެމްޕިއަންސް ލީގުގައި ވިޔަރެއާލް އަތުން 2-0 އިން ޔުނައިޓެޑް މޮޅުވި މެޗުގައި ޔުނައިޓެޑަށް ކޯޗުކޮށްދިނީ އެސިސްޓަންޓް ކޯޗު މައިކަލް ކެރިކް އެވެ.
ޓީމު ހަވާލުކުރަން ޔުނައިޓެޑުން ފުރަތަމަ ބެލީ ދާއިމީ ކޯޗަކަށެވެ. އެ ގޮތުން ޕީއެސްޖީގައި ހުރި އާޖެންޓީނާ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ އާއި ލެސްޓާ ސިޓީގެ ކޯޗު ބްރެންޑަން ރޮޖާސްގެ ތެރެއިން ކޯޗެއް ގެންނަން ޔުނައިޓެޑުން މި ވަގުތު ކުރި އެއްވެސް މަސައްކަތެއް ކާމިޔާބުނުވި އެވެ.
އެހެންވެ، އެ ޓީމުން ޖެހުނީ މި ސީޒަނުގެ ނިޔަަލަށް ވަގުތީ ކޯޗަކަށް ދާށެވެ. އެ ގޮތުން ބާސެލޯނާގެ ކުރީގެ ކޯޗު އާނެސްޓޯ ވަލްވޭޑޭއާ ވެސް ވާހަކަ ދެއްކުމަށް ފަހު އެންމެ ފަހުން ނިންމީ ކުރިން އާރްބީ ލައިޕްޒިގުގައި ކާމިޔާބު މަސައްކަތްތަކެއް ކުރި ރަންގްނިކާ ޓީމު ހަވާލުކުރާށެވެ.
އުމުރުން 63 އަހަރުގެ ރަންގްނިކް މި ވަގުތު ހުރީ ރަޝިއާގެ ކްލަބް، ލޮކޮމޯޓިވް މޮސްކޯގެ ހެޑް އޮފް ފުޓްބޯލް ޑިވެލޮޕްމަންޓްގެ މަގާމުގަ އެވެ. އެ މަގާމު ދޫކޮށް ޔުނައިޓެޑާ ހަ މަސް ދުވަހުގެ ކޮންޓްރެކްޓެއްގައި ގުޅެން ރަންގްނިކް ވަނީ އަނގަބަހުން އެއްބަސްވުމަކަށް އަތުވެފަ އެވެ. ރަސްމީކޮށް ޔުނައިޓެޑާ ގުޅެން ރަންގްނިކް ވަނީ ލޮކޮމޯޓިވް މޮސްކޯގެ ރިލީސް ހޯދުމުގެ މަޝްވަރާތައް ފަށައިފަ އެވެ.
ޔުނައިޓެޑުން ރަންގްނިކް ގެންނާނީ މި ސީޒަނުގެ ނިޔަލަށް ކޯޗުގެ މަގާމުގެ އިތުރުން ދެ އަހަރު ދުވަހަށް ކްލަބްގެ ފުޓްބޯޅަ ކޮންސަލްޓަންޓެއްގެ ގޮތުގަ އެވެ.
ޖަރުމަނުގެ މަޝްހޫރު ޕްރެސިން ފުޓްބޯޅަ، "ގެގެންޕްރެސިން" ގެ ތަފާތު ވިސްނުންތަކެއް ގެންގުޅުނު ރަންގްނިކަަކީ ފުޓްބޯޅައިގެ ކޯޗިންގައި ދިގު ތާރީހެއް އޮތް ފަރާތެކެވެ. އޭނާ އެންމެ ފުރަތަމަ ކޯޗުކަން ކުރަން ފެށީ 1983 ވަނަ އަހަރު އެވެ. އޭގެ ފަހުން ޖަރުމަނުގެ މަޝްހޫރު ކްލަބްތައް ކަމަށްވާ ޝާލްކާ އާއި ސްޓުޓްގާޓް އަދި ހޮފެންހައިމްގެ އިތުރުން ލައިޕްޒިގުގައި މަސައްކަތްކުރި އެވެ. އޭނާ ވަނީ 2011 ވަނަ އަހަރު ޝާލްކާ އަށް ޖަރުމަނު ކަޕް ޗެމްޕިއަންކަން ހޯދައިދީފަ އެވެ.
ރަންގްނިކްގެ ފަރާތުން ޕްރެސިން ފުޓްބޯޅަ ދަސްކުރި ޖަރުމަނުގެ ކޯޗުން ވެސް ގިނަ އެވެ. އެ ގޮތުން ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ވެސް ވަނީ ރަންގްނިކްގެ ޕްރެސިން ފުޓްބޯޅަ އަކީ ފަހުގެ މިއައި ސިސްޓަމްތަކުގެ ތެރެއިން އެންމެ ކާމިޔާބު އެއް ފިލޯސަފީކަމަށް ބުނެފަ އެވެ. ޗެލްސީގައި މި ވަގުތު ކޯޗަކަށް ހުރި ތޯމަސް ޓުޗެލް ކޯޗިންގެ ދާއިރާ އަށް ނެރުމުގައި އެންމެ އިސް ދައުރެއް ކުޅުނީ ރަންގްނިކް އެވެ.
ޔުނައިޓެޑުން ދެން އެންމެ އަވަހަށް ކުަޅޭ މެޗުގައި އަންނަ އާދިއްތަ ދުވަހުގެރޭ ނުކުންނާނީ ޓުޗެލްގެ ޗެލްސީއާ ދެކޮޅަށެވެ. އެ މެޗުގައި ރަންގްނިކަށް ޓީމަށް އިރުޝާދުދޭން ނީނދެވޭނެ އެވެ. އެއީ ލޮކޮމޯޓިވް މޮސްކޯ އިން ރަންގްނިކްގެ ރިލީސްގެ ކަންތައްތައް ހަމަޖެހުނު ކަމުގައި ވިޔަސް އިނގިރޭސިވިލާތުގައި މަސައްކަތް ކުރަން ރަންްގްނިކްގެ ވިސާ ކަންތައްތައް ހަމަޖައްސަން ވަގުތު ނަގާނެތީ އެވެ.












