ޕެރިސް (ނޮވެމްބަރު 10) - ފްރާންސް ފުޓްބޯލް އިން ހޮވާ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑްގެ ގަދަ 30 ކުޅުންތެރިންގެ ތެރޭގައި ނޮމިނޭޓް ނުވުމުން މާޔޫސްވި ކަމަށް ޗެލްސީ އަށް ކުޅޭ ސެނެގޯލްގެ ކީޕަރު އެޑޮއާޑް މެންޑީ ބުނެފި އެވެ.
ބެލޮންޑިއޯ ނޮމިނޭޝަނުގެ ތެރޭގައި އުމުރުން 29 އަހަރުގެ މެންޑީ ނުހިމެނޭތީ އޭނާއާ އެކުގައި ޗެލްސީ އާއި ސެނެގޯލް ގައުމީ ޓީމަށް ކުޅޭ ކުޅުންތެރިން މީގެ ކުރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ބެލޮންޑިއޯއާ ބެހޭގޮތުން މެެންޑީ ފުރަތަމަ ފަހަރަށް މީޑިއާގައި ވާހަކަ ދެއްކީ ފްރާންސްގެ ކެނަލް ޕްލަަސް އަށް ދާދިފަހުން ދިން އިންޓަވިއުއެއްގަ އެވެ.
މެންޑީ ބުނީ ފްރާންސް ޖޯޒީގައި ނިމިދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އޭނާ ކުޅުނު ނަމަ ބެލޮންޑިއޯ އެވޯޑްގެ ނޮމިނޭޝަނާ ބެހޭގޮތުން ދައްކަން ޖެހޭނީ ތަފާތު ވާހަކައެއް ކަމަށެވެ. މެންޑީ އަށް ބެލޮންޑިއޯގެ ނޮމިނޭޝަނެއް ވެސް ނުލިބުނީ އޭނާ ނިސްބަތްވާ ގައުމުގެ ސަބަބުންތޯ ސުވާލުކުރުމުން މެންޑީ ބުނީ އެކަމާ ބެހޭގޮތުން އެއްޗެއް ނުބުނެވޭނެ ކަމަށެވެ.
"ތި މީހުން (މީޑިއާ) ގަބޫލުކުރަންތަ މިއީ ނާއިންސާފުން ހިނގާފައި އޮތް ކަމެއް ކަމަށް؟ ޔަގީނުން ވެސް އެއީ އަހަރެން ބޭނުންކުރާނެ ބަހެއް ނޫން،" މެންޑީ ބުންޏެވެ. "ނޮމިނޭޝަން ނުލިބުމުން އެކަމާ ވިސްނިން. އެކަމަކު އަހަރެން އަޒުމު ކަނޑައެޅީ މިކަން ވެސް މޮޓިވޭޝަނެއްގެ ގޮތުގައި ނަގައިގެން ކުރިއަށް ދާން. އަހަރެން ބޭނުމީ ގައުމީ ޓީމާއި ކްލަބަށް މޮޅަށް ޕާފޯމް ކުރަން،"
އެވޯޑްތަކަށް ވޯޓު ދޭ މީހުންގެ ވެސް އަމިއްލަ ވިސްނުމެއް އޮންނާނެ ކަމަށާއި އެ އަށް ވެސް އިހުތިރާމްކުރާ ކަމަށް މެންޑީ ވަނީ ބުނެފަ އެވެ.
މިދިޔަ އަހަރު ސެޕްޓެމްބަރު މަހު ފްރާންސްގެ ރެެނެސް އަށް 25 މިލިއަން ޑޮލަރު ދިނުމަށް ފަހު ޗެލްސީން މެންޑީ ގަތީ ވަރަށް ބޮޑު އުއްމީދަކާ އެކު އެވެ. ޗެލްސީން މިދިޔަ ސީޒަނުގައި ޗެމްޕިއަންސް ލީގު ކާމިޔާބު ކުރިއިރު، މެންޑީގެ ދައުރު ބޮޑެވެ. އަދި މި ފަހަރު އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި ޗެލްސީ އޮތުމުގެ އެންމެ ބޮޑު ކްރެޑިޓެއް ހައްގުވާނެ އެއް ކުޅުންތެރިއަކީ މެންޑީ އެވެ.












