ސަލާހަށް ހެޓްރިކާ އެކު ރެކޯޑްތަކެއް، ލިވަޕޫލުން ޔުނައިޓެޑް ލަދުގަންނަވާލައިފި

Oct 24, 2021, 5:56 PM
ލަނޑު ޖެހުމަށް ފަހު ސަލާހު އުފާފާޅުކުރަނީ.

ލަނޑު ޖެހުމަށް ފަހު ސަލާހު އުފާފާޅުކުރަނީ.

މެންޗެސްޓާ (އޮކްޓޫބަރު 24) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ރެކޯޑްތަކެއް ހެދި މުހައްމަދު ސަލާހުގެ ހެޓްރިކާ އެކު ލިވަޕޫލުން މެންޗެސްޓާ ޔުނައިޓެޑް ދަނޑުގައި 5-0 އިން މޮޅުވެއްޖެ އެވެ.

ސަލާހު ވަނީ ހެޓްރިކެއް ހެދުމުގެ އިތުރުން މިރޭގެ މެޗުގައި ޖެހި ގޯލުތަކާ އެކު ރެކޯޑްތަކެއް ވެސް ގާއިމްކޮށްފަ އެވެ. ސަލާހު ވަނީ އެންމެ ފަހުން އޭނާ ލިވަޕޫލް ޖޯޒީގައި ކުޅުނު 10 މެޗުގައި ގޯލު ޖަހައިފަ އެވެ.

މި ނަތީޖާއާ އެކު ލިވަޕޫލް ވަނީ އަލުން ލީގުގެ ދެ ވަނަ އަށް ޖެހިލައިފަ އެވެ. ލީގުގެ އެއް ވަނައިގައި އޮތް ޗެލްސީ އަށް ނުވަ މެޗުން 22 ޕޮއިންޓް ލިބިފައިވާއިރު، ލިވަޕޫލުން މި ވަނީ ނުވަ މެޗުން 21 ޕޮއިންޓް ހަަމަކޮށްފަ އެވެ. ތިން ވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީ އޮތީ ނުވަ މެޗުން 20 ޕޮއިންޓާ އެކު އެވެ. ޔުނައިޓެޑް މިރޭ ލަދުވެތި ގޮތަކަށް ބަލިވިއިރު، ނުވަ މެޗުން 14 ޕޮއިންޓާ އެކު އެ ޓީމު އޮތީ ލީގުގެ ހަތް ވަނައިގަ އެވެ.

ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑްގައި މިރޭ ކުޅުނު މެޗުގައި ފުރަތަމަ ގޯލެއް ޖަހަން ފުރުސަތު ލިބުނީ ޔުނައިޓެޑްގެ ބްރޫނޯ ފެނާންޑޭސް އަށެވެ. އޭރިއާތެރެއިން ފެނާންޑޭސް ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. ލިވަޕޫލަށް ލިބުނު ފުރަތަމަ ފުރުސަތުގައި މެޗުގެ ފަސް ވަނަ މިނިޓްގައި އެ ޓީމަށް ލީޑުނަގައިދިނީ ސަލާހު ދިން ބޯޅަ އަކުން ނަބީ ކެއިޓާ އެވެ. މެޗުގެ 13 ވަނަ މިނިޓްގައި ޑިއޯގޯ ޖޮޓާ ލިވަޕޫލްގެ ދެ ވަނަ ގޯލު ޖެހީ އަލެކްސަންޑަ އާނޯލްޑް ނެގި ހުރަހަކުންނެވެ.

ލިވަޕޫލްގެ ސަލާހު އަތުން ބޯޅަ ހޯދަން ޔުނައިޓެޑްގެ ކެޕްޓަން މެގުއާ މަސައްކަތް ކުރަނީ.

އޭގެ ފަހުން ޔުނައިޓެޑުން ކުޅުން ރަނގަޅުކޮށް ލަނޑެއް ޖެހޭތޯ ބެލި ނަމަވެސް ލިވަޕޫލުން ދިޔައީ ޑިފެންޑް ކުރުމުގައި ވެސް ކުރި ހޯދަމުންނެވެ.

ލިވަޕޫލްގެ ތިން ވަނަ ގޯލު ސަލާހު ޖެހީ މެޗުގެ 38 ވަނަ މިނިޓްގަ އެވެ. ކެއިޓާ ދިން ބޯޅައަކުން ސަލާހު ވަނީ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޖޮޓާ ދިން ބޯޅައަކުން ސަލާހު ވަނީ ލިވަޕޫލަށް ހަތަރު ވަނަ ގޯލެއް ޖަހައިފަ އެވެ.

ޔުނައިޓެޑުން ފުރަތަމަ ހާފު ނިންމާލީ ހަތަރު ގޯލު ފަހަތުގައި އޮވެގެންނެވެ. މިއީ އެ ކްލަބްގެ ތާރީހުގައި ވެސް މިހާ ދަށްކޮށް ލީގުގެ މެޗެއްގެ ފުރަތަމަ ހާފު ނިންމާލި ފުރަތަމަ ފަހަރެވެ.

ދެ ވަނަ ހާފަށް ޔުނައިޓެޑުން ނުކުމެ ރަނގަޅަށް ހަމަޖެހިނުލެވެނިސް ލިވަޕޫލުން ފަސް ވަނަ ގޯލު ޖެހި އެވެ. މެޗުގެ 50 ވަނަ މިނިޓްގައި ޖޯޑަން ހެންޑަސަން ދިން ބޯޅައަކުން ސަލާހު ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. ސަލާހަކީ ޕްރިމިއާ ލީގުގައި ޔުނައިޓެޑް ދަނޑުގައި އަވޭ ޓީމުގައި ހިމެނިގެން ހެޓްރިކެއް ހެދި ފުރަތަމަ ކުޅުންތެރިޔާ އެވެ. އެންމެ ފަހުން ޔުނައިޓެޑް ދަނޑުގައި އެ ޓީމު ކޮޅަށް ހެޓްރިކެއް ހެދީ 2003 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑްގެ ލުއިޒް ރޮނާލްޑޯ އެވެ.

މިރޭގެ ގޯލުތަކާ އެކު ސަލާހު ވެފައިވަނީ އިނގިރޭސި ފުޓްބޯޅައިގައި އެންމެ ގިނަ ގޯލު ޖެހި އެފްރިކާ އަށް ނިސްބަތްވާ ކުޅުންތެރިޔާގެ ރެކޯޑް މުގުރާލައިފަ އެވެ. ސަލާހު ވަނީ ޖުމްލަ 107 ގޯލު ޖަހައިފަ އެވެ. ދެ ވަނައިގައި އޮތީ ޗެލްސީގެ ލެޖެންޑް ޑިޑިއޭ ޑްރޮގްބާ އެވެ. އޭނާ 104 ގޯލު ޖެހި އެވެ.

ޔުނައިޓެޑުން މެޗުގެ ފަހު 30 ވަރަކަށް މިނިޓް ކުޅެން ޖެހުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ ދެ ވަނަ ހާފް ފެށުނުތަނުން ކުޅެން ނުކުތް ޕައުލް ޕޮގްބާ އަށް ރަތް ކާޑު ދެއްކުމުންނެވެ.

މެޗުގެ 59 ވަނަ މިނިޓްގައި ލިވަޕޫލްގެ ކެއިޓާ އަށް ކުރި ނުރައްކާތެރި ފައުލަކަށް ފުރަތަމަ ޕޮގްބާ އަށް ދެއްކީ ރީނދޫ ކާޑެކެވެ. އެކަމަކު، ފަހުން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލުމަށް ފަހު ވަނީ ރީނދޫ ކާޑުގެ ނިންމުން ކެންސަލްކޮށް، ޕޮގްބާ އަށް ރަތެއް ދައްކައިފަ އެވެ.

އޭގެ ފަހުން ޔުނައިޓެޑްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ގޯލެއް ޖެހި އެވެ. އެކަމަކު، ވީއޭއާރް އިން ބެލުމަށް ފަހު އެ ގޯލު ބަލައިނުގަންނަން ނިންމީ ރޮނާލްޑޯ އޮފްސައިޑްގައި ހުރުމުންނެވެ. އަދި މެޗުގެ ފަހު ކޮޅުގައި ޔުނައިޓެޑްގެ އެޑިސަން ކަވާނީ އަށް ގޯލު ޖަހަން ލިބުނު ހުސް ފުރުސަތުގެ ބޭނުން ނުހިފުނެވެ.

ޔުނައިޓެޑް އެންމެ ފަހުން ލީގުގައި ގޯލެއް ވެސް ނުޖެހި އެންމެ ތަފާތު ބޮޑުކޮށް ބަލިވީ 1955 ވަނަ އަހަރު މެންޗެސްޓާ ސިޓީ އަތުންނެވެ. މިރޭގެ މެޗުން ޔުނައިޓެޑް ބަލިވުމާ އެކު އެ ޓީމުގެ ކޯޗުގެ މަގާމުގައި ދެމިހުންނަން އޮލެ ގުނަ ސޯލްޝެއާ އަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނިއުއާ ދެކޮޅަށް ރަނގަޅު ކުޅުމެއް، ބިސް ބުރުގެ އަމާޒު ގަދަ 6 އަށް

ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރު ނިމޭއިރު ގަދަ ހައެއްގެ ތެރޭގައި އޮތުމަށްޓަކައި، ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅޭ މެޗުން ރަނގަޅު ނަތީޖާއެއް ހޯދުމަށް ބިސް ބުރު ސްޕޯޓްސް ކްލަބުން އަމާޒު ހިފައިފި. ބިސް ބުރުގެ ކޯޗު ނާދު ބުނީ ފުރަތަަމަ ބުރުގެ ބާކީ ދެ މެޗުގައި ނިއު އާއި އޮޑިއާ ކުޅެގެން މަދުވެގެން ޕޮއިންޓެއް ބޭނުންވާ ކަމަށް.

މަރެސްކާ ބުނީ އޭނާ އަކީ "ޖާދޫ ހަދާ މީހެއް ނޫން ކަމަށް"

މެންޗެސްޓާ ސިޓީގެ ފޯމު ދަށްވެފައިވާ ދަނޑިވަޅެއްގައި، އެ ޓީމުގެ ހާލަތު ކުއްލިއަކަށް ބަދަލުކޮށްލަން އޭނާއަކީ ޖާދޫ ހަދާ މީހެއް ނޫން ކަމަށާއި ކަންކަން ރަނގަޅުކުރަން ވަގުތު ބޭނުންވާ ކަމަށް ކޯޗު އެންޒޯ މަރެސްކާ ބުނެފިއެވެ. އޭނާ މިހެން ބުނީ ލީގުގެ ފުރަތަމަ ހަތް މެޗުން މޮޅުވުމަށްފަހު، އެންމެ ފަހުން ކުޅުނު ފަސް މެޗުން ސިޓީއަށް މޮޅެއް ނުލިބި އާސެނަލާ ދެކޮޅަށް ނުކުންނަން ތައްޔާރުވަމުންދާ ވަގުތެއްގައެވެ.

ފުރުސަތުގެ ބޭނުންހިފައި ޔުނައިޓެޑުން ފެނާންޑޭސް މަޑުކުރުވައިފި

މެންޗެސްޓާ ޔުނައިޓެޑުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭސްގެ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާން އޮތް ނަމަވެސް، ކޮންޓްރެކްޓްގައިވާ ގޮތުގެ މަތިން އިތުރު އެއް އަހަރަށް އޭނާ އެ ކްލަބުގައި މަޑުކުރުވަން ޔުނައިޓެޑުން ނިންމައިފިއެވެ. ފެނާންޑޭސް ބުނެފައިވަނީ އޭނާގެ މުސްތަގުބަލަށްވުރެ މިވަގުތު މުހިންމީ ޓީމުގެ ނަތީޖާތައް ރަނގަޅުކުރުން ކަމަށާއި، ކޮންޓްރެކްޓް އާކުރުމުގެ މަޝްވަރާތައް މިވަގުތު އޮތީ މަޑުޖެހިފައެވެ.

ދިއްދޫ ބަލިކޮށް އޮޑި ތިން ވަނަ އަށް

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ 2-0 އިން ބަލިކޮށް، އޮޑި ސްޕޯޓްސް ކްލަބް ތާވަލުގެ ތިންވަނައަށް ޖެހިލައިފި. އޮޑީގެ ލަނޑުތައް ހަޑްސަން ޑިއާޒް އާއި އަހުމަދު އައިހަމް ކާމިޔާބުކޮށްދިންއިރު، މި ނަތީޖާއާއެކު އެ ޓީމަށް ވަނީ 8 މެޗުން 14 ޕޮއިންޓް ލިބިފައި. މި ބައްޔާއެކު ދިއްދޫ ޓީމު އޮތީ 5 ޕޮއިންޓާއެކު ތާވަލުގެ ނުވަ ވަނައިގައި

ސިނާ، އޮސްޓްރޭލިއަން އޯޕަން އިން ނަން ނަގައިފި

ކަކުލަށް ލިބުނު އަނިޔާއަކާ ގުޅިގެން ކުރި އޮޕަރޭޝަނަށްފަހު، ދުނިޔޭގެ ރޭންކިން ދެވަނައިގައި އޮތް އިޓަލީގެ ޖަނިކް ސިނާ އަންނަ އަހަރުގެ އޮސްޓްރޭލިއަން އޯޕަންގައި ވާދަނުކުރަން ނިންމައިފި. މިދިޔަ ޖުލައި މަހުން ފެށިގެން އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ސިނާ މުބާރާތުން ވަކިވިކަން ޓެނިސް އޮސްޓްރޭލިއާއިން މިހާރު ވަނީ ކަށަވަރުކޮށްދީފައި.

ރެފްރީ އަކު މަސްތުގެ ހާލަތުގައި ހުރި ވާހަކަ ދޮގުކޮށްފި

އޭއެފްސީ ޗެމްޕިއަންސް ލީގު ޓޫގެ މެޗެއްގެ ތެރެއިން ސީރިއާގެ ރެފްރީ ހަންނާ ހައްތާބު ބަދަލުކުރީ މަސްތުގެ ހާލުގައި ހުރުމުން ކަމަށް ދެކެވޭ ވާހަކަތައް އޭނާ ދޮގުކޮށްފިއެވެ. ރިޕޯޓްތައް ބުނާގޮތުން އޭނާގެ ހާލަތު ގޯސްވީ ހަށިގަނޑުން ބްލަޑް ޝުގާ ދަށްވުމުގެ ސަބަބުން ދިމާވި ސިއްހީ މައްސަލައަކުން ކަމަށާއި، އަނބުރު ގެއްލޭ ގޮތަށް ވާހަކަދެއްކި ފަރާތްތަކަށް ދައުވާކުރާނެ ކަމަށް ރެފްރީ ވަނީ ބުނެފައެވެ.

ޕީއެސްޖީން އެސްޓެވާއޯ އަށް ބިޑުކުރަނީ

ޕީއެސްޖީގެ މުހިންމު ދެ ކުޅުންތެރިން ކަމަށްވާ ކްވަރަޝްކޭލިއާ އާއި ޑޫއޭ އަށް އަނިޔާވެ ސީޒަން ނިމުމާ ގުޅިގެން، އެ ޓީމުގެ އެޓޭކް ވަރުގަދަ ކުރުމަށް ޗެލްސީގެ އެސްޓެވާއޯ ހޯދުމަށް ޕީއެސްޖީން އަންނަނީ ތައްޔާރުވަމުންނެވެ. ޗެލްސީގައި ކުޅުމުގެ ފުރުސަތު މަދުން ލިބޭ އެސްޓެވާއޯ ލޯނެއްގެ ދަށުން ނުވަތަ ދާއިމީކޮށް ގެންދިއުމަށް ޕީއެސްޖީން ބިޑްކުރަން އުޅޭއިރު، އޭނާ ހޯދުމަށް ޗެލްސީން ކުރިން 65 މިލިއަން ޑޮލަރު ހޭދަކޮށްފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox