ބޮޑު ބަލިމަޑުކަމެއްގެ ތެރެއިން ރައްޔިތުން ބަނޑަށް ނުޖެހި، ތަރައްގީ ނުހުއްޓި ކުރިއަށް ދެވުނު އެންމެ ބޮޑު އެއް ސަބަބަކީ ކާމިޔާބު ކޯލިޝަން ސަރުކާރެއް ދެމިއޮތުން ކަމަށް ވެރިކަންކުރާ ކޯލިޝަނުގައި ހިމެނޭ އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އައްޝޭހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ސަރުކާރަށް ތިން އަހަރު ފުރުނު ދުވަހުގެ މުނާސަބަތާއި ގުޅިގެން މިނިސްޓަރު އިމްރާން "އަދަދު" އަށް ވިދާޅުވީ، މިހާރު ވެރިކަމުގައި އޮތް ކޯލިޝަނަކީ އެކަމުގެ ނަމޫނާ މިސާލެއް ކަމަށެވެ. އަދި ބޮޑު ބަލިމަޑުކަމެއްގެ ތެރެއިން ވެސް ތަރައްގީގެ އެކި މަޝްރޫތައް ނުހުއްޓި، ރައްޔިތުން ބަނޑަށް ނުޖެހި ސަލާމަތްވުމުގައި ވެސް ކޯލިޝަން ދެމިއޮތުން ވަރަށް މުހިންމު ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.
"މިއީ ނަމޫނާ ކޯލިޝަނެކޭ ދަންނަވާނީ. އާލަމީ ބޮޑު ވަބާއެއްގެ ތެރެއިން ރައްޔިތުން ބަނޑަށް ނުޖެހި ސަލާމަތްވުމާއި، ދެން އަދި ހަމަ ތަރައްގީގެ މަޝްރޫތަކަށް ވެސް ހުއްޓުމެއް ނެތި ކުރިޔަށް ދެވުމަކީ، އެއީ ވެސް ހަމަ ކޯލިޝަން ދެމިއޮތުމުގެ ސަބަބުން ވެފަ އޮތް ކަމެއް،" މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.
މިނިސްޓަރު އިމްރާން ވިދާޅުވީ މިހާރު އޮތް ވެރިކަންކުރާ ކޯލިޝަން ވެރިކަމުގެ ފަސް އަހަރު ދުވަހުގެ ދައުރު ނިމެންދެން ވެސް އޮތް ގޮތަށް ދެމި އޮތުމަކީ އޭނާ އުއްމީދުކުރާ ގޮތް ކަމަށެވެ.
އަދި އެގޮތަށް ފަސް އަހަރު ދުވަހު ކޯލިޝަން ގެންގޮއްސިނަމަ އެއީ ސާބިތުކޮށްދެވޭނެ ވަރަށް ބޮޑު އަދި މުހިންމު ކަމެއް ކަމަށް ވެސް މިނިސްޓަރު އިމްރާނު ވިދާޅުވި އެވެ. މިނިސްޓަރު އިމްރާން ވިދާޅުވީ 2018 ވަނަ އަހަރުން ފެށިގެން މިއަދާ ހަމަޔަށް އައިއިރު ކޯލިޝަންގެ ކާމިޔާބީ ސާބިތުކޮށްދެވިފައިވާ ކަމަށެވެ.

"މިއީ ކޯލިޝަންގެ މާނައިގައި 2008 ވަނަ އަހަރުން ފެށިގެން އައި އެންމެ ކާމިޔާބު ކޯލިޝަން. މިދިޔަ ތިން އަހަރަކީ އެންމެ ކާމިޔާބު ތިން އަހަރު ކޯލިޝަނެއްގައި،" މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.













