ހުރިހާ ފަންތީގެ މީހުންނަށް ދިރިއުޅެވޭ ގޮތަށް ލަގްޒަރީ އަދި ސޯޝަލް ހައުސިންއަށް ހާއްސަ އެޕާޓްމަންޓުތައް ވެސް ހިމެނޭހެން ހުޅުމާލޭގައި އާރްސީސީން ތަރައްގީކުރާ "ދަ ބްލޫ ހޭވަން ރެޒިޑެންސީސް" ޕްރޮޖެކްޓް އިފްތިތާހުކޮށްފި އެވެ.
ހުޅުމާލޭ ފުރަތަމަ ފިޔަވައްސާ ދެވަނަ ފިޔަވައްސާ ގުޅޭ ޗެނަލް ޕާކް ސަރަހައްދަށްވާ ގޮތަށް އޮންނަ ބިމެއްގައި އިމާރާތްކުރާ މި 14 ބުރީގެ ޓަވަރުގައި 116 އެޕާޓްމަންޓު ހުންނާނެ އެވެ. އޭގެ ތެރޭގައި ސޯޝަލް ހައުސިން ޔުނިޓުތަކާއި ކޮންޓްރޯލް އަގުގައި 2.2 މިލިއަން ރުފިޔާއަށް ވިއްކަން ޖެހޭ ދެ ކޮޓަރީގެ ޔުނިޓުތަކާއި އެންމެ ލަގްޒަރީ ފެންވަރުގެ ޔުނިޓުތައް ހިމެނެ އެވެ.
މިއީ އެޗްޑީސީން ދިވެހި ޑިވެލޮޕަރުންނާ ހަވާލުކޮށްގެން ހުޅުމާލޭގައި ތަރައްގީކުރާ މިކްސްޑް ރެޒިޑެންޝަލް ހައުސިން ޕްރޮޖެކްޓުތަކުގެ ތެރެއިން ހިންގޭ ޕްރޮޖެކްޓެކެވެ.
ބްލޫ ހޭވަން ރެޒިޑެންސީސްގެ އެޕާޓުމަންޓުތައް ބެހިފައިވާގޮތް
- ސޯޝަލް ހައުސިން ކެޓެގަރީ - 26 ޔުނިޓް
- އަގުކޮންޓްރޯލް ކެޓެގަރީ - 49 ޔުނިޓް
- ލަގްޒަރީ ކެޓެގަރީ - 41 ޔުނިޓް
މި ޕްރޮޖެކްޓާ އިފްތިތާހުކުރަން ބޭއްވި ހަފުލާގައި އާރްސީސީގެ ޗެއާމަން އަދި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ވިދާޅުވީ "ބްލޫ ހޭވަން" ޕްރޮޖެކްޓަކީ އާރްސީސީގެ 50 އަހަރުވީ ތާރީހުގައި ހިންގާ އެންމެ ބިޔަ ޕްރޮޖެކްޓް ކަމަށެވެ.
އިތުރަށް ވިދާޅުވީ ކުރިން މިވަރުގެ ޕްރޮޖެކްޓެއް ހިންގާނެ ފުރުސަތު ނުލިބުނު ނަމަވެސް، މިހާރު އެ ކުންފުނީގައި އެ ގާބިލިއްޔަތުކަން އެބަހުރި ކަމަށާއި މިހާރު ވެސް އެއް ބިލިއަން ރުފިޔާގެ މަސައްކަތް އާރްސީސީން ކުރަމުން އަންނަ ކަމަށެވެ.
ފަންނުވެރި ދިވެހިންތަކެއްގެ ނަލަ އުފެއްދުމެއް
އާރްސީސީގެ ބްލޫ ހޭވަން ފަރުމާކުރީ ދިވެހި އާކިޓެކްޓުންނާއި އިންޖިނިއަަރުންގެ ޓީމަކުންނެވެ.
ދިވެހިންގެ ބަޔަކާ ހަވާލުކޮށްގެން މި މަސައްކަތް ކުރުމާ ގުޅިގެން ނާޒިމް ވިދާޅުވީ އެންމެ ފުރަތަމަ ވެސް ނިންމީ ދިވެހިންގެ ބަޔަކާ ހަވާލުކޮށްގެން މެނުވީ މިކަން ނުކުރަން ކަމަށެވެ. އަދި އެ ނިންމުމުގެ ނަތީޖާއިން މިވަރުގެ މަސައްކަތްތައް ކުރެވޭ ވަރުގެ ފަންނުވެރި ދިވެހިން އެބަތިބިކަން އަންގައިދެވިއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބްލޫ ހޭވަން ރެޒިޑެންސީގެ މޮޑެލް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމަށް ދައްކާލަނީ: މިނިސްޓަރު އަރިހުގައި އާރްސީސީގެ ޗެއާމަން މުހައްމަދު ނާޒިމް އަދި ޖެނެރަލް މެނޭޖާ އިބްރާހިމް ރަޝީދު. -- ފޮޓޯ: ހައިރައިޒް އިވެންޓްސް
ޒަމާނީ ފެންވަރުގެ ހިތްގައިމު ދިރިއުޅުމަކަށް އަމާޒުކޮށް ތަރައްގީކުރާ ބްލޫ ހޭވަންގައި ހައުސިން ޔުނިޓުތަކުގެ އިތުރުން ކޮމާޝަލް ޔުނިޓުތަކާއި ތަނުގައި ދިރިއުޅޭ މީހުން ބޭނުންކުރާނެ ޕޫލާއި، ޖިމާއި، ޕާކިން ހުންނާނެ އެވެ.
ބްލޫ ހޭވަންގެ ޔުނިޓުތަކުގެ ތެރޭގައި ދެ ކޮޓަރީގެ (2+1) އެޕާޓްމަންޓުތަކާއި ތިން ކޮޓަރީގެ (3+1) އެޕާޓްމަންޓުތައް ހިމެނެ އެވެ. އެޕާޓްމަންޓުތަކުގެ ސައިޒު އުޅެނީ 800 އަކަފޫޓުން ފެށިގެން ގޮސް 2300 އަކަފޫޓު ބޮޑުމިނަށެވެ. އަދި އިމާރާތުގެ އެކި ދިމަދިމާލުގައި ހުންނަނީ އެކި ފަރުމާގެ އެޕާޓްމަންޓުތަކެވެ.
އާރްސީސީން ވަނީ އެޕާޓްމަންޓް ގަންނަން ބޭނުންވާ މީހުންނަށް އެތަން ހުންނާނެ ގޮތް ދައްކާލަން "ވާޗުއަލް ރިއަލިޓީ އެޕާޓްމަންޓް ވިއުވިން"ގެ ޒަރިއްޔާއިން އެޕާޓުމަންޓްތައް ބަލާލެވެ އެވެ.











