ޕެނަމާއަށް ނިސްބަތްވާ އެމްވީ ނަވިއޯސް އަމާރީލިސް ނަމަކަށް ކިޔާ އާގު ބޯޓު ކ. ރަސްފަރީ ފަރަށް އެރުމުގެ ސަބަބުން ޖޫރިމަނާއި ގެއްލުމުގެ ބަދަލުގެ ގޮތުގައި އެންވަޔަރަންމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ކަނޑައެޅި އަދަދު ބަލައިނުގަނެ، އެ މައްސަލަ އިސްތިއުނާފްކުރުމަށް އެ ބޯޓުގެ ވެރިފަރާތުން އެންވަޔަރަންމެންޓް މިނިސްޓަރު އާިމިނަތު ޝައުނާއަށް ހުށަހަޅައިފި އެވެ.
އެންޔަރަންމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަބްދުﷲ ނަސީރު ވިދާޅުވީ، އެ ބޯޓާއި ގުޅިގެން އީޕީއޭއިން ކުރި ޖޫރިމަނާ އިސްތިއުނާފަށް މިނިސްޓަރަށް ހުށަހަޅާފައިވާ ކަމަށާއި އަދި އެކަމާ ގުޅުން ހުރި މަރުހަލާތައް މިހާރު ކުރިޔަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއީ ދެން އެބޭފުޅުންނަށް ގާނޫނާއި ގަވާއިދުގެ ތެރެއިން ލިބިދީފަ އޮންނަ ހައްގެއް. އެހެންވީމަ މިނިސްޓަރަށް ހުށަހަޅާފަ އޮތީ އިސްތިއުނާފަށް،" ޑރ. އަބްދުﷲ ނަސީރު ވިދާޅުވި އެވެ.
ހިމާޔަތް ކޮށްފައިވާ ރަސްފަރީ ފަރަށް ބޯޓު އެރުމުގެ ސަބަބުން ގާނޫނީ ގޮތުން ކުރެވޭ އެންމެ މަތީ އަދަދު ކަމުގައިވާ 100 މިލިއަން ރުފިޔާއިން އެ ބޯޓު ޖޫރިމަނާކުރަން އީޕީއޭއިން ނިންމިއިރު، ފަރަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 893،736،800 ރުފިޔާ ހޯދުމަށްވެސް އީޕީއޭއިން ވަނީ ނިންމައިފަ އެވެ.
ބޯޓުގެ ވެރިން ޖޫރިމަނާއާއި ބަދަލު އިސްތިއުނާފަށް ހުށަހަޅާފައިވަނީ ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ 12 ވަނަ މާއްދާގެ ދަށުންނެވެ. އެ މާއްދާގައި ޖުމްލަ ހަތަރު ހާލަތެއްގައި އެފަދަ މައްސަލައެއް އިސްތިއުނާފަށް ހުށައެޅިދާނެކަމަށް ބުނެފައި އޮވެ އެވެ.

އެ ހާލަތްތަކަކީ:
- ތިމާވެއްޓަށް ލިބުނު ގެއްލުމަކީ އިސްތިއުނާފަށް ހުށަހަޅާ ފަރާތުގެ ސަބަބުން ލިބުނު ގެއްލުމެއްކަމުގައި ނުވުން.
- އެ ލިބުނު ގެއްލުމަކީ ތިމާވެއްޓަށް ލިބުނު ގެއްލުމެއް ކަމުގައި ތަންފީޒީ އިދާރާއިން ކަނޑައެޅި ގޮތަކީ ގަބޫލުކުރެވޭ ގޮތެއް ކަމުގައި ނުވުން.
- އެ ލިބުނު ގެއްލުމަކީ ސަރުކާރުގެ އިދާރާއަކުން އާންމުކޮށްފައިވާ އަދި އޭގެ މައްޗަށް އަމަލުކުރުމަށް ލާޒިމުކޮށްފައިވާ ގަވާއިދަކަށް ނުވަތަ ގާނޫނަކަށް އަމަލުކުރުމަށް ކުރި ކަމެއްގެ ސަބަބުން ލިބުނު ގެއްލުމަކަށް ވުން.
- އެ ގެއްލުމަކީ މިނިސްޓްރީގެ ހުއްދައާއެކު ތިމާވެއްޓަށް ބަލައިގެން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅައިގެން މަސައްކަތް ކުރަނިކޮށް، ތިން ވަނަ އެހެން ފަރާތެއްގެ ސަބަބުން ކުރިމަތިވި ކަމެއް ކަމުގައި ވުން.
ބޯޓުގެ އެޖެންޓުން އިސްތިއުނާފަށް ހުށަހަޅާފައިވަނީ މި ހާލަތްތަކުގެ ތެރެއިން ދެވަނަ ހާލަތާ ގުޅުވައިގެންނެވެ.
އިސްތިއުނާފާ މެދު، މިވަގުތު ކޮޕް26 ސަމިޓުގައި ބައިވެރިވެ ވަޑައިގަތުމަށް ސްކޮޓްލެންޑުގައި ހުންނެވި މިނިސްޓަރު ޝައުނާ އަދި ގޮތެއް ނިންމަވާފައެއް ނުވެ އެވެ. އެހެންނަމަވެސް އެ މަރުހަލާ ކުރިޔަށްދާ ކަމަށް ޑރ. ނަސީރު ވިދާޅުވި އެވެ.
"މިނިސްޓަރު މިކޮޅުގަ ނެތަސް، އެ މަސައްކަތް އެބަ ދޭ ކުރިޔަށް." ނަސީރު ވިދާޅުވި އެވެ.
ނަވިއޯސް އަމާރީލިސް ރަސްފަރީ ފަރަށް އެރީ އޯގަސްޓް 19 ވަނަ ދުވަހު އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ފުރައިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އިނޮސެންޓް ޕެސެޖްގެ ދަށުން ދަތުރުކުރަމުން ދަނިކޮށެވެ. އެ ހާދިސާގައި ފަރުގެ 8،000 މީޓަރަށް ވުރެ ބޮޑު ސަރަހައްދަކަށް ގެއްލުން ލިބިފައި ވެ އެވެ.
އެ ހާދިސާއާ ގުޅިގެން އީޕީއޭއިން ޖޫރިމަނާކުރި އަދަދުކަމުގައިވާ 100 މިލިއަން ރުފިޔާ 30 ދުވަސް ތެރޭގައި ދައްކާ ހަލާސްކުރުމަށް ބޯޓުގެ ވެރި ފަރާތަށް އީޕީއޭއިން ވަނީ އަންގައިފަ އެވެ. އަދި ފަރަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް ކޯޓަށް މައްސަލަ ހުށަހަޅަން ވެސް އިޕީއޭއިން ވަނީ ނިންމައިފަ އެވެ.
އެ ބޯޓު ފަރަށް އަރާފައިވަނީ ބޯޓުގެ އިންޖީނަށް ދިމާވި މައްސަލައަކާ ގުޅިގެން އިންޖީން ނިވާލުމުން ބޯޓު އޮޔާގޮސްގެން ގޮސްކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ މީގެ ކުރިން ބުނެފަ އެވެ. ބޯޓު ފަރަށް އެރުމުގައި ބޯޓުގެ ކެޕްޓަންގެ އިހުމާލު އޮތްކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.
އީޕީއޭއިން ޖޫރިމަނާކުރީ، އެ ހާދިސާގައި ބޯޓުގެ ކެޕްޓަންގެ ފަރާތުން އިހުމާލުގެ އަމަލެއް ފާހަގަވެ، ނުރައްކާތެރި ހާދިސާއެއް ހިނގުމުގެ ސަބަބުންނެވެ. އަދި ފަރަށް ލިބުނު ގެއްލުމަކީ، އެ ހާދިސާގެ ސަބަބުން ލިބުނު ގެއްލުމެއްކަމުގައިވާތީ، ގެއްލުމުގެ ބަދަލުގެ ގޮތުގައި ކަނޑައެޅި އަދަދަކީ ވަކި އަދަދެކެވެ.
މީގެ ކުރިން ވެސް ރާއްޖޭގައި އެކި އުޅަނދު ފަރަށް އަރައިގެން ފިޔަވަޅު އަޅާފައިވެ އެވެ. އެގޮތުން 2013 ވަނަ އަހަރު މާލޭ ރާޅުގަނޑާ ދިމާލުން ފަރަށް އެރި އާގުބޯޓެއް 61.6 މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފައި ވެއެވެ. އަދި 1997 ވަނަ އަހަރު އެ ސަރަހައްދަށް އުރުނު އާގުބޯޓެއް 4.5 މިލިއަން ރުފިޔާ އިން ޖޫރިމަނާކޮށްފައި ވެއެވެ.












