ޕެރިސް (ނޮވެމްބަރު 10) - މެންޗެސްޓާ ޔުނައިޓަޑްގެ ފްރާންސް މިޑްފީލްޑަރު ފައުލް ޕޮގްބާ އަށް އަނިޔާވެ، މި އަހަރުގެ ބާކީ އޮތް މުއްދަތުގައި އޭނާ އަށް ކުޅެވިދާނެކަމާ މެދު ސުވާލު އުފެދިއްޖެ އެވެ.
ޕޮގްބާ ،28، ގެ ކަނާތު ފަލަމަސްގަނޑަށް އިއްޔެ އަނިޔާވީ ފްރާންސްގެ ގައުމީ ޓީމުގެ ފަރިތަކުރުންތަކުގަ އެވެ. މިހާރު ބެލެވިފައިވާ ގޮތުގައި ޕޮގްބާ މުޅިން ފިޓުވާނީ ހަ ހަފުތާ އާއި އަށް ހަފުތާގެ މުއްދަތެއްގެ ތެރޭގަ އެވެ.
ޕޮގްބާ އަނިޔާގެ ސަބަބުން އަށް ހަފުތާގެ މުއްދަތަކަށް ކުޅުމާ ދުރުގައި ހުރެއްޖެ ނަމަ، އޭނާ އަށް ޕްރިމިއާ ލީގުގެ އަށް މެޗާއި ޗެމްޕިއަންސް ލީގުގެ ދެ މެޗު ގެއްލޭނެ އެެވެ. އަދި މި އަހަރުގެ ބާކީ އޮތް މުއްދަތުގައި އޭނާ އަށް ނުކުޅެވޭނެ އެވެ.
ސަސްޕެންޝަންގެ ސަބަބުން ޕްރިމިއާ ލީގުގައި މި މަހުގެ 20 ވަނަ ދުވަހު ޔުނައިޓެޑުން ވަޓްފޯޑާ ދެކޮޅަށް ކުޅޭ މެޗުގައި ޕޮގްބާ އަށް ނުކުޅެވޭނެ އެވެ. އެކަމަކު، އޭނާ އަށް އިތުރު މެޗުތަކެއް ގެއްލުމަކީ ޔުނައިޓެޑްގެ ކޯޗު އޮލޭ ގުނަ ސޯލްޝެއާ އަށް ފިކުރުބޮޑުވާނެ ކަމެކެވެ.
ޕޮގްބާގެ ކޮންޓްރެކްޓް އަންނަ އަހަރު ޖޫން މަހަށް ހަމަވާއިރު، ޔުނައިޓަޑްގައި އޭނާ މަޑުކުރާނެކަމުގެ ޔަގީންކަމެއް ނެތެވެ. ކޮންޓުރެކްޓް އާ ނުކުރާނަމަ، ޖެނުއަރީގައި އޭނާ އަށް އިންގްލެންޑް ނޫން އެހެން ކޮންމެ ގައުމެއްގެ ކްލަބަކާއެކު ޕްރީ އެގްރިމަންޓެއް ހެދޭނެ އެވެ. އެއީ އަންނަ ޖުލައި އެއް ވަނަ ދުވަހު އެ ޓީމަކާ ކުޅޭ ގޮތަށެވެ.
ޔުނައިޓަޑްގައި އަނިޔާގެ މައްސަލަތަކެއް މިހާރު ވެސް އެބައޮތެވެ. ފްރާންސްގެ ޑިފެންޑަރު ރަފައެލް ވަރާން ހުރީ އަނިޔާގަ އެވެ. ލީގުގައި ޔުނައިޓަޑް އެންމެ ފަހުން ކުޅުނު މެޗުގައި އެ ޓީމުގެ އުުރުގުއޭ ފޯވަޑް އެޑިސަން ކަވާނީ ވެސް އަނިޔާގެ ސަބަބުން ނުކުޅެ އެވެ. އަދި އެ މެޗުގައި ޑިފެންޑަރު ލޫކް ޝޯގެ ބޮލަށް ލިބުނު އަނިޔާއަކާ ގުޅިގެން، އިންގްލެންޑްގެ ޓީމާ އަދި ނުގުޅެ އެވެ.












