ކޮވިޑުގެ ސަބަބުން ނައިޓް މާކެޓްތައް ނުބާއްވާތާ ދެ އަހަރެއްހައި ދުވަސް ފަހުން އަލުން ފެށުމަށް ތައްޔާރުވެ، ހަތަރު ފަރާތަކަށް ހުއްދަ ދީފި އެވެ.
މާލެ ސިޓީ ކައުންސިލުން މި މަހުގެ 10 ވަނަ ދުވަހު ވަނީ ފެއާ ނައިޓް މާކެޓް ނުވަތަ މަގުމަތީ ބާޒާރު ބާއްވާނެ ގޮތުގެ އުސޫލެއް އެކުލަވާލުމަށްފަހު، ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފަ އެވެ.
މި ފުރުސަތު ހުޅުވާލުމާއި އެކު މިހާތަނަށް 18 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށް، ހުއްދައަށް އެދިފައި ވީނަމަވެސް، މިހާތަނަށް ނައިޓް މާކެޓް ބޭއްވުމުގެ ހުއްދަ ދީފައި ވަނީ ހަތަރު ފަރާތަކަށް ކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ. ހުއްދަ ދީފައިވަނީ މާލޭ ބްރިޖް ސަރަހައްދާއި ހުޅުމާލެ ރުއްގަނޑު ސަރަހައްދާއި ހުޅުމާލެ ސެންޓްރަލް ޕާކުގައި ބާއްވާށެވެ.
titledesc
އިންތިޒާމް ކުރާ ފަރާތުން ޕްރޮސެސިން ފީއެއްގެ ގޮތުގައި 20 ހާސް ރުފިޔާ ސިޓީ ކައުންސިލުން ނަގަ އެވެ. އަދި ސެކިއުރިޓީ ޑިޕޮސިޓްގެ ގޮތުގައި 50 ހާސް ސިޓީ ކައުންސިލްއަށް ދައްކަން ޖެހޭއިރު، މުދާ ވިއްކަން ބަހައްޓާ ކޮންމެ މޭޒަކުން ފަސް އިންސައްތަ ސިޓީ ކައުންސިލަށް ދޭން ޖެހެ އެވެ.

މިހާރު ސިޓީ ކައުންސިލުން ގެޒްޓްކޮށްފައިވާ އުސޫލުގައިވާ ގޮތުން އެއްވެސް މޭޒެއްގައި ކޭޝިއަރަކަށް ބިދޭސީއަކު ހުރުމަކީ މަނާ ކަމެކެވެ.
އަދި ކަރަންޓް، ސެކިއުރިޓީއާ، އެނޫންވެސް ހިދުމަތްތައް ހަމަޖެހި، އެހެނިހެން އިންތިޒާމްތައްވެސް ހަރަކާތް ބާއްވާ ފަރާތުން ފޯރުކޮށްދެން ޖެހެ އެވެ. އެނައުންސްމެންޓްގެ ހިދުމަތާއި، ޓްރެފިކް މެނޭޖްކުރުމުގެ އިތުރުން މުދާ ގެނެއުމުގެ އިންތިޒާމްތަކާއި، ތަނުގެ ސާފުތާހިރުކަން ކަށަވަރުކުރުމަށް ކުނި އުކާލުމުގެ އިންތިޒާމް ފުރިހަމަވާނެ ޖެހޭނެ ކަމަށް ވެސް ސިޓީ ކައުންސިލްގެ އުސޫލުގައި ވެއެވެ.












