ދުބާއީ (ނޮވެމްބަރު 5) - ޓީ20 ކްރިކެޓް ވޯލްޑް ކަޕްގައި މިރޭ ސްކޮޓްލެންޑް އަތުން ފަސޭހަކަމާ އެކު އަށް ވިކެޓުން މޮޅުވެ، މުބާރާތުގެ ސެމީ ފައިނަލްގެ އުއްމީދު އިންޑިއާ އިން ދަމަހައްޓައިފި އެވެ.
މި މެޗުން ބޮޑު ތަފާތަކުން މޮޅުވާން ބޭނުންވެފައި އޮތް އިންޑިއާ އިން ޓޮސް ދިމާވުމުން ފީލްޑިން އަށް އެރި އިންޑިއާ އިން ވަނީ ސްކޮޓްލެންޑްގެ ހުރިހާ ކުޅުންތެރިން 17.4 އޯވަރުގެ ތެރޭގައި 85 ލަނޑަށް ނުބައިކޮށްފަ އެވެ.
މި މެޗުގައި މޮޅު ކުޅުމެއް ދެއްކި އިންޑިއާގެ ދެ އުކުންތެރިން ކަމަށްވާ ކަމަށްވާ މުހައްމަދު ޝާމީ އާއި ރަަވިންދުރާ ޖަދޭޖާ ވަނީ ތިން ވިކެޓު ނަގައިފަ އެވެ. މީގެ ތެރެއިން ޝާމީ މި މެޗުގައި ވަނީ ތަފާތު ރަނގަޅަށް ކުޅެފަ އެވެ.
ޖަވާބުގައި އިންޑިއާ އިން ކުޅެންއަރައި ދެ ވިކެޓަށް 89 ލަނޑު ހެދީ އެންމެ 6.3 އޯވަރުގެ ތެރޭގަ އެވެ. އިންޑިއާގެ ކޭއެލް ރާހޫލް 18 ބޯޅައިން 50 ލަނޑު ހެދިއިރު، މުބާރާތުގައި އެންމެ ފަހުން ދެ މެޗުގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ރޯހިތު ޝަރްމާ ވަނީ 16 ބޯޅައިން 30 ލަނޑު ހަދައިފަ އެވެ.

މިއަދު 33 ވަނަ އުފަން ދުވަސް ފާހަގަކުރާ އިންޑިއާގެ ކެޕްޓަން ވިރާތަށް ހާއްސަ ފޮޓޯއެއް ސަޕޯޓަރަކު ދައްކާލަނީ.-- ފޮޓޯ: އޭއެފްޕީ
މި މޮޅާއެކު، އިންޑިއާ އޮތީ ހަތަރު ޕޮއިންޓާއެކު ގުރޫޕް ދޭއްގެ ތިން ވަނައިގަ އެވެ. އެކަމަކު މި މޮޅާ އެކު، އިންޑިއާ ނެޓް ރަންރޭޓް ވަނީ ދެވަނައިގައި އޮތް ނިއު ޒިލޭންޑާއި ހަތަރު ވަނައިގައި އޮތް އަފްގާނިސްތާނަށް ވުރެ ރަނގަޅުވެފަ އެވެ. ޓީމުތަކެއް ޕޮއިންޓްގެ ގޮތުން އެއްވަރުވެއްޖެ ނަމަ، ސެމީ ފައިނަލަށް ދަތުރުކުރާނެ ޓީމެއް ކަނޑައަޅާނީ ނެޓް ރަންރޭޓަށް ބަލައިފަ އެވެ.
ނިއު ޒިލޭންޑް މި ވަގުތު އޮތީ އިންޑިއާ އާއި އަފްގާނިސްތާނަށްވުރެ ދެ ޕޮއިންޓް ކުރީގަ އެވެ. މި ގުރޫޕްގައި އާދިއްތަ ދުވަހު އަފްގާނިސްތާނާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެއްޖެ ނަމަ، ނިއު ޒިލޭންޑަށް ސެމީ ފައިނަލްގެ ޖާގަ ކަށަވަރުވާނެ އެވެ. ނިއު ޒިލޭންޑް މޮޅުނުވެއްޖެ ނަމަ، މި ގުރޫޕްގައި ހޯމަ ދުވަހު ނެމީބިއާ އަތުން މޮޅުވެގެން، އިންޑިއާ އަށް ސެމީ ފުރުސަތު ލިބިދާނެ އެވެ.
މި ގުރޫޕްގެ އެއްވަނައިގައި އޮތް ޕާކިސްތާން ވަނީ ސެމީގެ ޖާގަ ކަށަވަރުކޮށްފަ އެވެ. -- އޭއެފްޕީ












