މެންޗެސްޓާ (ނޮވެމްބަރު 18) - މެންޗެސްޓާ ޔުނައިޓެޑްގެ މިޑްފީލްޑަރު ފައުލް ޕޮގްބާ އަށް އަނިޔާވެ، މި އަހަރުގެ ބާކީ އޮތް މުއްދަތުގައި އޭނާ އަށް ނުކުޅެވޭނެ ކަމަށް ބެލެވޭއިރު، ރިކަވަރީ ޕްރޮގްރާމް ކުރިއަށް ގެންދަން ދުބާއީ އަށް ދާން ހުއްދަދީފި އެވެ.
ޕޮގްބާ ،28، ގެ ކަނާތު ފަލަމަސްގަނޑަށް އަނިޔާވީ ދާދި ފަހުން ބޭއްވި ފްރާންސްގެ ގައުމީ ޓީމުގެ ފަރިތަކުރުންތަކުގަ އެވެ. މިހާރު ބެލެވިފައިވާ ގޮތުގައި ޕޮގްބާ މުޅިން ފިޓުވާނީ ހަ ހަފުތާ އާއި އަށް ހަފުތާގެ މުއްދަތެއްގެ ތެރޭގަ އެވެ. މާނަ އަކީ މި އަހަރުގެ ބާކީ ބައިގައި ޕޮގްބާ ފެނުމުގެ ފުރުސަތު ވަރަށް ވެސް ކުޑަ އެވެ.
މި ސީޒަނުގެ ނިޔަލަށް ޔުނައިޓެޑްގެ ކޮންޓްރެކްޓްގައި ހުރި ޕޮގްބާ އަނިޔާ އިން ރިކަވާވުމުގެ ކަންކަން ފަށާފައިވާއިރު، ދާދި ފަހުން އޭނާ ޔުނައިޓެޑްގެ މެޑިކަލް ޓީމުގެ ކައިރިން އެދުނީ ދުބާއީގައި އޭނާ އަށް ރިކަވަރީ ކުރިއަށް ގެންދެވޭނެ ގޮތެއް އޮތް ނަމަ އެ ގޮތަށް ކުރިއަށް ދިއުމަށެވެ. ޕޮގްބާގެ އެދުމަށް ޔުނައިޓެޑުން މިހާރު ވަނީ އޭނާ އަށް ދުބާއީގައި ރިކަވަރީ ކުރިއަށް ގެންދިއުމުގެ ހުއްދަދީފަ އެވެ.
ޕޮގްބާ، މި ސީޒަނަށް ފަހު ޔުނައިޓެޑް ދޫކޮށްލުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ހިލޭ ޓްރާންސްފާއެއްގައި ޕޮގްބާ ހޯދަން ޕީއެސްޖީ އާއި ރެއާލް މެޑްރިޑުން މަސައްކަތް ކުރެ އެވެ. އަދި ދާދި ފަހުން ޕެރިހުގައި ފީއެސްޖީގެ ބައެއް އޮފިޝަލުންނާއި ޕޮގްބާއާ ބައްދަލުކުރި ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ޕޮގްބާ އާއި ޔުނައިޓެޑްގެ އެއްބަސްވުން ހަމަވާއިރު، މިހާތަނަށް ޔުނައިޓެޑުން ހުށަހެޅި އާ ކޮންޓްރެކްޓަށް ޕޮގްބާގެ ފަރާތުން އެކަށީގެންވާ އެއްބާރުލުމެއް ނުލިބި އޮތް އެންމެ ބޮޑު ސަބަބަކީ ޕޮގްބާ ބޭނުންވާ ވަރުގެ މުސާރައެއް ދޭން ޔުނައިޓެޑުން ދެކޮޅު ހެދުމެވެ.
ޕޮގްބާ، ޔުނައިޓެޑްގެ ކޮންޓްރެކްޓްގައި މި ވަގުތު ހުރީ ބޯނަހާ އެކު ހަފްތާ އަކު 290،000 ޕައުންޑް (400،000 ޑޮލަރު)ގެ މުސާރައެއް ލިބޭ ގޮތަށެވެ. ޕޮގްބާ، ޔުނައިޓެޑާ އެކު އާ ކޮންޓްރެކްޓެއް ހަދާނީ އެ ކްލަބުގެ އެންމެ ބޮޑު މުސާރަ އޭނާ އަށް ދޭ ގޮތަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ޔުނައިޓެޑުން މި ސީޒަން ފެއްޓުމުގެ ކުރިން ވަނީ އެ ޓީމުގެ ކުރީގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަލުން ގެނެސްފަ އެވެ. އެއީ އެ ޓީމުގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާގެ ގޮތުގަ އެވެ. ޔުނައިޓެޑުން ރޮނާލްޑޯ އަށް ހަފްތާ އަކު 500،000 ޕައުންޑް (670،000 ޑޮލަރު)ގެ މުސާރައެއް ލިބެ އެވެ.












