ގާހިރާ، މިސްރު (ނޮވެމްބަރު 19) - މިދިޔަ މަހު 24 ވަނަ ދުވަހު މެންޗެސްޓާ ޔުނައިޓެޑް އަތުން ލިވަޕޫލް 5-0 އިން މޮޅުވި މެޗުގައި އެ ޓީމުގެ ތަރި މުހައްމަދު ސަލާހު ބޭނުންކުރި ޖޯޒީ ނީލަން ކިޔަން ނިންމައިފި އެވެ.
ޔުނައިޓެޑް ދަނޑުގައި ކުޅުނު އެ މެޗުގައި ސަލާހު ވަނީ ހެޓްރިކެއް ހަދައިފަ އެވެ. ސަލާހަކީ ޕްރިމިއާ ލީގުގައި ޔުނައިޓެޑް ދަނޑުގައި އަވޭ ޓީމުގައި ހިމެނިގެން ހެޓްރިކެއް ހެދި ފުރަތަމަ ކުޅުންތެރިޔާ އެވެ. އެންމެ ފަހުން ޔުނައިޓެޑް ދަނޑުގައި އެ ޓީމު ކޮޅަށް ހެޓްރިކެއް ހެދީ 2003 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑްގެ ލުއިޒް ރޮނާލްޑޯ އެވެ.
ސަލާހު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ޔުނައިޓެޑާ ދެކޮޅަށް އޭނާ ބޭނުންކުރި ޖޯޒީ ނީލަން ކިޔައިގެން ލިބޭ ހުރިހާ ފައިސާއެއް ހަދިޔާކުރަން ނިންމާފައިވަނީ ޖަނަވާރުތައް ހިމާޔަތް ކުރުމާއި ބެލެހެއްޓުމުގެ މަަސައްކަތް މިސްރުގައި ކުރާ ޗެރިޓީ އަށް ކަމަށެވެ. ބިޑް ކުރުމުގެ ކަންކަން ކުރިއަށްދާނެ ތަނަކާއި ވަގުތެއް ފަހުން އިއުލާނު ކުރާނެ ކަމަށް ސަލާހު ބުނެފައިވެ އެވެ.
މި ސީޒަން ފަށައިގެން ތަފާތު ފޯމެއްގައި ހުރި ސަލާހަކީ އެކި ގޮތްގޮތުން މިސްރަށް އެހީތެރިކަން ފޯރުކޮށްދޭ ކުޅުންތެރިއެކެވެ. އާންމުކޮށް ސަލާހު ފައުންޑޭޝަނުން ކަންކަން ކުރަނީ މީޑިއާގައި ޕްރޮމޯޓްކުރުމެއް ނެތި އެވެ. އެކަމަކު، ސަލާހު ފައުންޑޭޝަނުގެ އެހީގައި ކޮށްފައި ހުރި ބޮޑު ކަންތައްތަކަށް ވަނީ މީޑިއާގެ ސަމާލުކަން ލިބިފަ އެވެ.
މީޑިއާ އަށް ތިލަވެފައިވާ ކަންކަމަށް ބަލާއިރު ސަލާހު ފައުންޑޭޝަނުން ވަނީ އަންހެން ކުދިންނަށް ހާއްސަ ސްކޫލަކާއި ސާފު ބޯފެން ފޯރުކޮށްދިނުމާއި ބޯފެނާ ގުޅޭ އެކި ހިދުމަތްތައް ދޭ ސެންޓަރެއް ގާއިމްކުރުމުގެ އިތުރުން މިސްރުގެ ހޮސްޕިޓަލްތަކަށް އެމްބިއުލަންސްގެ ހިދުމަތް ވީ އެންމެ އަވަހަށް ފޯރުކޮށްދޭން ހާއްސަ ޔުނިޓެއް ގާއިމްކޮށްފަ އެވެ.
ދާދި ފަހުން މިސްރުން ވަނީ އެޑިއުކޭޝަން ކަރިކިއުލަމް ތެރެއިން ފާސްކޮށްގެން ސަލާހާ ބެހޭ މައުލޫމާތު ހިމަނައި މިސްރުގެ ސްކޫލުތަކުގައި ކިޔަވައިދޭން ފަށާފަ އެވެ. ސަލާހުގެ ދިރިއުޅުމާއި ކުޅިވަރުގައި އޭނާ ކުރިއެރުން ހޯދައި ދުނިޔޭގެ ލެވަލްގެ މަޝްހޫރު މީހަކަށް ވުމަށް ކުރި ދަތުރު މިސްރުގެ ސްކޫލްތަކުގެ ޕްރައިމަރީ އަދި ސެކަންޑަރީ ސްކޫލްތަކުގެ ކަރިކިއުލަމްގައި ހިމަނައިފައިވާއިރު، އެކި އުމުރުފުރާތަކަށް މައުލޫމާތު ހިމަނާފައިވަނީ އެކި މިންވަރަށެވެ.












