މެންޗެސްޓާ ސިޓީގެ އަތްދަށުވެ މެންޗެސްޓާ ޔުނައިޓެޑްގެ ދަށް ރެކޯޑު ކުރިއަށް

Nov 6, 2021, 2:56 PM
ސިޓީގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ސިޓީގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

މެންޗެސްޓާ (ނޮވެމްބަރު 6) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި މެންޗެސްޓާ ސިޓީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑްގެ ދަށް ރެކޯޑް ދިގުލައިފި އެވެ.

މި ނަތީޖާއާ އެކު ޔުނައިޓެޑް ވަނީ 1989 ވަނަ އަހަރަށް ފަހު ފުރަތަމަ ފަަހަރަށް އެއް އަހަރު ތެރޭ އަށް ލީގު މެޗާއި އަށް ކަޕް މެޗުން ބަލިވެފަ އެވެ. އަދި ޔުނައިޓެޑުން އެންމެ ފަހުން އަމިއްލަ ދަނޑުގައި ކުޅުނު 14 މެޗުގައި ވެސް ކްލީންޝީޓެއް (ބައިކޮޅަށް ލަނޑެއް ނުވަދެ ނިންމާލެވިފައިނުވާއިރު) ނުލިބި ނިންމާލިއިރު، މިއީ 1964 ވަނަ އަހަރަށް ފަހު އެ ޓީމުން އަމިއްލަ ދަނޑުގައި ކުރިމަތިލާން ޖެހިފައިވާ އެންމެ ދަށް ޑިފެންސިވް ރެކޯޑެވެ.

އެންމެ ފަހުން ޔުނައިޓެޑް އަމިއްލަ ދަނޑުގައި ލީގުގައި ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެފައިނުވެ އެވެ. އެވަޓަންއާ 1-1 އިން އެއްވަރުވިއިރު، އެސްޓަން ވިލާ އަތުން 1-0 އިން ވަނީ ބަލިވެފަ އެވެ. ލިވަޕޫލް އަތުން 5-0 އިން ބަލިވިއިރު، މިއަދު ސިޓީން ވެސް މި ވަނީ ޔުނައިޓެޑް ބަލިކޮށްފަ އެވެ.

ސިޓީން މިހާތަނަށް ވަނީ ޕްރިމިއާ ލީގުގައި ޔުނައިޓެޑް ދަނޑުގައި އަށް މެޗުން މޮޅުވެފަ އެވެ. ރަށުންބޭރުގައި ސިޓީގެ އެންމެ ރަނގަޅު ރެކޯޑެއް އޮތީ ޔުނައިޓެޑް ދަނޑުގަ އެވެ.

މިރޭގެ މެޗުގެ ތެރެއިން ސިޓީގެ ކުޅުންތެރިން އުފާފާޅުކުރާއިރު ޔުނައިޓެޑްގެ ރޮނާލްޑޯ ހުއްޓިގެން.

އަނިޔާގެ ސަބަބުން ރަފައެލް ވަރާން ނުލައި ޔުނައިޓެޑުން ކުޅުނުއިރު، ސަސްޕެންޝަންގެ ސަބަބުން އެ ޓީމުގެ ޕަައުލް ޕޮގްބާ ވެސް ހުރީ ކުޅުމާ ދުރުގަ އެވެ.

ޔުނައިޓެޑުން މިރޭގެ މެޗު ފަށަން ޖެހުނީ ވެސް ބޭނުންވި ގޮތަކަށް ނޫނެވެ. މެޗުގެ ހަތް ވަނަ މިނިޓްގައި ސިޓީން ލީޑުނެގީ ޔުނައިޓެޑްގެ އައިވަރީ ކޯސްޓް ޑިފެންޑަރު، އެރިކް ބައީ އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. ސިޓީގެ ޔާއޯ ކަންސޭލޯ ނެގި ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ބައީ ފައިން ފޮނުވާލި ބޯޅަ ވަނީ ބައިކޮޅަށެވެ.

އޭގެ ފަހުން ސިޓީން ވަނީ ފުލުފުލުގައި ޔުނައިޓެޑްގެ ގޯލަށް ނުރާއްކާތެރި ހަމަލާތަކެއް ފޮނުވާލައިފަ އެވެ. އެ ހުރިހާ ބޯޅައެއް ހުއްޓުވުމުގައި ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ޔުނައިޓެޑުން ވެސް މަޑުމަޑުން އެޓޭކްކޮށް މެޗުގެ ތެރެއަށް ވަންނަން މަސައްކަތްކުރިއިރު، އޭރިއާތެރެއިން ޔުނައިޓެޑްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ޖެހި ބޯޅަ ސިޓީގެ ކީޕަރު އެޑަސަން މޮރާއޭސް ވަނީ މަތަކޮށްފަ އެވެ.

ސިލްވާ ގޯލު ޖެހުމުން ޑެހެއާ ހިތްހަމަނުޖެހިފައި.-- ފޮޓޯ: އޭއެފްޕީ

ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ސިޓީން ދެ ވަނަ ގޯލެއް ޖެހިއިރު، މި ގޯލުގައި ޑެހެއާގެ މިސްޓޭކް ފެނުނެވެ. ކަންސޭލޯ ނެގި ހުރަސް ރޮނގުކައިރިން ބެނާޑޯ ސިލްވާ މަޑުމަޑުން ފޮނުވާލި ބޯޅަ ދިފާއުކުރަން ޑެހެއާ ނެގި އަތުގައި ޖެހިފައި ބޯޅަ ވަނީ ގޯލުގެ ކަނަށެވެ.

ޔުނައިޓެޑުން ބަދަލުތަކެއް ގެނެސްގެން ދެ ވަނަ ހާފުގައި ގޯލެއް ޖަހައި ޓީމުގެ ހާލަތު ރަނގަޅުކުރަން ގިނަ ގޮތްގޮތުން ބެލި ނަމަވެސް އޭގެ އެއްވެސް ފައިދާއެއް ނުފެނުނެވެ.

އަނެއްކޮޅުން ލީޑުފުޅާކުރަން ސިޓީ އަށް ވެސް ލަނޑު ޖަހަން ލިބުނު ފުރުސަތު އެ ޓީމުގެ ކުޅުންތެރިން ވަނީ ނަގާލައިފަ އެވެ. ސިޓީގެ ޒުވާން ވިންގް، ފިލް ފޯޑެން އަށް ހުސްކޮށް ލިބުނު ފުރުސަތަކުން އޭނާ ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.

މި މޮޅާ އެކު ސިޓީ ވަނީ ލީގުގެ ދެ ވަަނަ އަށް ޖެހިލައިފަ އެވެ. އެއީ 11 މެޗުން 23 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި ކުރިން އޮތް ލިވަޕޫލަށް 10 މެޗުން 22 ޕޮއިންޓް ލިބިފައިވާއިރު، މާދަމާރޭ ރަށުންބޭރުގައި ވެސްޓް ހޭމް ޔުނައިޓެޑް އަތުން ބަލިނުވެ ފަރުޖައްސާލައިގެން ވެސް ލިވަޕޫލަށް އަލުން ދެ ވަނަ އަށް އެރޭނެ އެވެ.

ޔުނައިޓެޑްގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ އަށް ޕްރެޝަރު ބޮޑުވެފައިވާއިރު، އެ ޓީމު އޮތީ 11 މެޗުން 17 ޕޮއިންޓާ އެކު ލީގުގެ ފަސް ވަނައިގަ އެވެ. އެކަމަކު، މި ހަފްތާގެ މެޗުތައް ނިމޭ ގޮތަކުން ޔުނައިޓެޑް އިތުރަށް ފަހަތަށް ވެއްޓުމުގެ ފުރުސަތު އެބައޮތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމުގެ ފައިދާ އާސެނަލަށް

ނޮޓިންހަމް ފޮރެސްޓް އަތުން މެންޗެސްޓާ ސިޓީ ބަލިވުމާއި، ހަލް ސިޓީ އަތުން އާސެނަލް މޮޅުވުމުން ލީގުގެ އެއްވަނައިގައި އާސެނަލަށް ހަ ޕޮއިންޓުގެ ލީޑެއް ލިބިއްޖެ. އާސެނަލްގެ މޮޅުވި ލަނޑު ކެޕްޓަން މާޓިން އޮޑެގާޑް ކާމިޔާބުކުރިއިރު، މި ނަތީޖާއާއެކު ސިޓީ ވަނީ ލީގުގައި ޖެހިޖެހިގެން ތިންވަނަ މެޗުން ބަލިވެފައި

ޑޯޓްމަންޑް މޮޅުވިޔަސް ބަޔާނުން އެއް ވަނަ މަގާމު ދަމަހައްޓައިފި

ޖަރުމަނު ލީގުގައި ރޭ ކުޅުނު މެޗުތަކުން ބަޔާން މިއުނިކާއި ޑޯޓްމަންޑް ވެސް މޮޅުވެފައިވާއިރު، މައިންޒް އަތުން 2-1 އިން މޮޅުވެ ބަޔާނުން ވަނީ ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓާފައި. މި މޮޅާއެކު ބަޔާނާއި ޑޯޓްމަންޑަށް ވެސް 21 ޕޮއިންޓް ލިބިފައިވާއިރު، ބަޔާނުން ކުރި ހޯދަނީ ގޯލުގެ ތަފާތުން

އެމްބާޕޭ އާއި ލަލީގާގެ މައާފު ބަލައިގަންނަން ވަގުތުނަގާނެ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގަށް ނިސްބަތްކޮށް އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ދައުލަތުގެ ޓީވީން ލަލީގާ މެޗުތައް ދެއްކުން ހުއްޓާލައި އެމްބާޕޭގެ ސްޕޮންސާޝިޕްތައް ވަނީ އުވާލައިފަ އެވެ. މި މައްސަލައިގައި އެމްބާޕޭ އާއި ލަލީގާ އިން މައާފަށް އެދުނު ނަމަވެސް، ޗައިނާ ސަރުކާރުން ބުނެފައިވަނީ އެކަން ބަލައިގަނެ ކަންކަން އާންމު ހާލަތަށް ރުޖޫއަވާން ވަގުތު ނަގާނެ ކަމަށެވެ.

ގައުމީ ފުޓްސަލް ޓީމުގެ ބޮޑު މޮޅަކީ މުޅި ޓީމުގެ މަސައްކަތް: އިންމި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ހޮންގް ކޮންގް އަތުން 7-0 އިން ރާއްޖެ މޮޅުވިއިރު، މިއީ ބައިނަލްއަގުވާމީ ފުޓްސަލްގައި ރާއްޖެއިން ހޯދި އެންމެ ބޮޑު މޮޅު. ޓީމުގެ ކެޕްޓަން އިންމި ބުނިގޮތުގައި މި ކާމިޔާބީއަކީ ފުރަތަމަ މެޗުން ބަލިވުމުން މޮޅުވުމުގެ އަޒުމުގައި މުޅި ޓީމު ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ

ރާއްޖޭން ދެ ވަނަ މެޗުގައި ހޮންގް ކޮންގް ބަލިކޮށްފި

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ދެވަނަ މެޗުގައި 7-0 އިން ހޮންގް ކޮންގް ބަލިކޮށްފި. ފުރަތަމަ މެޗުން ދެކުނު ކޮރެއާ އަތުން ބަލިވި ނަމަވެސް، މި މޮޅާއެކު ރާއްޖެ އަށް ވަނީ ކުރިއެރުން ލިބިފައި. ރާއްޖޭން މުބާރާތުގައި ކުޅޭ ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ބައްދަލުކުރާނީ ޗައިނާއާ.

ޓުޗެލްގެ އިންގްލެންޑް ސްކޮޑުން މި ފަަހަރު ވެސް ޕާމާ ބާކީވެއްޖެ

މި މަހު ކުޅޭ ނޭޝަންސް ލީގުގެ މެޗުތަކަށް އެކުލަވާލި އިންގްލެންޑް ސްކޮޑުން ޗެލްސީގެ ތަރި ކޯލް ޕާމާ އަނެއްކާވެސް ބާކީކޮށްފި. ކޯޗު ތޯމަސް ޓުޗެލް މި ނިންމުން ނިންމީ ކުރިން ޓީމުގައި ހިމެނުނު ކުޅުންތެރިންނާއެކު ކުރިއަށްދާން ބޭނުންވާތީ ކަމަށް އޭނާ ބުނެފައިވޭ

ފޯވާޑް މަރުވި ހާދިސާއާ ހެދި ކީޕަރު ފުޓްބޯޅައިން ރިޓަޔާކުރަނީ

ސްޕެއިންގެ ދެވަނަ ޑިވިޝަން މެޗެއްގެ ތެރޭގައި ހިނގި ފައުލެއްގެ ސަބަބުން ފޯވާޑް ޖީސޫސް ޑި މިގުއެލް މަރުވުމާ ގުޅިގެން، އެ ފައުލުކުރި ކީޕަރު ޖީސޫސް އޮވޯނޯ ފުޓްބޯޅައިން ރިޓަޔާކުރަން ނިންމައިފިއެވެ. މި ހާދިސާއާ ގުޅިގެން އޮވޯނޯގެ ނަފްސާނީ ހާލަތު ގޯސްވެފައިވާއިރު، އޭނާއަށް އަމާޒުވަމުންދާ ފާޑުކިޔުންތަކުގެ ސަބަބުން ކުޅުން ހުއްޓާލަން ނިންމީ ކަމަށް ރިޕޯޓްތައް ބުނެއެވެ.

Newsletter

Get the latest news delivered straight to your inbox