ސާޗް އެންޑް ރެސްކިއު މިޝަންތަކުގައި ބޭނުން ކުރުމަށް އިންޑިއާ ކަނޑުގެ ސިފައިން ދިވެހިރާއްޖެއަށް ހަދިޔާކުރި ޑޯނިއާ-228 މަތިންދާބޯޓު ދުއްވަން ދިވެހި ސިފައިން މިއަދު ފަށައިފި އެވެ.
އިންޑިއާ ސަރުކާރާއެކު ސޮއިކުރި އެއްބަސްވުމަކަށްފަހު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ރާއްޖެ ގެނައި ޑޯނިއާ ފްލައިޓު މިހާތަނަށް ދުއްވާފައި ވަނީ އިންޑިއާ ސިފައިންނެވެ.
ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ ދިވެހި ސިފައިން ޑޯނިއާ ފްލައިޓު ދުއްވަން ފެށުމަކީ ތާރީހީ ހަރަކާތެއް ކަމަށެވެ. ދިވެހި ސިފައިންގެ ދެ ޕައިލެޓެއް ޑޯނިއާ ފްލައިޓު ދުއްވާނެ އެވެ. އެއީ ފަސްޓް ލެފްޓިނެންޓް އިބްރާހިމް ޝަރީފާއި ލެފްޓިނެންޓް އަހުމަދު އަލީ އެވެ.
އިންޑިއާ ސަރުކާރުން ހަދިޔާ ކުރި ޑޯނިއާ ފްލައިޓު ދުއްވުމުގައި ދިވެހިން މީގެ ކުރިން ހަރަކާތްތެރިނުވާތީ ސަރުކާރަށް އޮތީ ވަރަށް ބޮޑު ފާޑުކިޔުންތައް އަމާޒުވެފަ އެވެ. ނަމަވެސް ސިފައިންގެ ފަރާތުން އެއިރު ވެސް ބުނަމުންދިޔައީ ބޯޓު ދުއްވަން ދިވެހި ޕައިލެޓުން ތަމްރީނުވާ ހިސާބުން ދިވެހިން ބޯޓު ދުއްވާނެ ކަމަށެވެ.
މިލިޓަރީ މަތިންދާބޯޓު ދުއްވޭނީ ސިފައިން އޮފިސާ ލެވެލްގެ މީހުންނަށެވެ. އަދި މިލިޓަރީ ބޯޓެއް ދުއްވުމުގެ ތަމްރީނުގައި ކޮމާޝަލް ޕައިލެޓުންނަށްވުރެ ގިނަ ކަންކަން ފުރިހަމަ ކުރަންޖެހެ އެވެ. އެހެންކަމުން މިލިޓަރީ މަތިންދާބޯޓެއް ރާއްޖޭގައި ދުއްވޭނީ އޮފިސާ ލެވެލްގެ ތަމްރީނުތަކާއި ބޯޓު ދުއްވުމުގެ ތަމްރީނުތަކާއެކު ޖުމްލަ ތިން އަހަރުގެ ތަމްރީނު ފުރިހަމަކޮށްގެނެވެ.

އެ ޑޯނިއާ މަތިންދާބޯޓަކީ ސާޗް އެންޑް ރެސްކިއު މިޝަންތަކަށް އަމާޒުކޮށްގެން ހާއްސަ މޮޑިފިކޭޝަންތަކެއް ގެނެސްފައިވާ ބޯޓެކެވެ. އެގޮތުން މަތިން ދުއްވަމުން ކަނޑުގެ ސަރަހައްދު ބެލުމަށްޓަކައި ހާއްސަ އާލާތްތަކެއް ބޯޓުގައި ވަނީ ހަރުކޮށްފަ އެވެ.












