ޑުބާއީ (ނޮވެމްބަރު 9) - ޓީ20 ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުން މުބާރާތުގެ ފޭވަރިޓެއް ކަމަށްވާ އިންޑިއާ ކެޓިއިރު، މުބާރާތުގައި އެ ޓީމަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ ވަރުބަލިކަން ކަމަށް އެ ޓީމުގެ ކޯޗު ރަވީ ޝަސްތުރީ ބުނެފި އެވެ.
މި މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ކުޅެންޖެހުނު ފަހު މެޗުގައި ނެމީބިއާ އަތުން އިންޑިއާ ވަނީ ނުވަ ވިކެޓުން ރޭ މޮޅުވެފަ އެވެ. މޮޅަކާ އެކު މުބާރާތް ނިންމާލިޔަސް، މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ނުލިބުމަކީ އިންޑިއާ އަށް ކުރިމަތިވި ބޮޑު ނާކާމިޔާބެކެވެ.
ސެމީގެ ޖާގަ އިންޑިއާ އަށް ގެއްލުނީ މުބާރާތުގައި ކުޅުނު ފުރަތަމަ ދެ މެޗުގައި ވާދަވެރި ޕާކިސްތާނާއި ނިއު ޒިލޭންޑް އަތުން ބަލިވުމުންނެވެ. އަމިއްލަ ބާރު ގެއްލި ސެމީގެ ޖާގަ ހޯދަން އިންޑިއާ އިން މަސައްކަތްކުރި ނަމަވެސް އެ ފުރުސަތު ނުލިބުނީ ފަހު މެޗަށް އިންޑިއާ ނުކުތުމުގެ ކުރިން ނިއު ޒީލެންޑް ކުޅުނު މެޗުތަކުން މޮޅުވުމުންނެވެ.

ޓީ20 ކްރިކެޓް ވޯލްޑް ކަޕް މެޗެއްގެ ތެރެއިން އިންޑިއާގެ ކުޅުންތެރިން ވާހަކަ ދައްކަނީ.-- ފޮޓޯ: އޭއެފްޕީ
މި މުބާރާތާ އެކު، އިންޑިއާގެ ކުޅުންތެރިން ވަނީ ފާއިތުވި 11 މަސް ދުވަހުގެ ތެރޭގައި ގިނަ މެޗުތަކެއް ކުޅެފަ އެވެ. އޭގެ ތެރޭގައި ގައުމީ ޓީމާއި އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ މެޗުތައް ހިމެނެ އެވެ. އިންޑިއާ ޓީމުގެ ކުޅުންތެރިން ވަނީ ގައުމީ ޓީމާއި ކްލަބުގެ މެޗުތައް ކުޅުމަށް ގާތްގަނޑަކަށް ހަ މަސް ދުވަސް ބަބަލްތަކުގައި ހޭދަކޮށްފަ އެވެ.
އިންޑިއާގެ ކޯޗު ޝަސްތުރީ ބުނީ ކުޅުންތެރިން ތިބީ "ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން" ވަރުބަލިވެފައި ކަމަށެވެ. އަދި އިންޑިއާގެ ކުޅުންތެރިންނަށް މިހާރު އަރާމުކުރާނެ ވަގުތު ބޭނުންވާ ކަމަށެވެ.
"ކުޅުންތެރިން ތިބީ ވަރުބަލިވެފައި. ބަބަލްތަކުގައި މި ކުޅުންތެރިން ހަ މަސް ދުވަސް ހޭދަކޮށްފި. އައިޕީއެލް އާއި ވޯލްޑް ކަޕާދެމެދު އިތުރު ދުވަސްކޮޅެއް ލިބުނު ނަމަ ތަންކޮޅެއް ރަނގަޅުވާނެ،" މި މުބާރާތަށް ފަހު އިންޑިއާގެ ކޯޗުކަމުން ދުރަށްދާން ވަކިވާ ޝަސްތުރީ ބުންޏެވެ.
"މިއީ ބަހަނާއެއް ނޫން. އަހަރަމެން ބަލި ގަބޫލްކުރަން. އެކަމަކު މި ކަހަލަ ބޮޑެތި މެޗުތަަކަށް ނުކުންނައިރު، ކުޅުންތެރިން ތިބީ އެންމެ ރަނގަޅު ހާލަތެއްގައެއް ނޫން."
ޓީ20 ވޯލްޑް ކަޕަށް ފަހު، އިންޑިއާގެ ކޯޗުކަމާ ހަވާލުވާނީ އިންޑިއާގެ ކުރީގެ ކެޕްޓަން ރާހުލް ޑްރާވިޑެވެ. އޭނާ ވަނީ އިންޑިއާ ޓީމާ އެކު ކުރިއަށްދާން ރަނގަޅު ޕްލޭނެއް އެކުލަވާލައިފަ އެވެ. އެންމެ ފުރަތަމަ ޑްރާވިޑަށް އޮތް ޗެލެންޖަކީ ވިރާތު ކޯލީގެ ބަދަލުގައި އާ ކެޕްޓަނެއް ހޯދުމުގެ މަސައްކަތެވެ.












