ވެއެތުވެދިޔަ ތިން އަހަރު ދިވެހިރާއްޖޭގެ އިޖްތިމާއީ މަސްލަހަތު ހިފެހެއްޓެވުމަށް އެމަނިކުފާނު ވަރަށް ބޮޑު އިސްކަމެއް ދެއްވި ކަމަށާާއި ކުރިއަށް އޮތް މި ދައުރުގެ ދެ އަހަރު ތެރޭގައި ވެސް ޖަމާއަތުގެ މަސްލަހަތު ހިފެހެއްޓުމަށް ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މިރޭ ފާހަގަ ކުރާ 54 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިހާރު ބާއްވަމުންދާ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ދިވެހިރާއްޖޭގެ އިޖްތިމާއީ ދުޅަހެޔޮކަމަށްޓަކައި އެެމަނިކުފާނު ވަރަށް ބުރަކޮށް މަސައްކަތް ކުރައްވަންޖެހިވަޑައިގަންނަވާ ކަމަށެވެ.
"ރާއްޖޭގެ އިޖުތިމާއީ ދުޅަހެޔޮ ކަމަށްޓަކާ، ހޭދަކުރާންޖެހޭ ވަގުތާ ހަކަތައިގެ މިންވަރު ބޮޑު،" ރައީސް ވިދާޅުވި އެވެ.
ރައީސް ސޯލިހު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި "ސިޔާސީ ވާދަވެރިކަން ފެނުނީ، ހަތުރުވެރިކަމާ އަދާވާތްތެރި ކަމުގެ ގޮތުގައި" ކަމަށެވެ. އަދި "އެންމެ ހެޔޮކަމަކީ އަނެކާއާމެދު އެންމެ ނުބައިކޮށް ކަންކުރުން ކަމުގައި އޭރުގަބޫލު ކުރެވޭފަދަ" ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
"އެއީ ގައުމެއް، ޖަމާއަތެއް، އަދި ޖުމްހޫރިއްޔަތެއް ވެސް ދެމެހެއްޓޭނެ ގޮތެއް ނޫން. އަޅުގަނޑުމެންގެ ސިޔާސީ ފަލްސަފާ އަކީ، ދެބަސްވުމަށް އެއްބަސްވުން،" ރައީސް ސޯލިހު ވިދާޅުވި އެވެ.

އޭގެ އިތުރުން ރާއްޖެއިން މިހާރު ފެންނަ އަމާންކަން ހިފެހެއްޓުމަށް އެމަނިކުފާނު ގަދައަޅާ މަސައްކަތް ކުރައްވާނެކަމުގެ ޔަގީންކަން ރައީސް ސޯލިހު ރައްޔިތުންނަށް ދެއްވި އެވެ.
"މާތް ﷲގެ އިރާދަފުޅާއެކު، އަޅުގަނޑުމެންގެ ހުރިހާ ވަގުތަކާ، މަސައްކަތަކާ، ހަކަތަ ހުސްކުރާނީ ދިވެހިރައްޔިތުންގެ އުފާފާގަތިކަމަށްޓަކާ،" އެމަނިކުފާނު ވިދާޅުވި އެވެ.











