ފޭސްބުކްގައި ހިމަނާފައިވާ ފޭސް ރިކޮގްނިޝަން ޓެކްނޮލޮޖީ ބޭނުންކުރުން ހުއްޓާލަން ނިންމައިފި އެވެ.
މީހުން ޓެގްރުމަށްޓަކައި ބޭނުންކުރާ މި ޓެކްނޮލޮޖީ، ދުނިޔޭގެ އެންމެ ބޮޑު ސޯޝަލް ނެޓްވޯކްގެ ތިންބައިކުޅަ އެއްބައި ނުވަތަ އެއް ބިލިއަން މީހުން ބޭނުންކުރެ އެވެ. އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ މި ޓެކްނޮލޮޖީ ފޭސްބުކް އިން ބޭނުންކުރަން ފެށީ 2010 ގަ އެވެ.
ފޭސްބުކް ބޭނުންކުރާ ފަރާތްތަކުން އެދޭނަމަ, އެ މީހެއްގެ ފޭސް ޕްރިންޓް ސްކޭންކޮށް މި ފީޗާ ބޭނުންކުރެވޭ ގޮތަށް އޮތެވެ. އަދި ފޭސްބުކަށް އަޕްލޯޑް ކުރެވޭ ފޮޓޯ އާއި ވީޑިއޯތަކުގައި އެމީހަކު ހިމެނޭނަމަ އޮޓޯ އިން ޓެގް ވަމުންދިޔަ އެވެ. މީގެ ސަބަބުން އެ މީހާގެ ނަމުގައި އެހެން މީހެއް "ފޭކު އެކައުންޓެއް" ގެންގުޅޭނަމަ އެކަން ވެސް ފާހަގަ ކޮށްދިނެވެ.
ފޭސްބުކް ހިންގާ މެޓާ ކުންފުނީގެ ފަރާތުން އަންގާރު ދުވަހު ހާމަކުރި ގޮތުގައި ކުރިއަށް އޮތް ހަފްތާ ތަކުގެ ތެރޭ މި ފީޗާ ބޭނުންކުރުން އެއްކޮށް ހުއްޓާލެވޭނެ އެވެ. އަދި އެ މައުލޫމާތުތައް ހިމެނޭ ޑާޓާ ބޭސްވެސް ޑިލީޓް ކުރެވިގެންދާނެ އެވެ.
މެޓާގެ އާޓިފިޝަލް އިންޓެލިޖެންސްގެ ނައިބު ރައީސް ޖެރޯމް ޕްރެސެންޓީ ބުނިގޮތުގައި ފޭޝަލް ރިކޮގްނިޝަން އަކީ ކާކުކަން ދެނެގަތުމަށްޓަކައި ބޭނުންކުރެވޭ ބާރުގަދަ އުކުޅަކަށް ވާއިރު މިފަދަ ޓެކްނޮލޮޖީ އެއް ބޭނުންކުރުމުގައި މީހުންގެ ޒާތީ މައުލޫމާތުތައް ރައްކާތެރިކުރުމަށާއި ޓްރާންސްޕޭރެންސީއަށް ވަރަށް ބޮޑަށް ސަމާލުވާންޖެހެ އެވެ.

އެ މީހެއްގެ އަމިއްލަ ޑިވައިސްއެއް އަންލޮކް ކުރުން ފަދަ ކަންކަމުގައި ބޭނުން ކުރިއަސް, އެކްސްޓާނަލް ސާވާއަކާ މުއާމަލާތު ކުރާ ހާލަތެއްގައި މިއީ އެންމެ އެކަށީގެންވާ ފަދަ ފީޗާއެއް ނޫން ކަމަށް ވެސް ޕްރެސެންޓީ ވަނީ ބުނެފަ އެވެ.
މި ނިންމުން އައިސްފައި މިވަނީ އެ ކުންފުނީގެ އެކި ޕްލެޓްފޯމްތަކުން ކުރިމަތިވާ ނުރައްކާތަކާ ގުޅޭ ގިނަ އަދަދެއްގެ ލިޔެކިޔުންތަކެއް ލީކުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ
ޓެގްކޮށްފައި ހުރި ފޮޓޯތަކަށް ދެންވާނީ ކިހިނެއް؟
މި ނިންމުމާ އެކު މިހާތަނަށް ޓެގް ކޮށްފައިވާ އެއްވެސް ފޮޓޯއަކަށް ބަދަލެއް ނާންނާނެ އެވެ. ނަމަވެސް ކުރިއަށް އޮތް ތަނުގައި އޮޓޯއިން އެއްވެސް މީހެއް ޓެގެއް ނުވާނެ އެވެ.
ފޭސް ޕްރިންޓް އަށް ދެން ވާނީ ކިހިނެއް؟
ފޭސްބުކް އިން ބުނާ ގޮތުގައި ހުރިހާ ފޭސްޕްރިންޓްއެއްވެސް ޑިލީޓް ކުރެވޭނެ އެވެ. މި ފީޗާ ކުރިން ބޭނުންކުރިއަސް, އަދި އެއްވެސް ވަރަކަށް ބޭނުން ނުކުރިއަސް, ނުވަތަ އެކައުންޓް ފަހުން ޑިލީޓްކޮށްފައި ވިޔަސް ދެން މި ފީޗާ ބޭނުމެއް ނުކުރެވޭނެ އެވެ.
ފޭސްބުކްގެ މި ޓެކްނޮލަޖީއަކީ ސްމާޓްފޯނުތަކުގެ ފޭސް އަންލޮކާއި އެއާޕޯޓްތަކަށްފަހު މުޅި ދުނިޔޭގެ ވެސް މިފަދަ އެންމެ ބޮޑު ފޭސް ރިކޮގްނިޝަން ޑާޓާ ބޭސް އެެވެ.










