ދިވެހިރާއްޖެ އާއި އިންޑިއާގެ އިންޓަނޭޝަނަލް ޔޫތު އެކްސްޗޭންޖް ޕްރޮގްރާމް (އައިއީވައިޕީ) ދަށުން ދިވެހި 14 ޒުވާނުން ހިމެނޭ ވަފުދެއް ތަޖުރިބާ އާއި އުނެގުނުމުގެ ދަތުރެއް މާދަމާ އިންޑިއާ އަށް ފަށާ ގޮތަށް ހަމަޖެހިއްޖެ އެވެ.
މާދަމާ އިން ފެށިގެން މި މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް، އިންޑިއާގެ މިނިސްޓްރީ އޮފް ޔޫތް އެފެއާޒް އެންޑް ސްޕޯޓްސް އިން ރާވާފައިވާ ދަތުރުގައި ދިވެހި ވަފުދުން އެ ގައުމުގެ ވެރިރަށް ނިއު ދިއްލީ އާއި އާގަރާ އަދި ރާޖަސްތާނުގެ އުދައިޕޫރު ހިމެނޭހެން އެކި ސަހަރުތަކަށް ޒިޔާރަތްކުރާނެ އެވެ.
މި ވަފުދުގެ މެމްބަރުންނާ، ރާއްޖޭގައި ހުންނަ އިންޑިއާ ހައި ކޮމިޝަނުގެ ޗާފް ޑި އެފެއާޒް ރޯހިތު ރަތިޝް ވަނީ މިއަދު ބައްދަލުކުރައްވައިފަ އެވެ. މި ބައްދަލުވުމުގައި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހުސެއިން އިސްމާއިލް ބައިވެރިވެވަޑައިގެންނެވި އެވެ.
މި ދަތުރުގައި އިންޑިއާގެ އެގްރިކަލްޗާ ޔުނިވާސިޓީ އަކަށް ޒިޔާރަތް ކޮށް ސައިންޓިސްޓުން އަދި ދަރިވަރުންނާއި ބައްދަލުކޮށް ތަފާތު ޒަމާނީ ދަނޑުވެރިކަމުގެ އުކުޅުތަކާއި ވަސީލަތްތަކަށް އަހުލުވެރިވާނެ އެވެ. އަދި އިންޑިއާގެ އެންމެ މަތީ އެއް ތައުލީމީ މަރުކަޒު ކަމަށްވާ އިންޑިއަން އިންސްޓިޓިއުޝަން އޮފް މެނޭޖްމަންޓަށް ޒިޔާރަތްކޮށް އިންޑިއާގެ ޒުވާނުންގެ ވިޔަފާރިތަކާއި ސްޓާޓް އަޕް އިކޯސިސްޓަމްގެ ތައާރަފް ލިބިގަންނާނެ އެވެ.
މީގެ އިތުރުން ޔުނިވާސިޓީ ރިސާޗަރުންނާއި ސްކޮލަރުންނާއި ބައްދަލުކުރުމާއި ކުޑަކުދިންގެ ހިމާޔަތަށް އަދި އަންހެނުން ބާރުވެރިކުރެވުމަށް ހިންގާ އެންޖީއޯގެ މެމްބަރުންނާއި ބައްދަލުކުރުން އަދި ނެހްރޫ ޔޫވާ ކެންޑްރަ ސަންގަތަންގެ މައި އޮފީސް އަދި ކްލަބް ހައުސަސް އަށް ޒިޔާރަތް ކުރުން އޮންނާނެ އެވެ. އަދި އިންޑިއާގެ ސަގާފަތާއި އާދަކާދަތަށް ބަލާލުމަށް ތާރީހީ އަދި ތަންތަނާއި ޓޫރިސްޓް ތަންތަނަށް ޒިޔާރަތްކުރާނެ އެވެ.

މި ދަތުރަކީ އިންޑިއާގެ މިނިސްޓްރީ އޮފް ޔޫތު އެފެއާޒް އެންޑް ސްޕޯޓްސް އަދި ރާއްޖޭގެ ޔޫތު މިނިސްޓްރީން ސޮއިކޮށްފައިވާ އެމްއޯޔޫއެއްގެ ދަށުން ހަމަޖެހުނު ދަތުރެކެވެ. މީގެ ކުރިން 2018 ގައި ވެސް މި ޕްރޮގްރާމުގެ ދަށުން ޒުވާނުންގެ ވަފްދެއް އިންޑިއާއަށް ޒިޔާރަތްކުރި އެވެ.
އިންޑިއާ އާއި ރާއްޖޭގެ ޒަމާންވީ ގުޅުމުގެ ތެރެއިން ޒުވާނުންގެ ކުރިއެރުމަށް އިތުރު ކަންކަން ވެސް އަންނަނީ ކުރަމުންނެވެ. އެގޮތުން އިސީސީއާރް ސްކޮލާޝިޕުގެ 39 ފުރުސަތު ކޮންމެ އަހަރަކު ދެ އެވެ. މީގެ އިތުރުން 61 ރަށުގައި އައުޓޑޯ ޖިމް އެޅުމަށް ހިލޭ އެހީ ވަނީ ދީފަ އެވެ. އަދި އެގްޒިމް ބޭންކުގެ އެލްއޯސީގެ ދަށުން ކުޅިވަރުގެ ވަސީލަތްތައް ތަރައްގީކުރުމުގެ ޕްރޮޖެކްޓެއްގައި މި ސެޕްޓެމްބަރު މަހުގައި ވަނީ ސޮއިކޮށްފަ އެވެ. އޭގެ ކުރިން ވަނީ ހުޅުމާލޭގައި މަތީ ފެންވަރުގެ ކްރިކެޓް ސްޓޭޑިއަމެއް އެޅުމަށް އެގްޒިމް ބޭންކުގެ އެލްއޯސީގެ ދަށުން ބަޖެޓް ވަނީ ހަމަޖައްސައިދީފަ އެވެ.











