ލަންޑަން (ނޮވެމްބަރު 6) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މޮޅަކާ އެކު ލީގުގެ އެއް ވަނައިގައި ލީޑު ނަގަން ނުކުތް ޗެލްސީ އާއި ރެލިގޭޝަންގައި އޮތް ބާންލީ 1-1 އިން އެއްވަރުވެއްޖެ އެވެ.
މިރޭގެ މެޗުން މޮޅުވެގެން ލީގުގެ އެއް ވަނައިގައި ފަސް ޕޮއިންޓަށް ލީޑުފުޅާކުރުމުގެ ފުރުސަތު ޗެލްސީ އަށް އޮތެވެ. އެކަމަކު، އެއްވަރުވުމުން އެ ޓީމު އެއް ވަނައިގައި އޮތީ ތިން ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އެހެން ނަމަވެސް މާދަމާރޭ ލިވަޕޫލުން ރަށުންބޭރުގައި ވެސްޓް ހޭމް ޔުނައިޓެޑް އަތުން މޮޅުވެއްޖެނަމަ ޗެލްސީގެ ލީޑު އެއް ޕޮއިންޓަށް ކުޑަވާނެ އެވެ.
އެއް ވަނައިގައި ޗެލްސީ އޮތީ 11 މެޗުން 26 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތީ މިރޭ މެންޗެސްޓާ ޔުނައިޓެޑް ދަނޑުގައި 2-0 އިން މޮޅުވި މެންޗެސްޓާ ސިޓީ އެވެ. ސިޓީ އަށް ވަނީ 11 މެޗުން 23 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތީ 10 މެޗުން 22 ޕޮއިންޓާ އެކު ލިވަޕޫލް އެވެ. ހަތަރެއްގައި އޮތީ 10 މެޗުން 20 ޕޮއިންޓާ އެކު ވެސްޓް ހޭމް އެވެ. މާދަމާރޭ ލިވަޕޫލް ބަލިކޮށްގެން ވެސްޓް ހޭމް އަށް ތިން ވަނަ އަށް އެރޭނެ އެވެ.
ޗެލްސީން އެއް ވަނަ ފޯވާޑް ރޮމެލޫ ލުކާކޫ އާއި ދެ ވަނަ ފޯވާޑް ޓިމޯ ވާނާ ނުލައި މިރޭގެ މެޗަށް ވެސް ނުކުތްއިރު، އެ ޓީމުން ވަނީ ފުރަތަަމަ ހާފުގައި ލީޑުނަގައިފަ އެވެ. މެޗުގެ 33 ވަނަ މިނިޓްގައި ޗެލްސީގެ ރީސް ޖޭމްސް ނަގަައިދިން ހިތްގައިމު ހުރަހަކުން މި ގޯލު ޖެހީ ކައި ހަވާޓްޒް ބޮލުންނެވެ.
ދެ ވަނަ ގޯލެއް ޖަހަން ޗެލްސީން ކުރި ހުރިހާ މަސައްކަތެއް ހުއްޓުވުމުގެ އެންމެ ބޮޑު ކްރެޑިޓެއް ހައްގުވަނީ ބާންލީ ގޯލުގައި ހުރި އިނގިރޭސި ކީޕަރު ނިކް ޕޯޕް އަށެވެ. އޭނާ ވަނީ ޗެލްސީގެ ގިނަ ހަމަލާތަކެއް ހުއްޓުވައިފަ އެެވެ.
ބަދަލުތަކެއް ގެނެސްގެން ބާންލީން ލަނޑެއް ޖަހައި އެއްވަރުކުރަން ކުރި މަސައްކަތް ކާމިޔާބުކުރީ މެޗު ނިމެން 11 މިނިޓަށް ވެފައި ހުއްޓަ އެވެ. ހިލޭ ޖެހުމެއްގައި ޗެލްސީގެ ޑިފެންޑަރުންގެ އޮފްސައިޑް މަޅިން ސަލާމަތްވެ، މެޗުގެ 79 ވަނަ މިނިޓްގައި ޖޭ ރޮޑްރިގޭޒް ދިން ބޯޅަ ގޯލު ކުރިމަތީގައި ހުސްކޮށް ހުރި މަޓޭއި ވީޑްރާ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.
މިއީ ޗެލްސީ އަށް ގޯސް ނަތީޖާއެއް ކަމުގައި ވިޔަސް ބާންލީ އަށް މުހިއްމު ޕޮއިންޓެކެވެ. ލީގުގެ 18 ވަނައިގައި އޮތް ބާންލީން ވަނީ 11 މެޗުން އަށް ޕޮއިންޓް ހަމަކޮށްފަ އެވެ.
ލީގުގައި މިރޭ ބްރެންޓްފޯޑް ދަނޑު ކުޅުނު މެޗުން 2-1 އިން މޮޅުވެ، ނޯވިޗް ސިޓީން ވަނީ މި ފަހަރު ލީގުގައި ފުރަތަމަ މޮޅު ހޯދައިފަ އެވެ. ކްރިސްޓަލް ޕެލަސް އިން އަމިއްލަ ދަނޑުގައި 2-0 އިން ވުލްވްސް ބަލިކުރިއިރު، މިއީ ޕެލަސްގެ ކޯޗުކަމާ މި ސީޒަނުގައި ޕެޓްރިކް ވިއޭރާ ހަވާލުވި ފަހުން ލީގުގައި ޖެހިޖެހިގެން ދެ މެޗުން އެ ޓީމު މޮޅުވި ފުރަތަމަ ފަހަރެވެ.












