ފައިސާ ހޯދުމަށް މާލޭގައި ސިފައިންގެ މީހަކު ރަހީނުކޮށް އަނިޔާ ކުރި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
އެ ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ. ރަހީނުކުރީ ސިފައިންގެ ކޯސްޓުގާޑުގައި މަސައްކަތް ކުރާ 37 އަހަރު މީހެކެވެ.
ފުލުހުން ބުނީ އަނިޔާތަކެއް ލިބިފައިވާ ދިވެހި ފިރެހެނަކު އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށް މިއަދު ހެނދުނު 09:55 ހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ. އެއީ ތަހުގީގު ކުރަމުންދާ މައްސަލައަކަށް ވާތީ އިތުރު ތަފްސީލެއް ނުދެ އެވެ.
އެނގިފައިވާ ގޮތުގައި ސިފައިންގެ މީހާއަށް މަގުމަތީގައި އަނިޔާ ކުރުމަށްފަހު، ފައިސާ ނުލިބުމުން މިއަދު ހެނދުނު ވަންދެން އޭނާ ރަހީނުކޮށްފައި ކޮޓަރިއެއްގައި ބޭއްވި އެވެ. އޭނާއަށް އަނިޔާ ކޮށްފައި ވަނީ ގުރޫޕަކުން ކަމަށް މައުލޫމާތު ލިބެ އެވެ.
ސިފައިންގެ މީހާ އަތުން އެއްވެސް ފައިސާއެއް ނުލިބުމުން މިއަދު ހެނދުނު ވަނީ ސައިކަލެއްގައި ގެންގޮސް، އައިޖީއެމްއެޗު ދޮރުމައްޗަށް އޭނާ ވައްޓާލާފަ އެވެ.














