ފީފާ އިން ދާދި ފަހުން ފެށި "ފީފާ ފުޓްބޯލް ސްކޫލް ޕްރޮޖެކްޓް"ގެ މަސައްކަތް ތަކެއް ސްރީ ލަންކާގައި ކުރިއަށް ގެންދާނެ ކަމަށް ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެ އެވެ.
މިދިޔަ ހުކުރު ދުވަހުގެރޭ ލަންކާގައި ކުޅުނު ފޯ ނޭޝަންސް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗުގެ ޝަރަފްވެރި މެހެމާނަކީ އިންފަންޓީނޯ އެވެ. ޕެނަލްޓީ ޖަހައިގެން ލަންކާ ބަލިކޮށް ސީޝެލްސް އިން ފޯ ނޭޝަންސް ކަޕް ކާމިޔާބު ކުރިއިރު، އެ މެޗަށް ހާއްސަކޮށް، އެއް ދުވަހަށް ލަންކާ އަށް ވަޑައިގެންނެވި އިންފަންޓީނޯ ވަނީ ގިނަ ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފަ އެވެ.
އެ ބައްދަލުވުންތަކާ ގުޅޭގޮތުން ފީފާގެ ރަސްމީ ވެބްސައިޓްގައި ވަނީ ހަބަރެއް ހިމަނާފަ އެވެ.
ބައްދަލުވުންތަކުގެ ތެެރެއިން ހާއްސަ ބައެއްގެ ގޮތުގައި ލަންކާ ފުޓްބޯޅައިގެ އިސް ފަރާތްތަކާއި ނޫސްވެރިންނާ އެކުގައި އިންފަންޓީނޯ ވަނީ އޯޕަން ފޯރަމެއްގައި ބައިވެރިވެވަޑައިގެންފަ އެވެ.
އެ ފޯރަމްގައި ވާހަކަ ދައްކަވަމުން އިންފަންޓީނޯ ވިދާޅުވީ ސްރީ ލަންކާގެ ފުޓްބޯޅަ ފެޑެރޭޝަނުގައި މި ވަގުތު އޮތް، އެ ރައީސް ޖޭސްވާރު އުމަރުގެ ލީޑަޝިޕްގެ އެހީގައި އެ ގައުމުގެ ފުޓްބޯޅަ ކުރިއަށް ގެންދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
އިންފަންޓީނޯ ވިދާޅުވީ ފުޓްބޯޅައިގެ މުސްތަގުބަލެއް އޮތީ ހަމަހަމަކަމާ އެކު ފުޓްބޯޅަ އަށް ކުރެވޭ އިންވެސްޓްމަންޓް ކުޑަކުދިންނާ ހަމައިން ފަށައިގެން ކަމަށެވެ.
"އަހަރެމެން ލަންކާއާ އެކު މަޝްވަރާ ކުރަމުން މިދަނީ، ދާދި ފަހުން ފެށި ފުޓްބޯލް ފޯ ސްކޫލް ޕްރޮޖެކްޓާ ބެހޭގޮތުން. މިއީ ފީފާ ފައުންޑޭޝަނުން ދާދި ފަހުން ފެށި ޕްރޮގްރާމެއް ޝައުގުވެރިވާ ގައުމުތަކުގެ ސްކޫލްތަކާ ގުޅިގެން ކުރިއަށްދާން. ސްރީ ލަންކާ މި ކަމަށް ޝައުގުވެރިވޭ. މިއީ ސްރީ ލަންކާ ފުޓްބޯޅަ އަށް ފައިދާކުރާނެ ކަމެއް،" އިންފަންޓީނޯ ވިދާޅުވި އެވެ.
"ހަަމައެކަނި ފުޓްބޯޅަ ކުޅުމެއް ނޫން މި އޮންނަނީ. ފުޓްބޯޅައިގެ ތެރެއިން ތައުލީމު ދިނުމަކީ ވެސް ކުރެވޭނެ ކަމެއް. އެކަން ސްރީ ލަންކާގައި ކުރިއަށް ގެންދަން ފީފާ ތައްޔާރު،"
އިންފަންޓީނޯ ވަނީ ލަންކާގެ ފުޓްބޯޅަ އިންފްރާސްޓްރަކްޗާ ރަނގަޅުކުރަން ވެސް ފީފާގެ އެހީތެރިކަން ލިބޭނެ ކަމަށް ވިދާޅުވެފަ އެވެ.
"ރަނގަޅު ފުޓްބޯޅަ ސްޓޭޑިއަމެއް ލަންކާގައި އޮންނަން ޖެހޭ. ފުޓްބޯޅަ ސްޓޭޑިއަމަކީ ހަަމަައެކަނި ކުޅެލަން އޮންނަ ދަނޑެއް ނޫން. ގައުމެއްގެ ފުޓްބޯޅަ ރަމްޒު ކޮށްދޭ ނިޝާނެއް. އެ ދަނޑުގައި ކުޅޭ މެޗެއް މުޅި ދުނިޔެ އިން ބަލާނެ. ރަނގަޅު ރީތި ޒަމާނީ ދަނޑެއްގައި ފުޓްބޯޅަ ކުޅޭތަން ފެނުމުން އެނގޭނެ ކަމަކީ އެ ގައުމަކުން ފުޓްބޯޅަ އަށް ދޭ އަހައްމިއްޔަތުކަން، ޕްރޮފެޝަނަލްކޮށް މިކަންކުރަން ބޭނުންވާކަން،" އިންފަންޓީނޯ ވިދާޅުވި އެވެ.
އިންފަންޓީނޯގެ ދަތުރުފުޅުގައި ވަނީ ލަންކާގެ ސަރުކާރުގެ އިސްވެރިންނާ ވެސް ބައްދަލުކުރައްވައިފަ އެވެ. އިންފަންޓީނޯ ވަނީ ލަންކާގެ ސަރުކާރުން ފުޓްބޯޅަ ޑިވެލޮޕްކުރަން ކުރާ މަސައްކަތުގައި ފީފާ ބައިވެެރިއެއްގެ ގޮތުގައި އޮންނާނެ ކަމަށް ވިދާޅުވެފަ އެވެ.
ލަންކާ މި ވަގުތު ފީފާ ރޭންކިންގެ 204 ވަނައިގައި އޮތުމަކީ ފުޓްބޯޅަ އަށް ކުރާ މަސައްކަތް ހުއްޓާލަންވީ ސަބަބެއް ނޫން ކަމަށާއި ރަނގަޅު ޓްރެކުގައި މަސައްކަތް ކޮށްފިނަމަ ކޮންމެ ގައުމަކަށް ވެސް ކުރިއަށް ދިއުމުގެ ފުރުސަތު އެބައޮތް ކަމަށް އިންފަންޓީނޯ ވިދާޅުވި އެވެ.












