ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދައްކަވަމުން ގެންދަވަނީ ދިވެހި ރައްޔިތުން ބައިވެރިކޮށްގެން ޖުމްހޫރީ ވެރިކަމެއް ކުރެވިދާނެކަން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
54 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ރާއްޖެ ސިޔާސީ ގޮތުން ހަލަބޮލިވެފައި އޮތްއޮތުމާއި އަދި އިގްތިސޯދަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ދަނޑިވަޅުގައި ވެސް ރައީސް ދައްކުވައިދެއްވަނީ މަޑުމައިތިރިކަމާއި އިހްލާސްތެރިކަން ކަމަށެވެ.
"މި ސަރުކާރަށް ތިން އަހަރު ވެގެންދާއިރު ރައީސް ސޯލިހުގެ ވެރިކަމުން ފެނިގެންދަނީ އަމާންކަމާއި ރައްކާތެރިކަމާއި އަދި މަޑުމައިތިރިކަން އިސްކޮށްގެން، ދިވެހި ސަރުކާރު ހިންގުމުގައި ހުރިހާ ރައްޔިތުން ޝާމިލްވާ ގޮތަށް ވެރިކަން ހިންގޭނެ ކަމުގެ ފުރިހަމަ މިސާލެއް،" މިނިސްޓަރު ވިދާޅުވި އެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ޖުމްހޫރީ ނިޒާމުގެ ފަހިކަމާއި ފުރިހަމަކަން ލިބުމަށްޓަކައި ލާމަރުކަޒީ ނިޒާމުގެ އެންމެ ފުރިހަމަ ސިފަތައް ލިބިގެންވާ ފުރިހަމަ ފައިދާ ރައްޔިތުންނަށް ލިބިގަތުމަކީ މުހިންމު ކަމެއް ކަމަށެވެ.
އަދި ނިޒާމުގެ ތެރެއިން ހޯދެން ހުރި ހުރިހާ މުހިންމު ސިފަތައް ހޯދުމަށްޓަކައި ސަރުކާރާއި ރައްޔިތުންނާއެކު ގުޅިގެން މަސައްކަތް ކުރުމަކީ މުހިންމު ކަމެއް ކަމަށްވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އެހެންކަމުން ވެރިކަން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ އެންމެންގެ ޒިންމާއެއް ކަމަށް ވެސް މިނިސްޓަރުގެ ވާހަކައިގައި ވިދާޅުވި އެވެ.














