ރިޕޯޓުނޮވެމްބަރު ތިނެއް: މެންދަމެއްގެ ހިމޭންކަން ނަގާލި މަރުގެ ހިޔާލު

ނޮވެމްބަރު ތިނެއް: މެންދަމެއްގެ ހިމޭންކަން ނަގާލި މަރުގެ ހިޔާލު

"ކުއްލިއަކަށް އިސްލާމީ މަރުކަޒުގެ މުއައްޒިން ފަތިސް ނަމާދުގެ ބަންގި ގޮވަން ފެށި އަޑު ސާފުކޮށް، ބާރަށް އިވެން ފެށި އެވެ. މައުމޫން ހިނދުކޮޅަކަށް މަޑުކޮށްލެއްވި އެވެ. އަދި މާތްﷲ އޭނާ އާއި އާއިލާ އަދި ގައުމު ސަލާމަތްކޮށްދެއްވާނެކަމުގެ ހިޔާލާ އެކު ޔަގީންކަން ލިބުނެވެ،"

ނޮވެމްބަރު ތިނެއް: މެންދަމެއްގެ ހިމޭންކަން ނަގާލި މަރުގެ ހިޔާލު

ގަޑިން މެންދަމުން އަނބުރާ 2 ޖަހަނީ އެވެ. މުޅި މާލެ އޮތީ ފުން ނިންޖެއްގަ އެވެ. ރަށުތެރޭގައި އޮތީ މަރުގެ ހިމޭންކަމެވެ. އެކަމަކު މި ރަށުގެ އެންމެ މުހިއްމު ގެކަމަށްވާ ތީމުގޭ ތެރެއިން ފެންނަނީ ހޭލަމޭލަ ކަމެވެ. އެގޭގައި ދިރިއުޅުއްވާ، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް ހުންނެވީ އޮފީސް ކޮޓަރީގައި ލިޔުމެއްގެ ދެލިކޮޕީއެއް ތައްޔާރުކުރައްވާށެވެ. ރައީސްކަމުގެ ތިން ވަނަ ދައުރަކަށް ހުވާ ކުރެއްވުމަށް ފަހު އެ ދައުރުގައި އިސްކަންދެއްވާނެކަންކަން ބަޔާންކޮށް ކެބިނެޓަށް ފޮނުއްވާ ސާކިއުލާ އެވެ. އެހެން ކޮޓަރިއެއްގައި އެމަނިކުފާނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމް އިންނެވީ ސިޓީތަކަކުން ސްޓޭމްޕް ނައްޓަވާށެވެ. ދަރިކަލުން ގައްސާން މައުމޫނުގެ ސްޓޭމްޕް ކަލެކްޝަނަށެވެ.

އެ މަސައްކަތްތަކަށް ފަހު ދެ ބޭފުޅުން އޮށޯވެވަޑައިގަތްތާ މާގިނައިރުތަކެއް ނުވަނީސް ގަދަ އަޑެއް އިވިވަޑައިގެން މައުމޫން ހޭލެއްވެވި އެވެ. އަދި ނަސްރީނާ އަށް ގޮވާލެއްވި އެވެ. މައުމޫން ހީކުރެއްވީ އެއީ ބަޑިބޭހުގެ އަޑު ކަމަށެވެ. އޭގެ އަށެއްކަ ދުވަސް ފަހުން ލައިގަންނަ ނޮވެމްބަރު 11 ގެ މުނާސަބަތުގައި މާލޭގައި ބަޑިބޭހުގެ ކުޅިވަރު ބާއްވައި ހަވާ އަރުވަން ސަރުކާރުން ރާވާފައިވާތީވެ މައުމޫނުގެ ހިތަށް ވަނީ، އެ އިވެނީ އޭގެ ތެރެއިން ބަޑިބޭސްތަކެއް ގޮވި އަޑު ކަމަށެވެ. އެކަމަކު އެމަނިކުފާނުގެ ހަވަނަ ހިއްސު ބުނަމުން ދިޔައީ ކަމެއް ގޯސްވެއްޖެ ކަމަށެވެ. އެހެނަސް އެއީ ބަޑި ޖަހާ އަޑުކަން ގަބޫލެއް ނުކުރެއްވެ އެވެ.

މިވަނީ ކީއްކަމާ މެދު ވިސްނަވަން ހިނދުކޮޅަކު ހުންނެވުމަށް ފަހު މައުމޫން، ތީމުގޭ ސެކިއުރިޓީ ގާޑުންނަށް ގުޅުއްވި އެވެ. ގާޑުން ކަށަވަރުކޮށްދެއްވީ އެ އިވެނީ ބަޑި ޖަހާ އަޑު ކަމަށެވެ. ވަގުތުން މައުމޫން ގުޅުއްވީ ޑިފެންސް މިނިސްޓަރުގެ ނާއިބް އަދި ނަސްރީނާގެ ބޭބެ އިލްޔާސް އިބްރާހީމަށެވެ. އިނގިރޭސި މުސައްނިފް ރޯއިސްޓަން އެލިސް 1998 ވަނަ އަހަރު ލިޔުއްވި މައުމޫނުގެ ބަޔޯގްރަފީ "އަ މޭން ފޯ އޯލް އައިލެންޑްސް" ގައި ބަޔާންކުރައްވާފައިވާ ގޮތުގައި މާލެ އަށް ބަޔަކު އަރައި ނެޝަނަލް ސެކިއުރިޓީ ސާވިސް (އެން.އެސް.އެސް) ގެ ހެޑްކުއާޓާޒް ހުންނަ ބަންޑާރަކޮށްޓަށް ހަމަލާދެމުންދާ ކަމުގެ މައުލޫމާތު މައުމޫނަށް އެންމެ ފުރަތަމަ ދެއްވީ އެ ކޯލުން އިލްޔާހެވެ.

Advertisement
ކުރީގެ ޑިފެންސް މިނިސްޓަރުގެ ނާއިބް އިލްޔާސް. --ފޮޓޯ: ރާއްޖެ ޓީވީ
ކުރީގެ ޑިފެންސް މިނިސްޓަރުގެ ނާއިބް އިލްޔާސް. --ފޮޓޯ: ރާއްޖެ ޓީވީ

ކުރީގެ ޑިފެންސް މިނިސްޓަރުގެ ނާއިބް އިލްޔާސް. --ފޮޓޯ: ރާއްޖެ ޓީވީ

އޭރު ހާޖަރާގޭ އަބްދުﷲ ލުތުފީ އިސްވެ ހުރެ، ސްރީ ލަންކާގެ ޕީޕަލްސް ލިބަރޭޝަން އޯގަނައިޒޭޝަން އޮފް ޓެމިލް އީލާމް (ޕްލޮޓް) ގެ ވެރިޔާ އުމާ މަހޭޝްވަރަންގެ މަދަދާ އެކު، އެ ޖަމާއަތުގެ ހަނގުރާމަވެރިން ގޮވައިގެން މާލެ އަރައި ދިޔައީ ބަންޑާރަކޮށި ހިފޭތޯ މަސައްކަތްކުރަމުންނެވެ.

އެކަމަށް ހުރަސް އަޅަމުން ދިޔައީ ބަންޑާރަކޮށީގެ ބޭރުގެ ޗެކްޕޯސްޓުގައި ފޯރިމަރަން ހުރި އުމުރުން އެންމެ 18 އަހަރުގެ ހުސެއިން އާދަމެވެ. އެ ތަނަށް އަމާޒުވަމުން ދިޔަ ހަމަލާތަކުގެ ރައްދުގައި ހުސެއިން އާދަމް ދިޔައީ އުންޑަ ފޮނުވަމުންނެވެ. އެކަމަކު ވަކި ހިސާބަކުން އޭނާގެ ވަޒަންތައް ހުސްވި އެވެ. އެ ވަގުތު އޭނާ އިތުރު މެގަޒިނެއް ދޭން ގޮވި އެވެ. އެކަމަކު ނިވަލެއް ނެތް ގޮތަށް ހަދާފައި ހުރި އެ ޕޯސްޓުގައި ހުސް އަތާ އޭނާ ހުއްޓާ އޭނާ ގަޔަށް ވަޒަން އަރައި ޝަހީދުވެގެން ވެއްޓުނެވެ.

ބަޔަކު އަރައި އެން.އެސް.އެސް ހިފަން އުޅޭ ކަމުގެ މައުލޫމާތު ލިބުމާ އެކު މައުމޫން އިލްޔާސް އަރިހު ވިދާޅުވީ ރައްކާތެރިކަމަށްޓަކައި ވަގުތުން ވަގުތަށް، ގެއިން ނުކުމެވަޑައިގެން އެހެން ތަނަކަށް ވަޑައިގަތުމަށެވެ. މައުމޫން ވިދާޅުވީ އެމަނިކުފާނު ވެސް ތީމުގެއިން ނުކުންނަވާނެ ކަމަށެވެ. އެކަމަކު ވަޑައިގަންނަވާނެ ތަނެއް ވިދާޅެއް ނުވެ އެވެ.

"ކުއްލިއަކަށް އިސްލާމީ މަރުކަޒުގެ މުއައްޒިން ފަތިސް ނަމާދުގެ ބަންގި ގޮވަން ފެށި އަޑު ސާފުކޮށް، ބާރަށް އިވެން ފެށި އެވެ. ﷲ އަކްބަރު، ﷲ އަކްބަރް. މައުމޫން ހިނދުކޮޅަކަށް މަޑުކޮށްލެއްވި އެވެ. އަދި މާތްﷲ އޭނާ އާއި އާއިލާ އަދި ގައުމު ސަލާމަތްކޮށްދެއްވާނެކަމުގެ ހިޔާލާ އެކު ޔަގީންކަން ލިބުނެވެ،" އެލިސް ލިޔުއްވާފައިވެ އެވެ.

އެ ފޮތުގައި އެލިސް ލިޔުއްވާފައިވާ ގޮތުގައި، މުއައްޒިން މާހޮއްކޮ ދޮހޮއްކޮ އެތަނަށް ވަންއިރު ވެސް ބަޑި ޖަހާ އަޑު އިވެ އެވެ. އަދި ބަޑި ހިފައިގެން ތިބި މީހުން އިސްލާމީ މަރުކަޒުގެ ތެރެއިން ދުވެ އެންއެސްއެސްއާ ދިމާއަށް ބަޑި ޖަހާ މަންޒަރު ފެނުނެވެ. އެކަމަކު އޭނާ ބަންގި ގޮވަން ފަހެއް ނުޖެހުނެވެ. އަދި އޭނާ އާއި އެ މިސްކިތުގެ އިމާމު ދިރިމާ އަބްދުއްރަހްމާން އާދަމް ފަސް ޖެހުމެއް ނެތި ޖަމާއަތުގައި ނަމާދު ބޭއްވި އެވެ. ދޮހޮއްކޮ އާއި އަބްދުއްރަހްމާން އެތަނުގެ ކޮޓަރިއަކަށް ވަދެ ތަޅުލައިގެން ފިލައި ތިބީ ނަމާދު ފަހު ބަޑީގެ އަޑުފަށްގަނޑު ގަދަވުމުންނެވެ.

ބަންޑާރަކޮށީގެ ދިފާއުގައި ބަޑި ޖެހި ބަތަލް ޝަހީދު ހުސެއިން އާދަމް.
ބަންޑާރަކޮށީގެ ދިފާއުގައި ބަޑި ޖެހި ބަތަލް ޝަހީދު ހުސެއިން އާދަމް.

ބަންޑާރަކޮށީގެ ދިފާއުގައި ބަޑި ޖެހި ބަތަލް ޝަހީދު ހުސެއިން އާދަމް.

އެން.އެސް.އެސް އަށް ހަމަލާދޭނީ ގައުމު ހިފަން ކަމަށްވެފައި، އެ ހާލަތުގައި އެ ބަޔަކު ގައުމުގެ ވެރިޔާ ހިފައި ހައްޔަރުކުރަން އަންނާނެކަން މައުމޫނަށް ވިސްނިވަޑައިގަތެވެ. އެހެންވެ ނަސްރީނާ އަރިހު ވިދާޅުވީ ގެއިން ނުކުންނަންވީ ވަގުތު ޖެހިއްޖެ ކަމަށެވެ. އޭރު އުމުރުން 8 އަހަރުގެ ގައްސާން ހޭލައިފި އެވެ. ބަޑީގެ އަޑު ކަންފަތުގައި ޖެހުމުން ތުއްތުތުއްތު މައުސޫމް ގައްސާން ހީކުރީ ހޮނުގުގުރި ޖަހަނީ ކަމަށެވެ. ހިނދުކޮޅެއްގެ ތެރޭގައި މައުމޫނާއި ނަސްރީނާ، ގައްސާން ގޮވައިގެން ފެންޑާ އަށް ވަޑައިގެން ކާރުގެ އިންތިޒާރުގައި ތިއްބެވި ވެ.

ނިދާ ހެދުމުގައި ހުރި ގައްސާން ކަންބޮޑުވުމާ އެކު ބައްޕަ އަރިހުގައި އެއްސެވީ އޭނާ ހެދުން ބަދަލުކުރަން ޖެހޭތޯ އެވެ.

"ނޫން،" މައުމޫން ވިދާޅުވި އެވެ. "ވަގުތެއް ނެތް. އެ ކުޑަކުއްޖާ ހުރީ މިވާ ގޮތް ވިސްނައިގަންނަން ނޭގިފަ އެވެ."

މައުމޫން ކާރަށް އަރާވަޑައިގަންނަން އުޅުއްވަނިކޮށް ތީމުގޭ ޑިރެކްޓަރު އާދަމް ނައީމް (އޭ.އެމް.ޑީ.ސީ ނައީމް) ވަޑައިގެން ވިދާޅުވީ އަރައިގެން އުޅެނީ ބޭރު ބަޔެއް ކަމަށާއި އޭގެ ތެރެއިން އެއް ބަޔަކު ވާހަކަ ދައްކަނީ ތަމަޅަ ބަހުން ކަމަށެވެ. އެހެންވެ ކާރުގައި ވަޑައިގަތުން ރަނގަޅު ނުވާނެ ކަމަށް ވިދާޅުވެ ނައީމް ދައުވަތު ދެއްވީ އޭނާގެ ގެ މ. ހުދުއަސުރުމާ ގެޔަށް ވަޑައިގަތުމަށެވެ. ސެކިއުރިޓީ ގާޑަކާ އެކު ތީމުގޭ ވަލުދޮރޯށިން މައުމޫން ކުރީގައި ހުންނަވައިގެން ނުކުންނަވަނިކޮށް ނަސްރީނާ ކުރިއަށް އެރުއްވި އެވެ.

"އަޅުގަނޑު ވިސްނަމުން ދިޔައީ އެ މީހުން މައުމޫން އަވަހާރަކޮށްލަން އުޅެންޏާ އެ މީހުން ޖެހޭނީ އަޅުގަނޑޭ ފުރަތަމަ މަރާލަން،" ނަސްރީނާ އެ ފޮތަށް ވިދާޅުވެފައިވެ އެވެ.

އެ ވަގުތު ގައްސާން ވެސް ކުރިއަށް އެރި އެވެ. އެކަމަކު ހަރަކާތްތައް ހަލުވިކޮށް ވީހާ ވެސް އަވަހަކަށް ނުކުންނަން އުޅެނިކޮށް ގައްސާން ހުއްޓި މަންމައާ ސުވާލެއް ކުރި އެވެ.

"އަޅުގަނޑު ދަތްނޫގުޅާ (ގެއިން) ނުކުންނަށް ހުއްދަ ދެއްވީ ކީއްވެތޯ؟،"

އޭރު މައުމޫން ވިސްނަވަމުން ގެންދެވީ އެންމެ ފުރަތަމަ ވެސް ނަސްރީނާ އާއި ގައްސާން ރައްކާތެރިތަނަކަށް ގެންދެވުމަށެވެ. އެއަށް ފަހު ހަމަލާ ހުއްޓުވުވަން ކުރެވެން އޮތް ކަމެއް ކުރެއްވުމަށެވެ.

ރައީސް މައުމޫން އާއި ނަސްރީނާ.
ރައީސް މައުމޫން އާއި ނަސްރީނާ.

ރައީސް މައުމޫން އާއި ނަސްރީނާ.

އެލިސް ލިޔުއްވާފައިވާ ގޮތުގައި އޭގެ ދެ ދުވަސް ކުރިން މައުމޫން އޮތީ އިންޑިއާ އަށް ވަޑައިގަތުމަށް ރާއްވަވާފަ އެވެ. އެކަމަކު ސިއްހީ ހާލަތު އެ ވަގުތު ރަނގަޅުނުވުމުން އެމަނިކުފާނު ދަތުރު ކެންސަލް ކުރެއްވީ އެވެ. އެހެންވެ އެލިސް ލިޔުއްވި ގޮތުގައި ފަހަރުގައި، ޓެރަރިސްޓުން ހީކޮށްގެން ތިބޭނީ މައުމޫން ގައުމުގައި ނޫޅުއްވާ ކަމަށެވެ.

މައުމޫން ހުންނެވީ މާލޭގައިކަން އެ މީހުންނަށް ނޭގޭ ނަމަ އެމަނިކުފާނަށް ފިއްލަވަން ވަގުތު އޮވެދާނެ ކަމަށް އެލިސް ލަފާކުރައްވާފައިވެ އެވެ. ކަނުއަނދިރީގައި، މީހަކަށް ނުފެނިވާނެ ގޮތަކަށް، ވީ އެންމެ މަޑަކުން ހަނިހަނި ގޯޅިތަކުން ލާފައި މައުމޫން މެން ހިންގަވަމުން ގެންދެވިއިރު ނަސީބު ރަނގަޅު ކަމުން އެއީ ކޮން ބަޔެއްކަން އެއްވެސް މީހަކަށް ފާހަގައެއް ނުކުރެވެ އެވެ،

އެކަމަކު ނަސީބު ހިނދު ކޮޅަކަށް މައުމޫނާ ކުޅެލި އެވެ. ހުދުއަސުރުމާގޭ ވަލުދޮރޯށި ހުރީ ތަޅުލައިފަ އެވެ. އެގޭ މައި ދޮރޯށިން ވަންނަން އަނެއް މަގަށް އެޅުން ރައްކާތެރި ކަމަކަށް ނުފެނުނެވެ. އެހެންވެ އެހެން ގޮތަކާ މެދު ވިސްނަވަން ޖެހިވަޑައިގަތެވެ. އެއީ ނަސްރީނާގެ މައިފުނަ ގެ މ. އެންދެރިމާގޭ ސަރަހައްދުކަމުން އެކަމަނާ އަށް އެހިސާބުގަނޑު ފެންފަދަ އެވެ. ކޮންމެ ގެޔަކުން ވެސް އެ އާއިލާ އަށް މަރުހަބާ ކިޔާނެކަން ނަސްރީނާ އަށް އެނގިވަޑައިގަނެ އެވެ.

"އެހެންވެ އަވަށްޓެރި ގެޔަކަށް ގޮސް ދޮރުގައި ޓަކިދިނިން. އެތާ ހުރި ދައްތަ އެއީ އަހަންނަށް ދައްތައެއް ފަދަ މީހެއް. އަހަރެމެން ފިލަން އެގެޔަށް ވަނީ،" ނަސްރީނާއާ ހަވާލާދީ ފޮތުގައިވެ އެވެ.

އެއީ މ. ގުލިސްތާނުގެ ގެ އެވެ. އެގޭގައި ތިއްބާ ބަޑީގެ އަޑުފަށްގަނޑު ގަދަވި އެވެ. އަދި މައުމޫން ފެނިއްޖެ ނަމަ ބަޑިޖަހާނެ ކަމުގެ ބިރު އޮތުމުން އެ ގޭ މީހުންގެ ރައްކަލަކަށްޓަކައި އެގެއިން ނުކުންނަވަން އެމަނިކުފާނު ބޭނުންވި އެވެ. އެކަމަކު އެގޭ މީހުން އެދުނީ މަޑުކުރެއްވުމަށެވެ.

އޭރު ވިޔަފާރި ބަނދަރަށް ލެފި ތަމަޅައިންގެ އެހެން ގްރޫޕަކުން ތީމުގޭ އާ ދިމާއަށް ވަނީ މިސްރާބު ޖަހައިފަ އެވެ. މައުމޫންނަށް ނުކުންނެވުނީ ބަރާބަރު ވަގުތަށެވެ. މައުމޫން ނުކުންނެވި ވަގުތު އެން.އެސް.އެސް ގެ ޕްރައިވެޓް ނޫހު ހުސެއިން ތީމުގޭ ޑިއުޓީ އަށް އަ އެވެ. އެގެޔަށް ދިޔަ ތަމަޅައިން ބަޑި ޖަހަން ފެށުމުން އޭނާ ރައްދުގައި ހަމަލާ ދޭން ފެށި އެވެ. އަދި މުޅި ދުވަހު ކަހަލަ ގޮތަކަށް، އޭނާ ތީމުގޭ ގާޑުކޮށްގެން އޮތެވެ. އެލިސް ލިޔުއްވި ގޮތުގައި މައުމޫން ތީމުގޭގައި ހުންނެވިކަން ނުވަތަ ނޫންކަން ތަމަޅައިންނަށް ނޭގުނީ ނޫހުގެ ހިތްވަރުގެ ސަބަބުންނެވެ.

ހަމަލާގައި ދިވެހިންގެ ބައިވެރިވުމެއް އޮތްކަން މައުމޫނަށް އެނގިވަޑައިގަތީ ހެނދުނު 7 ނުވަތަ 7:30 ހާއިރެވެ.

"އެކަންވީ އަހަރެން ހައިރާންކުރުވަނިވި ކަމަކަށް،" މައުމޫން ވިދާޅުވި އެވެ.

މައުމޫން ރަށުގައި ނޫޅުއްވާ ކަމަށް ހީކޮށް ބާޣީ ލުތުފީގެ އެންގުމަށް ތަމަޅައިންގެ ހަތް މީހަކު އިލްޔާސް އަތުލައިގަތުމަށް ދިޔަ އެވެ. އެކަމަކު ދިޔަ މީހުންނަށް އިލްޔާސްގެ ސިފައެއް ނޭގެ އެވެ. އެހެންވެ އެގެޔަށް ގޮސް ގޯތިތެރޭގައި ހުރި މީހެއް ގާތު އިލްޔާސް ކޮބައިހޭ އެހި އެވެ. އެ މީހުންނަށް އެ ސުވާލު ކުރެވުނީ އިލްޔާހާ އެވެ. އޭނާ ޖަވާބުގައި ވިދާޅުވީ އިލްޔާސް ހިނގައްޖެ ކަމަށެވެ. އަދި ތަމަޅައިންގެ ސަމާލުކަން އެހެން ދިމާއަކަށް އެނބުރު ވަގުތު އިލްޔާސް އެގެއިން ފިއްލެވި އެވެ.

ލެފްޓެނަންޓް ޖެނެރަލް (ރިޓަޔާޑް) އަންބަރީ އަބްދުއްސައްތާރު: ނޮވެމްބަރު ތިނެއްގައި އިންޓެލިޖެންސް މައުލޫމާތު އެއްކޮށްދެއްވި.
ލެފްޓެނަންޓް ޖެނެރަލް (ރިޓަޔާޑް) އަންބަރީ އަބްދުއްސައްތާރު: ނޮވެމްބަރު ތިނެއްގައި އިންޓެލިޖެންސް މައުލޫމާތު އެއްކޮށްދެއްވި.

ލެފްޓެނަންޓް ޖެނެރަލް (ރިޓަޔާޑް) އަންބަރީ އަބްދުއްސައްތާރު: ނޮވެމްބަރު ތިނެއްގައި އިންޓެލިޖެންސް މައުލޫމާތު އެއްކޮށްދެއްވި.

އޭރު ސިފައިންގޭގެ މޭޖަރެއް ކަމަށްވާ އަންބަރީ އަބްދުއްސައްތާރު މާލެ ތެރޭގައި ބޮނދަބޮނދައިގެން އުޅުއްވައި އެކިއެކި އިންޓެލިޖެންސް މައުލޫމާތު ވަނީ އެއްކުރައްވައިފަ އެވެ. ގުލިސްތާނުގެޔަށް ވަޑައިގެން އެގޭ ފޯނުން، އަންބަރީ އަށް ގުޅުއްވައި މައުމޫން އެ މައުލޫމާތުތައް ހޯއްދެވި އެވެ.

"އެމަނިކުފާނުގެ ހަތިޔާރަކަށްވީ ޓެލެފޯނެވެ،" އެލިސް ލިޔުއްވި އެވެ. "ބޭރުގެ އެހީ ބޭނުންވާނެކަން އެމަނިކުފާނަށް އެނގިވަޑައިގެންނެވި އެވެ."

އެކަމަކު ގުލިސްތާނުގޭ ފޯނުން ރާއްޖޭން ބޭރަށް ގުޅޭނެ ގޮތެއް ނެތެވެ. އަދި އިންޑިއާގެ ބޮޑުވަޒީރު ރަޖީވް ގާންދީގެ ނަމްބަރު ހޯއްދަވަން ރައީސް އޮފީހުގެ ސީނިއާ އޮފިޝަލެއް ކަމަށްވާ އަނީސާ އަހުމަދު އަރިހު އެދިވަޑައިގަތެވެ. އެކަމަކު ނަމްބަރު ފޮތްވީ ރައީސް އޮފީހުގަ އެވެ. ސިފައިންގެ އިން 2012 ވަނަ އަހަރު ނެރުނު "ނޮވެމްބަރު ތިނެއް" ފޮތުގައިވާ ގޮތުގައި އެކަން ހަމަޖެހުނީ ތީމުގޭގައި ނައީމް ގެންގުޅުއްވާ އަތުފޯނަކާއި ނަމްބަރު ފޮތް ގެނެސްގެންނެވެ.

ދެން ކުރިމަތިވީ އެހެން ދައްޗެކެވެ. އެ ފޯނުން ދައްކާ ވާހަކަތައް އެ ހިސާބުގައި ހުރި ގެޔެއްގެ ރޭޑިއޯ ސެޓަކަށް އަރާ މައްސަލަ އެވެ. އެ އަޑު ތަމަޅައިންނަށް އިވިދާނެތީ މައުމޫން ނިންމެވީ އެ ފޯނު ބޭނުންނުކުރައްވާށެވެ. ސިފައިންގެ ފޮތުގައިވާ ގޮތުން ރަޖީވް ގާންދީއާ ގުޅުއްވުމުގެ އިންތިޒާމު ހަމަޖައްސަވައިދެއްވީ ފޮރިން މިނިސްޓަރު ފަތުހުﷲ ޖަމީލެވެ. ގުޅުއްވީ މިނިސްޓަރުގެ ނާއިބް އިބްރާހިމް ހުސެއިން ޒަކީ އެވެ.

"އަޅުގަނޑު ގުޅި އެކަކީ ކޮލަމްބޯގައި ހުންނެވި އެމެރިކާގެ ސަފީރު ޖޭމްސް ސްޕެއިން އަށް. އަޅުގަނޑު އޭނާ ގާތު އެދުނީ އެމެރިކާ ސަރުކާރާ ގުޅައި އަހަރެމެންނަށް އެހީވެދެވޭނީ ކޮން ގޮތަކަށްތޯ ބަލައިދޭން. ފަހުން އޭނާ ގުޅައި އަހަންނަށް މައުލޫމާތު ދިން މަޝްވަރާތަކެއް ކުރިޔަށް ދިޔަކަން އަދި ވޮޝިންޓަނުން ދިޔައީ ނިއު ދިއްލީއާ ގުޅަމުން ކަން. އަދި އެ މީހުންނަށް ފެނުނު ގޮތުގައި އެންމެ ރަނގަޅު ގޮތަކީ އިންޑިއާ މީހުން އައުންކަމަށް ވެސް އޭނާ ބުނި،" މައުމޫން ވިދާޅުވި ކަމަށް އެލިސް ލިޔުއްވާފައިވެ އެވެ.

އޭގެ އިރުކޮޅެއް ފަހުން އިންޑިއާ ސަރުކާރުން އިބްރާހިމް ޒަކީ އަށް އެންގީ އަސްކަރީ ފައުޖެއް ފޮނުވަން ނިންމާފައިވާ ކަމަށެވެ. ލަންކާ އިން ވެސް ތިބީ ތައްޔާރަށެވެ. އެކަމަކު އިންޑިއާ ފައުޖެއް ދާތީ ލަންކާ އިން މަޑުކޮށްލީ އެވެ.

އެލިސް ލިޔުއްވި ގޮތުގައި އޭރު މައުމޫން ގެންދެވީ އެން.އެސް.އެސް ގެ އޮފިސަރުންނާ ގުޅުއްވައި، ބަންޑާރަކޮށި ހިފިޔަނުދޭން މަސައްކަތްކުރުމަށް ބާރު އަޅުއްވައި ހިތްވަރު ދެއްވަމުންނެވެ. ކަންވީ ވެސް އެހެންނެވެ. ދިވެހި ސިފައިންގެ ހިތްވަރު ވަރަ ގަދަ އެވެ. ބާޣީންނަށް ހަމަ ހިލާ ކާމިޔާބެއް ލިބުނަކަ ނުދިނެވެ. ބަންޑާރަކޮށްޓަށް ބަޑި ޖަހައިގެން ނާކާމިޔާބުވުމުން ފާރު ގޮއްވާލައިގެން ވަންނަން ވެސް އެ މީހުން މަސައްކަތްކުރި އެވެ. އެކަމަކު އެކަން ވެސް ކާމިޔާބެއް ނުވި އެވެ.

އެކަމުގެ ރުޅި އާއި ޕްރެޝަރުގައި ބާޣީން އާއްމުން ގަޔަށް ބަޑި ޖަހަމުންނެވެ. ކާމިޔާބު ލިބިދާނެކަމުގެ އުއްމީދު ކުޑަވުމާ އެކު، މެންދުރުފަސްވުމުން ސަރުކާރުގެ އާގުބޯޓެއް ކަމަށްވާ ޕްރޮގްރެސްލައިޓް ހައިޖެކްކޮށް ފިލަން ލުތުފީ ރޭވި އެވެ. އަދި ރަހީނުންގެ ގޮތުގައި ގެންދާނެ ބަޔަކު ހިފައި ހައްޔަރުކުރަން ފެށި އެވެ.

ޕްރޮގްރެސްލައިޓުގައި ލިބުނު ޒަހަމްތަކަށް ރާއްޖޭން ބޭރުން ފަރުވާ ހޯއްދެވުމަށް ފަހު ބޯގަންވިލާ އިސްމާއިލް ނަސީރު އެނބުރި ވަޑައިގެން އެއާޕޯޓުގައި. --ފޮޓޯ: ނެޝަނަލް އާކައިވްސް
ޕްރޮގްރެސްލައިޓުގައި ލިބުނު ޒަހަމްތަކަށް ރާއްޖޭން ބޭރުން ފަރުވާ ހޯއްދެވުމަށް ފަހު ބޯގަންވިލާ އިސްމާއިލް ނަސީރު އެނބުރި ވަޑައިގެން އެއާޕޯޓުގައި. --ފޮޓޯ: ނެޝަނަލް އާކައިވްސް

ޕްރޮގްރެސްލައިޓުގައި ލިބުނު ޒަހަމްތަކަށް ރާއްޖޭން ބޭރުން ފަރުވާ ހޯއްދެވުމަށް ފަހު ބޯގަންވިލާ އިސްމާއިލް ނަސީރު އެނބުރި ވަޑައިގެން އެއާޕޯޓުގައި. --ފޮޓޯ: ނެޝަނަލް އާކައިވްސް

ރަހީހުންގެ ގޮތުގައި ގެންދިޔަ މީހުންގެ ތެރޭގައި ޓްރާންސްޕޯޓް މިނިސްޓަރު އަހުމަދު މުޖުތަބާ އާއި އޭނާގެ އަނބިކަނބަލުން ސްވިޒަލެންޑުގެ އުރުސަލާ މުޖުތަބާ އަދި މަޖިލިސް މެމްބަރު މއ. ބޯގަންވިލާ އިސްމާއިލް ނަސީރު ހިމެނެ އެވެ. އެއީ އިސްލާމީ މަރުކަޒުގައި ފިލައި ތިބި މުއައްޒިން ދޮހޮއްކޮ އާއި އިމާމު އަބްދުލްރަހްމާން ވެސް އެތަނުން ނުކުތް ވަގުތުކަމުން ތަމަޅައިން އެ ދެ މީހުން ވެސް ބޯޓަށް އެރުވި އެވެ.

"އެ ވަގުތު ތަމަޅައިންނަށް އެނގުނީ މައުމޫން މާލޭގައި ހުންނެވިކަމެވެ. މައުމޫން ހައްޔަރުކުރުމަށްޓަކައި އޭނާ ހުންނެވިތަނެއް ހޯދަން އެ މީހުން އުޅުނެވެ. އެކަމަކު އޭރު މާ ލަސްވެއްޖެ އެވެ،" އެލިސް ލިޔުއްވި އެވެ.

ބޯޓު ގާދޫކޮލުން ނުކުތުމާ އެކު، މާލޭން ގެންދިޔަ ރޭޑިއޯ ކޮމިއުނިކޭޝަން ސެޓަކުން ލުތުފީ ގެންދިޔައީ ޕްލޮޓުގެ މީހުންނާ ގުޅަމުންނެވެ. އޭނާގެ އޯޑަރަށް އިރުމައްޗަށް، އިންޑޮނީޝިއާއާ ދިމާއަށް ބޯޓު މިސްރާބު ޖަހާފައިވަނިކޮށް ޕްލޮޓުގެ ލީޑަރު އުމާ މަހޭޝްރަވަންގެ އެންގުމަށް ބޯޓު ލަންކާގެ މަނާރާ ދިމާއަށް މިސްރާބު ޖެހި އެވެ.

އޭރު ރަޖީވް ގާންދީ ވަނީ މައުމޫނަށް ގުޅުއްވައި އަސްކަރީ ގޮތުން ކުރަންވީ ކޮންކަމެއްތޯ އައްސަވައިފަ އެވެ. އެމަނިކުފާނު ވިދާޅުވީ ރަހީނުކުރި މީހުން ސަލާމަތްކުރުމަށް އެންމެ ފުރަތަމަ މަސައްކަތްކުރުމަށެވެ. ޓެރަރިސްޓުން ހައްޔަރުކުރާނީ އޭގެ ފަހުން ކަމަށް ވިދާޅުވި އެވެ.

އެކަމަށްޓަކައި އިންޑިއާގެ މަނަވަރު ގޯދާވަރީން، ޕްރޮގްރެސްލައިޓާ ދިމާއަށް މިސްރާބު ޖެހުމުން ރަހީނުކޮށްފައި ތިބި މީހުން ވީލްހައުސް އަށް ނެރެ ކަނުބަނދެ ލައިފްޖެކެޓް އެޅުވި އެވެ. އަދި އޭގެ ތެރެއިން ދެ މީހެއް ގަޔަށް ބަޑި ޖަހައި ކަނޑަށް ވައްޓާލި އެވެ. ބޯޓުގައި ބަޑި ޖަހައި ޝަހީދުކޮށްލި ޖުމްލަ ފަސް މީހުންގެ ތެރޭގައި އިސްލާމީ މަރުކަޒުގެ އިމާމު ވެސް ހިމެނެ އެވެ.

ގޯދާވަރީން ބަޑި ޖަހައި، ބޮން އަޅައި، ޕްރޮގްރެސްލައިޓް ފައްތާލާނެ ކަމުގެ އިންޒާރު ދިނުމުން އެންމެ ފަހުން ބާޣީން އަމާން ދިނެވެ. އަދި ލައިފްޖެކެޓް އަޅައި ކަނޑަށް ފުންމާލި އެވެ. އެއާ އެކު ދިވެހިންނަށް ނަސްރު ލިބުނީ އެވެ. އެކަމަށް ޝުކުރުކުރުމަށްޓަކައި ދިވެހިން ޖެހިގެން އައި ދުވަހު ޝުކުރުގެ ނަމާދެއް ކުރި އެވެ. އަދި މައުމޫން ގައުމާ މުހާތަބުކުރެއްވި އެވެ. އެމަނިކުފާނުގެ ވާހަކައިގައި ދިވެހި ސިފައިންގެ އާދަޔާހިލާފު ހިތްވަރު ފާހަގަކުރެއްވި އެވެ. އަދި ރަޖީވް ގާންދީ ވެދެއްވި އެހީ ވެސް ފާހަގަކުރެއްވި އެވެ. ހަމައެއާ އެކު، ކެތްތެރިކަމާއި އެކުވެރިކަމާ އެކު ދިވެހިން ތިބި ތިބުމަކީ ނަސްރު ލިބުމުގައި މުހިއްމު ދައުރެއް އަދާކުރިކަމެއްކަން ވެސް ފާހަގަކުރެއްވި އެވެ. މީގެ އިތުރުން މައުމޫން ވަނީ އެމެރިކާ، މެލޭޝިއާ، ބަންގްލަދޭޝް، ލަންކާ، ޕާކިސްތާން އަދި ބަހުރޭނުން ވެސް އެހީ ހުށަހެޅިކަމަށް ވިދާޅުވެ އެ ގައުމުތަކަށް ވެސް ޝުކުރުއަދާކުރައްވައިފަ އެވެ.

ރަޖީވް ގާންދީ ރާއްޖެ އަށް ކުރެއްވި ދަތުރެއްގައި އެއާޕޯޓުގައި އަތުގެ އިޝާރާތުން ސަލާމްކުރައްވަނީ. --ފޮޓޯ: އިންޑިއާ އެކްސްޓާނަލް މިނިސްޓްރީ
ރަޖީވް ގާންދީ ރާއްޖެ އަށް ކުރެއްވި ދަތުރެއްގައި އެއާޕޯޓުގައި އަތުގެ އިޝާރާތުން ސަލާމްކުރައްވަނީ. --ފޮޓޯ: އިންޑިއާ އެކްސްޓާނަލް މިނިސްޓްރީ

ރަޖީވް ގާންދީ ރާއްޖެ އަށް ކުރެއްވި ދަތުރެއްގައި އެއާޕޯޓުގައި އަތުގެ އިޝާރާތުން ސަލާމްކުރައްވަނީ. --ފޮޓޯ: އިންޑިއާ އެކްސްޓާނަލް މިނިސްޓްރީ

ހަމަލާއަށް ފަހު މައުމޫންގެ އާއިލާ އިން ވަގުތީ ގޮތުން ބަންޑާރަކޮށްޓަށް ބަދަލުވެވަޑައިގަތެވެ. މައުމޫން އެންމެ އިސްކަމެއް ދެއްވީ ނޮވެމްބަރު 11 ގައި އެމަނިކުފާނުގެ ރިޔާސީ ހުވާކުރެއްވުން ބޭއްވުމަށެވެ. ސަބަބަކީ ފަތުރުވެރިންނަށް ރާއްޖެ އައުމަށް ބިރެއް ނެތް ކަމާއި ގައުމު އޮތީ އާއްމު ހާލަތުގައިކަމުގެ މެސެޖް މުޅި ދުނިޔެއަށް ދެއްވުމެވެ.

އެކަން ކާމިޔާބުވި އެވެ. އެކަމަކު އެ ދުވަސް މައުމޫންގެ ސިކުނޑިން ފިލައި ނުދެ އެވެ. އަދި އެ ދުވަހަށް ފަހު މައުމޫނުގެ ދިރިއުޅުއްވުމަށް ބޮޑެތި ބަދަލުތަކެއް ގެންނަވަން ޖެހިވަޑައިގަތެވެ. ކުރިން އަމިއްލަ ކާރު ދުއްވެވި ނަމަވެސް ފަހުން އެކަން ސިފައިންނާ ހަވާލުކުރައްވަން ޖެހިވަޑައިގަތެވެ. އަދި ކުރިން އާދައިގެ ސެކިއުރިޓީއާ އެކު ގިނަ ތަންތަނަށް ހިންގަވާފައި ވަޑައިގެންނެވި ނަމަވެސް ދެން ޖެހިވަޑައިގަތީ މޮޓަރުކޭޑުގައި ތަންވަނަށް ވަޑައިގަންނަވާށެވެ.

އެލިސް ލިޔުއްވި ގޮތުގައި އެކަމުން ރާއްޖެ އާއި މައުމޫން އަދި ނަސްރީނާ އަށް ކުރި އަސަރަކީ، ނޮވެމްބަރު ތިނެކޭ އެންމެން މިކިޔާ ދުވަހާ މެދު ނުވިސްނަވާ އަދި ވާހަކަނުދައްކަވާ ދުވަހެއް މަދުން ނޫނީ ވޭތުނުވުމެވެ.

"އެ މީހުންނަށް މައުމޫން ފެނުނު ނަމަ އެމަނިކުފާނު އަވަހާރަކޮށްލާނެކަމީ ޔަގީންކަމެކެވެ. އެ ހިޔާލު އެމަނިކުފާނަށް އަދިވެސް އުނދަގޫކުރެ އެވެ،" ފޮތުގައިވެ އެވެ.

titledesc

މުހައްމަދު ހަމްދޫން

ކޮމެންޓް

Stay in the loop

Get the latest news and reports delivered straight to your inbox