އޮޑިޓާ ގުޅޭ ލިޔެކިޔުންތައް ހުށަހެޅުމަށާއި އޮޑިޓުގެ ކަންކަން ނިންމަން ކަނޑައަޅާފައިވާ މުއްދަތުތަކެއްގެ ތެރޭގައި ފުރިހަމަ ނުކުރާ ސަރުކާރު ކުންފުނިތަކާއި އެ ކުންފުނިތަކުގެ އޮޑިޓާ ހަވާލުވާ އެކްސްޓާނަލް އޮޑިޓަރުން ޖޫރިމަނާކުރެވޭ ގޮތަށް ސަރުކާރު ކުންފުނިތައް (އެސްއޯއީ) އޮޑިޓުކުރުމާއި ޖަވާބުދާރީވުމުގެ ގަވާއިދު އޮޑިޓާ ޖެނެރަލް އޮފީހުން އާންމުކޮށްފި އެވެ.
އެސްއޯއީތައް އޮޑިޓުކުރުމާ ގުޅޭ ގަވާއިދަކީ މި ކުންފުނިތަކުގެ އާ ފައިނޭންޝަލް ސްޓޭޓްމަންޓް އޮޑިޓް ސްޓެރެޓެޖީއަށް އަމަލުކުރަން ފެށުމަށް ބޭނުންވާ ގަވާއިދެކެވެ. މި ގަވާއިދަށް އަމަލުކުރަން ޖެހެނީ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުނިތަކުންނެވެ. ނަމަވެސް ސަރުކާރުގެ ހިއްސާ އޮންނަ މާލީ އިދާރާތަކާއި (އެމްއެމްއޭ، ސީއެމްޑީއޭ) އަދި އާންމުންނަށް ހިއްސާ ވިއްކާ ޕަބްލިކް ކުންފުނިތައް (ބީއެމްއެލް، އެމްޓީސީސީ، އެސްޓީއޯ) މި ގަވާއިދުން އިސްތިސްނާ އެވެ.
އެސްއޯއީތައް އޮޑިޓުކުރުމާއި ޒިންމާދާރުވުމުގެ ގަވާއިދުގެ މަގުސަދުތައް
- އެސްއޯއީތައް އޮޑިޓުކުރަން އޮޑިޓަރުން ގެންގުޅޭނެ ހަރުދަނާ އޮނިގަނޑެއް އެކުލަވާލުން
- އޮޑިޓުގެ ޒަރިއްޔާއިން އެސްއޯއީތަކުގެ ހާމަކަމާއި ޖަވާބުދާރީވުން އިތުރު ކުރުން
- އޮޑިޓަރުންނާއި، ހިއްސާދާރުންނާއި ކުންފުނި ހިންގުމުގެ ޒިންމާ މަތިކުރެވިފައިވާ މީހުންނާއި އެހެނިހެން މަސްލަހަތުވެރިންގެ މެދުގައި މުއާމަލާތްތައް އިތުރަށް ވަރުގަދަ ކުރުން
- ކަނޑައެޅިފައިވާ ގަވާއިދުތަކާއި އޮނިގަނޑަށް އަމަލުކުރޭތޯ ކަށަވަރު ކުރުން
- މަކަރާއި އޮޅުވާލުންތަކުން ރައްކާތެރިވާން އަޅާފައިވާ ފިޔަވަޅުތަކުގެ ނަތީޖާ ކަށަވަރުކުރުން
އެކްސްޓާނަލް އޮޑިޓަރުންނާއި ކުންފުނިތަކަށް ވެސް ޒިންމާ ބޮޑު
އާ ގަވާއިދުގެ ދަށުން ކުންފުނިތަކުގެ މާލީ ބަޔާންތައް އޮޑިޓު ކުރާނެ އޮޑިޓަރުން އައްޔަނު ކުރާނީ ކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ބޯޑުގެ ޑިރެކްޓަރުންނެވެ. އެއްވެސް ސަބަބަކާހުރެ އެ ޖަލްްސާގައި އޮޑިޓަރަކު އައްޔަނު ނުކުރެވިއްޖެ ނަމަ އެކަން އޮޑިޓު އޮފީހަށް އަންގަން ޖެހެ އެވެ. އެއަށް ފަހު އޮޑިޓަރަކު އައްޔަނު ކުރަން ޖެހެނީ އެކްސްޓްރާ-އޯޑިނަރީ ޖަލްސާއެއްގައި ބޯޑުގެ ޑިރެކްޓަރުން ފާސްކޮށްގެންނެވެ.
މިގޮތަށް ކުންފުނިތަކުން އައްޔަނުކުރާ އޮޑިޓަރުން ވާން ޖެހެނީ ޕަބްލިކް އިންޓްރެސްޓް އެންޓިޓީ (ޕައި) އޮޑިޓަރެއްގެ ގޮތުގައި އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތަކަށެވެ. މިގޮތަށް ރަޖިސްޓްރީ ނުކުރާ އޮޑިޓް ފާމަކަށް ނޫނީ އޮޑިޓަރަކު އައްޔަނު ކުރުމަކީ މަނާ ކަމެކެވެ.
މިގޮތަށް ނަގާ އޮޑިޓަރަކާ ވިދިވިދިގެން ހަތަރު އަހަރަށް ވުރެ އިތުރަށް އޮޑިޓު ކުރަން ހަވާލުނުކުރެވޭނެ ކަމަށް ގަވާއިދުގައި ބުނެ އެވެ. ނަމަވެސް އިގުތިސޯދީ ނަޒަރަކުން ދެކޮޅުޖެހޭ ހާލަތްތަކުގައި އޮޑިޓާ ޖެނެރަލްގެ ހުއްދަޔާއެކު ކުރިން އޮޑިޓު ކުރި ފަރާތާ އޮޑިޓު ކުރަން ހަވާލު ކުރެވޭނެ އެވެ. އޮޑިޓު އޮފީހުން ވަނީ ހުރިހާ ސަރުކާރު ކުންފުނިތަކަކުން ވެސް އޮޑިޓަރުންގެ ރޮޓޭޝަން ސިޔާސަތެއް އެކުލަވާލަން ބާރުއަޅާފަ އެވެ.
އޭގެ އިތުރުން އޮޑިޓު ނިންމަން ކަނޑައަޅާ ތާރީހުތަކަށް މަސައްކަތް ނިންމަން ބާރުއަޅަން ޖޫރިިމަނާ ކުރެވެ އެވެ. މިގޮތަށް ކުރެވޭ ޖޫރިމަނާތަކުގެ ތެރޭގައި އޮޑިޓާ ޖެނެރަލަށް ހުށަހަޅަން ޖެހޭ ރިޕޯޓު ހުށަނާޅައިގެން ކުރެވޭ ޖޫރިމަނާ އާއި އޮޑިޓު އޮފީހުން ހަވާލުކުރަން އަންގާ ލިޔެކިޔުންތައް ހަވާލުނުކުރުމާ ގުޅިގެން ކުރެވޭ ޖޫރިމަނާ ހިމެނެ އެވެ.
އޮޑިޓު ކުރާ ސަރުކާރު ކުންފުނީގެ އާމްދަނީއަށް ބަލައި ކަނޑައަޅާފައިވާ މި ޖޫރިމަނާތައް އުޅެނީ 10،000ރ. އާއި 40،000ރ. އާ ދޭތެރޭގަ އެވެ.
ހަމަ އެހެންމެ ސަރުކާރު ކުންފުނިތަކުގެ ވެރިންގެ ޒިންމާތަކުގެ ތެރޭގައި އޮޑިޓަށް އެއްބާރުލުން ނުދީ ބޭނުންވާ ލިޔެކިޔުންތައް ފޯރުނުކޮށްދެވިއްޖެ ހާލަތެއްގައި އެ ކުންފުނިތައް ވެސް 10،000ރ. އާއި 40،000ރ. އާ ދޭތެރޭގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.
އޮޑިޓު އޮފީހުގެ ދައުރަކީ އޮޑިޓުތައް ރިވިއުކުރުން
ސަރުކާރުގެ ކުންފުނިތަކުގެ އޮޑިޓު ގަވާއިދުގެ ދަށުން އޮޑިޓާ ޖެނެރަލް އޮފީހުގެ މައިގަނޑު ދައުރަކީ އޮޑިޓުތަކާއި އޮޑިޓު ރިޕޯޓުތައް ރިވިއު ކުރުމެވެ. މި ރިވިއުގެ ބޭނުމަށް ކުންފުނިތަަކުގެ ފައިނޭންޝަލް ސްޓޭޓްމަންޓުތަކުގެ އިތުރުން އޮޑިޓާ ޖެނެރަލަށް ވަކި ރިޕޯޓެއް ހުށަހަޅަން ޖެހެ އެވެ.
މި ރިޕޯޓުގައި އޮޑިޓަރުން ހިމަނަން ޖެހޭ މައުލޫމާތުތަކުގެ ތެރޭގައި އިންޓާނަލް ކޮންޓްރޯލްސް އޯވާ ފައިނޭންޝަލް ރިޕޯޓިން، ފްރޯޑް ރިސްކު، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޓައިޒޭޝަން ބޯޑް (ޕީސީބީ)ން އެކުލަވާލައިފައިވާ ޕްރޮކިއުމަންޓް އުސޫލާއި ކޯޕަރޭޓް ގަވަނަންސް ކޯޑަށް އަމަލު ކޮށްފައިވާ މިންވަރާއި ޕީސީބީގެ އެންގުންތަކަށް އަމަލު ކޮށްފައިވާ މިންވަރު ހިމެނެ އެވެ.
މިއީ އޮޑިޓުތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ ގޮތުން ގެނައި ބަދަލަކަށް ވީތީ އެ މަގުސަދު ހާސިލުކުރުމުގެ ބޭނުމުގައި އޮޑިޓުގެ ފެންވަރު ދަށް ހާލަތްތަކުގައި އޮޑިޓު ކުރި ފަރާތަަށް ފިޔަވަޅު އަޅާނެ ކަމަށް ގަވާއިދުގައި ބުނެ އެވެ. އެގޮތުން އޮޑިޓުގެ ފެންވަރު ދަށް ކަމަށް ފާހަގަކުރެވިއްޖެ ނަމަ، ޗާޓާޑް އެކައުންޓަންޓްސް އިންސްޓިޓިއުޓް މެދުވެރިކޮށް ބްލެކްލިސްޓް ކުރެވެ އެވެ.
އޮޑިޓު އޮފީހުން ބުނި ގޮތުގައި މި އާ ސްޓްރެޓެޖީގެ ދަށުން ސަރުކާރުގެ އަގުލަބިއްޔަތު ހިއްސާ އޮންނަ ކުންފުނިތަކުގެ ހިންގުން ހަރުދަނާވެ ޖަވާބުދާރީވުން އިތުރުވާނެ ކަމަށެވެ. އަދި ގަވާއިދު ރަނގަޅަށް ތަންފީޒު ކުރުމުން ދެފުށް ފެންނަ އުސޫލުތަކެއްގެ މަތިން ސަރުކާރު ކުންފުނިތައް ހިންގުމަށް ބާރު އެޅިގެން ދާނެ ކަމަށް ބުންޏެވެ.










