ކޮވިޑަށް ފަހު ދިވެހިރާއްޖޭގެ އިގްތިސާދީ ހަރަކާތްތައް އަލުން ފަށާފައިވިޔަސް، މި ބަލިމަޑުކަމުން އަދި މުޅިން އަރައިގަނެވުނީކީ ނޫން ކަމަށާއި އެކަމަކު އުއްމީދުގެ ހުޅުކޮޅެއް، ލޮލުކޮޅުން މިހާރު އެބަ ފެންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ކޯޕަރޭޓް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ ގޯލްޑް 100 ގާލާ ނައިޓުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ދިވެހިން މިއަދު ދިރިއުޅެމުން މި އަންނަނީ، މީގެ ދެ އަހަރު ކުރިން ދުނިޔެ އޮތް ހާލަތާ އަޅައިބަލާއިރު، ވަރަށް ތަފާތު ދުނިޔެއެއްގައި ކަމަށެވެ.
"ކޯވިޑް-19ގެ ބަލިމަޑުކަން ފެތުރި، މުޅި ދުނިޔެ ހުއްޓުމަކަށް ގެނައި. ދުނިޔޭގެ ގައުމުތަކުގެ އިގްތިސާދު ފުނޑުފުނޑުވެގެންދިޔަ. ރާއްޖޭގެ ކުޑަކުޑަ އިގްތިސާދު ވެސް މިކަމުން ސަލާމަތެއްނުވި،" ރައީސް ވިދާޅުވި އެވެ.
ރާއްޖޭގައި އޮތީ ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ ފަތުރުވެރިކަމެއް ކަމަށް ފާހަގަކުރައްވައި ރައީސް ވިދާޅުވީ ކޮވިޑް ފެތުރެން ފެށުމާއެކު، ރާއްޖޭގެ ރިޒޯޓުތަކާއި ގެސްޓްހައުސްތައްވެސް ފަޅުވެގެންދިޔަ ކަމަށެވެ. އަދި ފުރަބަންދަކަށްފަހު ފުރަބަންދެއް އިއުލާނު ކުރުމުން، ހޮޓާތަކާއި ރެސްޓޯރަންޓްތައް ވެސް ބަންދުކުރަން ޖެހި ވިޔަފާރިތައް ހީނަރުވެގެންދިޔަ ކަމަށް ރައީސް ވިދާޅުވި އެވެ.
"މިއަދު އަޅުގަނޑުމެންގެ އިގްތިސާދީ ހަރަކާތްތައް އަލުން ފަށާފައިވިޔަސް، މި ބަލިމަޑުކަމުން އަޅުގަނޑުމެންނަށް އަދި މުޅިން އަރައިގަނެވުނީކީ ނޫން. ނަމަވެސް، އުއްމީދުގެ ހުޅުކޮޅެއް، ލޮލުކޮޅުން މިހާރު އެބަ ފެނޭ. މިހާރު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ ނިސްބަތް ހުރީ، ކޮވިޑުގެ ކުރިން އާއްމުކޮށް ފަތުރުވެރިން ޒިޔާރަތްކުރާ މިންވަރާ އަޅައިބަލާއިރު 70 އިންސައްތައިގައި،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ކޮވިޑުގެ ސަބަބުން ލިބުނު ގެއްލުންތައް ފޫބެއްދުމަށް، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން، މިހާރުވެސް އަންނަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުން ކަމަށާއި އޭގެ ނަތީޖާ ވެސް އިރާދަކުރެއްވީތީ މަޑުމަޑުން ފެންނަ ކަމަށެވެ.
"އިގްތިސާދީ އަޑިގަނޑުގައި އަޅުގަނޑުމެން ދެއަތް އުރާލައިގެން ތިބީކީ ނޫން. އައު ވިޔަފާރިތައްވެސް އަންނަނީ މަޑުމަޑުން އުފެދެމުން. އިރާދަކުރެއްވިއްޔާ، އަޅުގަނޑުމެން މިދަނީ ކުރިއަށް. އަޅުގަނޑުމެން މި އަންނަނީ އިގްތިސާދު އަލުން އިއާދަކުރަމުން،" ރައީސް ވިދާޅުވި އެވެ.
ކޮވިޑުގެ އެންމެ ދަތި ދުވަސްވަރު ވެސް، ރާއްޖޭގެ ވިޔަފާރިތައް ދެމެހެއްޓުމަށް، ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދިން ކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ބޮޑެތި ވިޔަފާރިތަކަށާއި، ކުދި ވިޔަފާރިތަކަށް ވެސް، ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެމުން ގެންދިޔަ ކަމަށެވެ.
"އަދި ހަމަ އެ ދަތި ހާލުގައި ވެސް އިގްތިދާދު ދެމެހެއްޓުމަށްޓަކައި ވަރަށް ބުރަ މަސައްކަތްތަކެއް، ވިޔަފާރިތަކުން ކުރަމުން ގެންދިޔަކަން އަޅުގަނޑު މި ފުރުސަތުގައި ފާހަގަކުރަން،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އާ ވިޔަފާރިތައް ރާއްޖޭގެ އިގްތިސާދަށް ނެރެދިނުމަށްޓަކައި، ސަރުކާރުން މިހާރު ވެސް އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށާއި ސަރުކާރު އަބަދުވެސް އޮންނާނީ، ޕްރައިވެޓް ސެކްޓަރުގެ ބައިވެރިއެއްގެ ގޮތުގައި ކަމަށެވެ.
ގޯލްޑް 100 އަކީ ރާއްޖޭގެ ވިޔަފާރި ކުންފުނިތައް ރޭންކުކޮށް ކޯޕަރޭޓް މޯލްޑިވްސް އިން ދެމުން އަންނަ އެވޯޑެކެވެ.











