ރާއްޖޭގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށާއި ކޮވިޑުގެ ސަބަބުން އަނދަވަޅަކަށް ވެއްތުނު ރާއްޖޭގެ އިގްތިސާދު ރަނގަޅު ކުރުމުގައި ހޯދާފައިވާ ގިނަ ގުނަ ކުރިއެރުންތަކަށް އިންޑިއާ އިން ރާއްޖެ އަށް ކަނޑައެޅި އާ ސަފީރު މުނު މަހާވަރު ތައުރީފުކުރައްވައިފި އެވެ.
އޭނާ އެކަންކަން ފާހަގަކުރައްވައި ތައުރީފުކުރެއްވީ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް މިއަދު އެރުވުމަށް ފަހު އެމަނިކުފާނާ ދެއްކެވި ވާހަކައިގަ އެވެ. ރައީސް އޮފީހުން ބުނި ގޮތުގައި، ރައީސް ސޯލިހުގެ ޒައާމަތުގައި ވޭތުވި ތިން އަހަރު ރާއްޖޭން ހޯދާފައިވާ ކާމިޔާބީތަކަށް ވެސް މަހާވަރް ތައުރީފު ކުރެއްވި ކަމަށެވެ.
މި ބައްދަލުވުމުގައި ރައީސް ވަނީ ދެ ގައުމުގެ މެދުގައި އޮންނަނީ ވަރަށް ހާއްސަ ގުޅުމެއްކަން ފާހަގަކުރައްވައި ދެ ގައުމުގެ ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން ވާހަކަދައްކަވައިފަ އެވެ. އަދި މަހާވަރްގެ ސަފީރު ކަމުގެ ދައުރުގައި ރާއްޖެއާ އިންޑިއާއާ ދެމެދުގައިވާ ގުޅުން ބަދަހިކުރެއްވުމާއި ގުޅޭގޮތުން ވެސް ވާހަކަދެއްކެވި އެވެ.
ރައީސް ވަނީ ދެ ގައުމަށް ފައިދާ ހުރި ކަންކަމުގައި އިތުރު އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާކަން ފާހަގަކުރައްވާފަ އެވެ. މީގެ އިތުރުން އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީ އާއި އިންސާނީ ވަސީލަތްތައް ތަރައްގީކުރުމާއި ސަލާމަތީ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ދެ ބޭފުޅުން ވަނީ އެއްބަސްވެވަޑައިގެންފަ އެވެ.
މޫސުމަށް އަންނަ ބަދަލުތަކަކީ ރާއްޖެއަށް އެންމެ ބޮޑަށް ކުރިމަތިވެފައިވާ އެއް މައްސަލަކަން ފާހަގަކުރައްވައި ރައީސް ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން އިތުރު އުއްމީދީ ފިޔަވަޅުތަކެއް އެޅުމަށް ރާއްޖޭން އަބަދުވެސް ވަކާލާތު ކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި 2070 ވަނަ އަހަރު އަންނަންވާއިރަށް ޖައްވަށް ބޭރުކުރާ ވިހަ ގޭސްތައް ނެޓް ޒީރޯއަށް ދަށްކުރާނެ ކަމަށް، ކޮޕް26 ސަމިޓްގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެފައިވާތީ އެމަނިކުފާނަށް ރައީސުލްޖުމްހޫރިއްޔާ ތައުރީފު ކުރެއްވި އެވެ.

އާ ސަފީރުގެ އެންމެ ބޮޑު އެއް މަސައްކަތަކަށް އޮންނާނީ އެގްޒިމް ބޭންކުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ރާއްޖޭގައި ހިންގާ ޕްރޮޖެކްޓްތައް އިންޑިއާގެ ފަރާތުން ވިލަރެސްކުރުމާއި ތިލަމާލެ ބްރިޖުގެ މަސައްކަތުގައި އިންޑިއާ އިން ކުރަން ޖެހޭ ކަންކަމުގެ ސްޕީޑް ހަލުވިކުރެއްވުމެވެ.
މަހާވަރު އެންމެ ފަހުން ހުންނެވީ އޮމާނުގައި ހުންނަވާ އިންޑިއާގެ ސަފީރުގެ ގޮތުގަ އެވެ. އިންޑިއާގެ ފޮރިން ސާވިސަސްއާ 1996 ވަނަ އަހަރު ގުޅުނު މަހާވަރް ވަނީ 1998-2001 އަށް ރަޝިއާގެ ވެރިރަށް މޮސްކޯ އަދި 2008-2011 އަށް ސްވިޒަލެންޑުގެ ޖެނީވާގައި ހުންނަ އެގައުމުގެ ޑިޕްލޮމެޓިކް މިޝަންތަކުގައި ވެސް މަސައްކަތްކުރައްވާފަ އެވެ.
މީގެ އިތުރުން ބޮޑުވަޒީރުގެ އޮފީހުގެ ޑިރެކްޓަރުކަމާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެގެ އދ. އާ ގުޅޭ ސިޔާސީ ޑިވިޝަނުގައި ވެސް އޭނާ ވަނީ މަސައްކަތްކުރައްވާފަ އެވެ.
އިންޑިއާ އިން ރާއްޖެ އަށް އާ ސަފީރެއް މި ހަމަޖެއްސީ ކުރީގެ ސަފީރު ސަންޖޭ ސުދީރު ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގައި ހުންނަވާ އިންޑިއާ ސަފީރަކަށް އައްޔަނުކުރުމަށްފަހު އެވެ. ރާއްޖޭގެ ސަފީރުކަމާ ސުދީރު މަގާމާ ހަވާލުވެވަޑައިގަތީ 2019 ވަނަ އަހަރުގެ މާޗު މަހު އެވެ. އޭނާ ވަނީ މި ސަރުކާރުން 2018 ވަނަ އަހަރު ވެރިކަމަށް އައިސް އިންޑިއާއާ ބަދަހި ކުރި ގުޅުމާ އެކު، ލިބުނު ގިނަ ޕްރޮޖެކްޓްތަކެއް ކުރިއަށް ގެންދިއުމުގައި އިސް ދައުރެއް އަދާކޮށްފަ އެވެ.












