ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ސްރީ ލަންކާއަށް ކުރެއްވި ދެ ދުވަހުގެ ރަސްމީ ދަތުރު ނިންމަވާލެއްވުމަށްފަހު މިރޭ އެނބުރި މާލެ ވަޑައިގެންފި އެވެ.
ރައީސްގެ އެ ދަތުރަކީ ލަންކާގައި މިއަދު ފެށި ޕްރައިމް މިނިސްޓަރު މަހިންދަ ރާޖަޕަކްސަ ޓްރޮފީ 2021 ފުޓްބޯޅަ މުބާރާތް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ކުރެއްވި ޒިޔާރަކެވެ.
ޕްރައިމް މިނިސްޓަރު މަހިންދަ ރާޖަޕަކްސަ ޓްރޮފީ 2021 މުބާރާތަކީ ރާއްޖެ، ސްރީލަންކާ، ބަންގްލަދޭޝް އަދި ސީޝެލްސް ހިމެނޭގޮތަށް ފެށި މުބާރާތެކެވެ. އެ މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ބައްދަލުކުރީ ރާއްޖެ އާއި ލަންކާ އެވެ. އެ މެޗު ނިމުނީ 4-4ން ދެ ޓީމު އެއްވަރުވެގެންނެވެ.
ރައީސް ސޯލިހު ވަނީ ބޮޑުވަޒީރު ރާޖަޕަކްސައާ ބައްދަލުކުރައްވައި ރާއްޖެ އާއި ލަންކާއިން އިސްކަންދޭ މުހިންމު އެކި މައުލޫތަކަށް ވާހަކަދައްކަވައި ހިޔާލު ބަދަލުކުރައްވާފަ އެވެ. އަދި ބޮޑުވަޒީރު ރާޖަޕަކްސަ ރައީސް ސޯލިހުގެ ޝަރަފުގައި ދެއްވި ރަސްމީ ޖާފަތެއްގައި ވެސް ރައީސް ބައިވެރިވެ ވަޑައިގަތެވެ.
އޭގެ އިތުރުން ރައީސް ސޯލިހު ވަނީ ލަންކާގެ ރައީސް ގޮތާބަޔާ ރާޖަޕަކްސައާ ވެސް ބައްދަލުކުރައްވައި، ފުޅާ ދާއިރާއެއްގައި މަޝްވަރާތަކެއް ކުރައްވާފަ އެވެ. އެ ބައްދަލުވުމުގައި ރައީސް ވަނީ ކުރިޔަށް އޮތް އަހަރުތަކުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދިއުމަށް އެދިވަޑައިގަންނަވާކަމަށް ވިދާޅުވެފަ އެވެ.

ރައީސްއާ އެކު ފަސްޓް ލޭޑީ ފަޒްނާ އަހުމަދުގެ އިތުރުން ރާއްޖޭގެ މަތީ ފަންތީގެ ވަފްދެއް ވެސް ދަތުރުގައި ބައިވެރިވެވަޑައިގަތެވެ.












