ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކޮމިއުނިޓީ ފަންޑުގެ އެހީގައި ހއ. ދިއްދޫގައި ކޮމިއުނިޓީ ޕާކެއް ގާއިމްކޮށްފި އެވެ.
ދިއްދޫގެ ކޮމިއުނިޓީ ޕާކު ތަރައްގީކޮށްފައި ވަނީ އެރަށުގައި ހަރަކާތްތެރިވާ ޖަމިއްޔާއެއްކަމަށްވާ މިޑްލް ސްޕޯޓްސް ކްލަބް އިންނެވެ.
އެރަށުގައި ކޮމިއުނިޓީ ޕާކެއް ތަރައްގީކޮށްފައި މިވަނީ ރައްޔިތުން ހުސްވަގުތުގައި އެއްވެ، ވަގުތު ހޭދަކުރުމަށް ހިތްފަސޭހަ މާހައުލެއް ގާއިމުކޮށް އެއްބައިވަންތަކަން އިތުރުކުރުމުގެ މަގުސަދުގަ އެވެ.
ދިއްދޫގެ ކޮމިއުނިޓީ ޕާކު ތަރައްގީކޮށްފައި ވަނީ އެރަށުގެ ގޮނޑުދޮށާ ކައިރީގަ އެވެ. މިޕާކުގައި ރަށުގެ ރައްޔިތުންނަށް ބާބެކިއު އޭރިއާ އަކާއި ފޮތްހަރުގަޑެއް ބަހައްޓާފައިވެ އެވެ.
މިޑްލް ސްޕޯޓްސް ކްލަބުން ވަނީ ދިއްދޫ އަކީ އާބާދީގެ ގޮތުން އަތޮޅުގެ އެންމެ ބޮޑު ރަށަށް ވީނަމަވެސް ހިތް ފަސޭހަ ކޮށްލައި މަޑުކޮށްލައިގެން ތިބެވޭނެ ތަންތަން އެރަށުގައި މަދުކަން ފާހަގަކޮށްފަ އެެވެ. އެ ޔޫނިއަންގެ އުންމީދަކީ ޕާކަށް ޒިޔާރަތް ކުރާ ފަރާތްތަކަށް އުފާވެރި އަދި ހިތްގައިމު މާހައުލެއް އެތަނުގައި ގާއިމުވެގެން ދިއުންކަމަށް ވަނީ ބުނެފަ އެވެ.
ބީއެމްއެލްގެ އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑަށް ހުށަހަޅާ ޕްރޮޕޯސަލްތަކަކީ ހިލޭ ސާބަހަށް ކުރާ މަސައްކަތްތަކާއި ތައުލީމާއި ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހެޅޭ ޕްރޮޕޯސަލްތަކެކެވެ.
ކޮންމެ ކުއާޓާއެއްގައި ފަސް ޕްރޮޕޯސަލް ހޮވައި ކޮންމެ ޕްރޮޖެކްޓެއް ހިންގުމަށް 50،000 ރުފިޔާ ބީއެމްއެލް އިން ކަނޑައަޅަ އެވެ.
އާންމު ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް ހާއްސަ ކުރެވިގެން ކޮންމެ އަހަރަކުވެސް ކޮމިއުނިޓީ ފަންޑުގެ ދަށުން އެއް މިލިއަން ރުފިޔާގެ މާލީ އެހީތެރިކަން ބީއެމްއެލް އިން ފޯރުކޮށްދެ އެވެ.











