ހދ. ނޭކުރެންދޫ، ތުއްތުބޭގެ ޅަ ދުވަހުގެ ހަނދާންތައް ގުޅިފައިވަނީ އެ ރަށު ކަނޑޫފަލާ އެވެ. އެހެން ރަށްރަށުން ގެނެސް، އެ ރަށުގައި އިންދައިގެން ބޮޑު ކުރި ކަނޑުލަކީ، ތުއްތުބެ އަދި އޭނާގެ އާއިލާއަށް ދުވަހުގެ ތިން އިރުގެ ކޮއްތެވެ.
ޒަމާންތައް ފާއިތުވަމުން ގޮސް ކަނޑުލަކީ މިހާރު ދިރިއުޅުމުގެ މާ މުހިއްމު ބައެއް ނޫނެވެ. އެކަމަކު އެއީ ތިމާވެއްޓަށް މުހިއްމު ގުދުރަތީ ނިޒާމެއް ކަމަށް ނިންމައި ނޭކުރެންދޫގެ ކުޅި، ފާ އަދި ޗަސްބިން 2018 ގައި ސަރުކާރުން ހިމާޔަތް ކުރި އެވެ. އޭގެ ދޮޅު އަހަރެއް ފަހުން ފެނުނީ ކަނޑޫފާ މަރުވެފައި އޮއްވަ އެވެ. ސަބަބެއް ނޭނގުނެވެ.
ނަމަވެސް ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި ކަނޑޫފާތައް މަރުވުން ގުޅިފައި ވަނީ ދުނިޔެ ހޫނުވެ، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން ކަނޑޫފާތައް ހުންނަ ސަރަހައްދަށް މާ ގިނައިން ލޮނުގަނޑު ވައްދާ މައްސަލައާ އެވެ. ކުރުކޮށް ބުނާ ނަމަ، ކަނޑޫފާތައް މަރުވަނީ ކަނޑުގެ ލޮނުގަނޑު އުފުލި އެކަމުގެ އަސަރު ރާއްޖޭގެ ރަށްތަކަށް ކުރަމުން ދާތީ އެވެ.
"ރާއްޖޭގައި ކްލައިމެޓް ޗޭންޖާ ގުޅިގެން އުދަ އަރާ ވަރު ވެސް ވަރުގަދަވެއްޖެ. ރަށްރަށުގެ ފުއްޓަރާ ދިމާލުން ނުވަތަ ގާތަކުން ލޮނު ވަންނަ ކަހަލަ ގޮތަށް ހުންނަ ތަންތަނުގައި ކަނޑޫފާތައް މި ހުންނަނީ. އެހެންވީމަ އެ ޖަހާ ރާޅުގެ ވަރުގަދަކަމުން، އުދަ އަރާލެއް ވަރުގަދަ ކަމުން، މި ތަންތަނަށް އިތުރަށް، އާއްމުކޮށް ވާ ވަރަށް ވުރެ ގިނައިން ލޮނު ވެއްދުމަކީ ހަމަ އެކަށީގެންވާ ކަމެއް. އެހެންވީމަ ލޮނޭ، ލޮނު ވައްދާތީއޭ މި މަރުވަނީ،" ބްލޫޕީސް ޖަމިއްޔާގެ ކޯފައުންޑަރު އަލީ ރިލްވާން ވިދާޅުވި އެވެ.
ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ ބްލޫޕީސް ޖަމިއްޔާ އިން ދަނީ ކުޅިތަކާއި، ފާތަކާއި، ޗަސްބިންތައް ރައްކާތެރި ކުރުމަށް ބޮޑު ޕްރޮޖެކްޓެއް ހިންގަމުންނެވެ. އެ ޕްރޮޖެކްޓުގެ ދަށުން އެކި ރަށްރަށުގެ މިފަދަ މާހައުލުތަކާ ގުޅޭ ތަހުލީލުތައް ކުރެ އެވެ. އެގޮތުން 2016 ވަނަ އަހަރު ވަނީ ނޭކުރެންދޫ އާއި އެ އަތޮޅު ކޭލަކުނު، އަދި ހއ. ބާރަށާއި ފިއްލަދޫގެ ދިރާސާއެއް ކޮށްފަ އެވެ.

ބްލޫޕީސްގެ ޕޯސްޓަރެއް.
"އޭރު ވެސް ނޭކުރެންދޫގެ މަތިން ކޮންމެވެސް ވަރަކަށް ކަނޑޫ ގަސްތައް މަރުވާން ފަށާފައި ހުރިކަމުގެ އިޝާރާތެއް ފެނޭ. މަތިން ބަލާއިރު ފެންނަން ހުރޭ ކޮންމެވެސް ވަރަކަށް. އެހާ ބޮޑަކަށް ނޫން... އެހެން އޮއްވާ މި ފެނުނީ 2020 ގައި ބޮޑުކޮށް ހަމަ ނޭކުރެންދޫގައި ވެސް ކެލާގައި ވެސް ކެނދިކުޅުދޫގައި ވެސް އެހެން ގޮސް، ކަނޑޫ މަރުވާތަން،" ރިލްވާން ވިދާޅުވި އެވެ.
އީޕީއޭ އަދި ބްލޫޕީސްގެ ތަހުގީގު
ގިނަ ރަށްތަކަކުން ކަނޑޫފާތައް މަރުވާ މައްސަލަ ފާހަގަވެ، 2020 ވަނަ އަހަރުގެ ތެރޭގައި އެންވާރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވަނީ އެ ތަންތަނުގެ ސާމްޕަލް ނެގުމަށް ފަހު ތަހުލީލު ކުރުމަށް އިންޑިއާގެ ލެބޯޓަރީއަކަށް ފޮނުވާފަ އެވެ. ގިނަ ދުވަސްތަކަކަށް ފަހު ލިބުނު ނަތީޖާ އިން ކަނޑޫފާ މަރުވާ ސީދާ ސަބަބެއް ނޭނގުނެވެ.
އޭރު އީޕީއޭ އިން ބުނީ ރާއްޖޭގެ ބައެއް ކަނޑޫފާތަކުން، ކަނޑޫ ގަސްތައް ބަލިކަށިކޮށްލާ ފަންގަސްއެއް ފެނިފައިވާ ކަމަށެވެ. ނަމަވެސް، ކަނޑޫފާތައް މަަރުވާ ސަބަބަކީ އެއީކަން ދެނެގަނެވޭނީ އިތުރަށް ދިރާސާކޮށްގެން ކަމަށް ބުންޏެވެ. އެކަމަކު އެ ދިރާސާ އަށް ފަހު އީޕީއޭ އިން އެކަމާ ގުޅޭ އިތުރު އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެ އެވެ.

ހދ. ވައިކަރަދޫގެ ކަނޑޫ ގަސްތައް މަރުވެފައި. -- ފޮޓޯ: ބްލޫޕީސް
"އޭރު އެހެން [ފަންގަސް ކަމަށް] ނިންމީ. ވަކި ކޮންކްލޫޝަން އެއް އިތުރަކަށް ނޭނގޭ. އިތުރު ސާވޭތައް ކުރަން ޖެހޭނީ. މިދިޔަ އަހަރުގެ ސާވޭ އަށް ފަހު އީޕީއޭ އިން އަދި ނުކުރޭ. އެންމެ އެކަށީގެންވާ ރަނގަޅަށް މަސައްކަތެއް ނުކުރެވޭ އަޅުގަނޑުމެންނަކަށް ވެސް އެއީ ކިހިނެއްވެގެން ވާ ކަމެއް ތޯ ބަލަން،" އީޕީއޭގެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވި އެވެ.
ނައީމް ވިދާޅުވީ އިތުރު ދިރާސާތައް ނުކުރެވެނީ މާލީ ގޮތުން ހުރި ދަތިތަކާއި މުވައްޒަފުން ނެތުމުގެ ސަބަބުން ކަމަށެވެ. ކަނޑޫފާ މަރުވާ މައްސަލައިގައި ޖެހެނީ ގިނަ ތަންތަނަށް މުވައްޒަފުން ގޮސް ދިގު މުއްދަތެއްގައި ބަލަހައްޓައިގެން "ކޮންޓިނިޔަސް ސާވޭއެއް" ކުރަން ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް އޭނާ ވެސް ގަބޫލުކުރައްވާ ގޮތުގައި މިއީ ލޮނުގެ މިންވަރާ ހެދި ވެދާނެ ކަމެކެވެ.
"ލޮނުގެ މިންވަރު ގިނަވެގެން ވާ ގޮތަކަށް ވެސް ވުން އެކަށީގެންވޭ ހަމަ ބްލޫޕީސް ބުނާ ގޮތަށް،" ނައީމް ފާހަގަކުރެއްވި އެވެ.
ކަނޑޫފާތައް މަރުވާ މައްސަލައިގައި ބްލޫޕީސް އިން އެންމެ ފަހުން ދިރާސާއެއް ކުރީ މިދިޔަ ސެޕްޓެމްބަރު މަހު އެވެ. ރާއްޖޭގައި ކަނޑޫފާ މަރުވުމާއި ކަނޑުގެ ލޮނުގަނޑު އުފުލުމާ ގުޅުމެއްވާކަން ސައިންސްގެ އަލީގައި ފުރަތަމަ ފަހަރަށް ހެކި ލިބުނީ އެ ދިރާސާގެ އެހީގަ އެވެ. ނަތީޖާ އިން އެނގުނީ 2016 ގައި ނެގި ސާމްޕަލްތަކާއި ސެޕްޓެމްބަރުގައި ނެގި ސާމްލަތަކަށް ބަލާއިރު، ފަހުން ނެގި ސާމްޕަލްގައި ލޮނުގެ މިންވަރު ގިނަކަމެވެ.
"އަޅުގަނޑުމެންނަށް އެބަ އިނގޭ އެ ތަނުގައި ލޮނު، ސެލިނިޓީ، އެބަ މަތިވާ ވާކަން. އެހެންވީމަ އަޅުގަނޑަށް ހަމަ މި ޔަގީންކުރެވެނީ ކަނޑޫތައް މި މަރުވަނީ ލޮނުގެ އަސަރު މާ މަތިވެގެން ކަމަށް. އަޅުގަނޑުމެންނަށް ފެނިފައި އެބަ ހުރި، މިސާލަކަށް މާކަނޑޫދޫ ކަހަލަ ރަށްރަށުގައި ރަށް ގިރައިގެން ލޮނާ ހިސާބަށް ކަނޑޫ ގަސްތައް ފޯރީމާ އެ ގަސްތައް މަރުވެފައި ހުއްޓާ،" ބްލޫޕީސްގެ ރިލްވާން ވިދާޅުވި އެވެ.
އީޕީއޭގެ ދިރާސާ އިން ކަނޑޫފާތަކަށް ގެއްލުންދޭ ފަންގަސްއެއް ފެނުނު ކަމަށް ބުނެފައި ވާތީ، ރިލްވާން ވިދާޅުވީ ކަނޑޫފާ މަރުވަނީ އެކަމުގެ ސަބަބުން ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.
"ނޭކުރެންދޫގައި އަދި ވައިކަރަދޫގައި ވެސް އަދި ކޭލަކުނުގައި ވެސް އަޑިކޮށް އޮންނަ ބައިގައި ހުންނަ ކަނޑޫ ގަސްތައް މި މަރުވަނީ. ތަންކޮޅެއް އުސްކޮށް ފަސްގަނޑެއްގައި ހުންނަ ކަނޑޫ ގަސްތައް ޖެހިގެން ހަމަ އެބަ ހުރި ރަނގަޅަށް. ފަންގަސް ނުވަތަ ޕެސްޓެއް ނަމަ އެއް ގަހުން އަނެއް ގަހަށް އަރައި މަރުވާނެ. ލޮނު އެޅިފައި އަޑިގަނޑަކަށް ހުންނަ ތަންތަނުގައި ހުންނަ ގަސްތައް، ޑިޕްރެޝަނެއް ގޮތަށް ހުންނަ ތަންތަނުގައި މަރުވެގެން މި ދަނީ. ލޮނު އެޅިފައި ޖަމާވެފައި ހުންނަ ތަންތަނުގައި ބޮޑަށް މި މަރުވަނީ. އެއީ އަޅުގަނޑުމެންނަށް ކުރެވުނު އޮބްޒަވޭޝަނަކީ."
ދެކުނުގެ ކަނޑޫފާތައް ވެސް މަރުވަނީ
ކަނޑޫފާތައް މަރުވާ މައްސަލަ 2020 ވަނަ އަހަރު ފެންމަތިވިއިރު، މުޅިން ވެސް ފާހަގަވީ ރާއްޖޭގެ އުތުރުގައި ހުރި ކަނޑޫފާތަކެވެ. ނަމަވެސް މިހާރު ރާއްޖޭގެ ދެކުނުން ވެސް މި މައްސަލަ ފެނެ އެވެ. ދެކުނުގެ އަތޮޅުތަކުގެ ލާބަ އާއި މަންފާ އަށް މަސައްކަތް ކުރާ ހުވަދޫ އެއިޑް ޖަމިއްޔާ އިން ބުނީ ގދ. ހޯނޑެއްދޫގެ ކަނޑޫ ގަސްތައް 2020 ވަނަ އަހަރުގެ ޖުލައި މަހާ ހަމައަށް ދިޔައިރު ހުރީ މަރުވެފައި ކަމަށެވެ.
"ކުޅީގެ ކައިރި ފަށުގައި ހުރި ކަނޑޫ ގަސްތައް ފިޔަވައި އެހެން ހުރިހާ ކަނޑޫ ގަސް މަރުވި،" އެ ޖަމިއްޔާ އިން ބުންޏެވެ.
އެ ޖަމިއްޔާގެ ފަރާތުން އެ މައްސަލަ އީޕީއޭ އާއި އެންވާރަމަންޓް މިނިސްޓްރީ އަށް ހުށަހަޅައި، އަލުން އެތަން އާބާދުކޮށް ނޭޗާ ޕާކެއް އެޅުމުގެ ހުއްދަ އަށް އެދުނެވެ. އެއާއެކު ކަނޑޫފާ މަރުވާ މައްސަލަ ދެނެގަތުމަށް އީޕީއޭއާ އެކު ސާމްޕަލް ނަގައި، ތަހުލީލު ކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވި އެވެ.

ގދ. ހޯނޑެއްދޫގެ ކަނޑޫ ގަސްތައް މަރުވެފައި. -- ފޮޓޯ: ހުވަދޫ އެއިޑް
"އޭގެ ނަތީޖާ ވެސް މިހާރު ލިބިފައި ވަނީ. އޭތި އަދި ޕަބްލިޝް ނުކުރޭ އީޕީއޭ އިން. އެ މީހުން ބުނީ ޕަބްލިޝްކޮށްފައި އެ މީހުންގެ ރިޕޯޓު ހިއްސާ ކުރާ ވާހަކަ،" ހުވަދޫ އެއިޑްގެ އަބްދުﷲ އަރީޝް ބުންޏެވެ.
އެ ރިޕޯޓު އާއްމުކޮށްފައި ނުވި ނަމަވެސް، "އަދަދު" އަށް ކަށަވަރު ކުރެވޭ ގޮތުގައި ހޯނޑެއްދޫގެ ކަނޑޫ ގަސްތައް ވެސް މަރުވަނީ ކަނޑުގެ ލޮނުގަނޑު އުފުލި މާ ބޮޑަށް ލޮނުގެ އަސަރު ކުރަން ފެށުމުން ކަމަށް ނަތީޖާ އިން ދައްކާފައި ވެ އެވެ.
ކަނޑުގެ ލޮނުގަނޑު އުފުލުން، ކިހިނެއްވާ ކަމެއް؟
ރާއްޖޭގެ ރަށްތަކުގެ 80 ޕަސެންޓު އޮންނަނީ ކަނޑުގެ ލޮނުގަނޑަށް ވުރެ އެންމެ މީޓަރެއް އުހުގަ އެވެ. ސައިންސުން އެނގޭ ގޮތުގައި ފާއިތުވި ގަރުނުގެ ތެރޭގައި ކަނޑުގެ ލޮނުގަނޑު އުފުލޭ ސްޕީޑް ވަނީ ހަލުވިވެފަ އެވެ. އެގޮތުން 1990 ގައި އަހަރަކު 1.5 މިލިމީޓަރުން މިހާރު ވަނީ އަހަރަކު 4.8 މިލިމީޓަރަށް އުފުލިފަ އެވެ.
އެމެރިކާ ސަރުކާރުގެ ނެޝަނަލް އޯޝެނިކް އެންޑް އެޓްމޮސްފެރިކް އެޑްމިނިސްޓްރޭޝަން (އެންއޯއޭއޭ) އިން ބުނާ ގޮތުގައި 1880 ގެ ފަހުން ކަނޑުގެ ލޮނުގަނޑު ވަނީ 8-9 އިންޗި އުފުލިފަ އެވެ. 2020 ވަނަ އަހަރު ރިކޯޑު މިންވަރަށް އުފުލުނެވެ. އެއީ 1993 އާ އަޅާ ބަލާއިރު 91.33 މިލިމީޓަރެވެ.

ދުނިޔޭގެ ކަނޑުގެ ލޮނުގަނޑު އުފުލިފައިވާ ގޮތް ދައްކުވައިދޭ ޗާޓެއް.
ކަނޑުގެ ލޮނުގަނޑުގެ އުސްމިން ދެނެގަންނަނީ ޓައިޑް ސްޓޭޝަން އަދި ސެޓެލައިޓުގެ އެހީގަ އެވެ. ޓައިޑް ސްޓޭޝަންތަކުން ބަލަނީ އައްސޭރިފަށުގައި ލޮނުގަނޑު ހުންނަ މިންވަރު އުފުލެމުން ދޭތޯ އެވެ. ސެޓެލައިޓުން ބަލަނީ ކަނޑުތަކުގެ އެވްރެޖް އުސްމިނެވެ.
ކަނޑުގެ ލޮނުގަނޑު އުފުލޭ މައިގަނޑު ދެ ސަބަބެއް އޮވެ އެވެ. އެގޮތުން ތާމަލް އެކްސްޕޭންޝަނަކީ ކަނޑުތައް ހޫނުވާ ވަރަކަށް ފެންގަނޑު އެކްސްޕޭންޑުވުން ނުވަތަ ބޮޑުވުމެވެ. ކަނޑުގެ ލޮނުގަނޑު އުފުލޭ އަނެއް ގޮތަކީ ދުނިޔޭގެ ބޮޑެތި ގަނޑުފެންތައް ވިރިގެން ކަނޑަށް އިތުރުވާ ފެނެވެ.

ބްލޫޕީސްގެ ޕޯސްޓަރެއް.
titledesc
ދިރާސާތަކުގެ އެހީގައި ކަނޑުގެ ލޮނުގަނޑު އުފުލުމާއި ކަނޑޫގަސްތައް މަރުވުމާ ގުޅުމެއްވާކަން ހޯދިފައިވާއިރު، މޫސުމީ ބަދަލުގެ އަސަރު ރާއްޖެ އަށް ކުރާ ގޮތާއި މިންވަރި ދަނީ އިތުރުވަމުންނެވެ. އެގޮތުން އާދަޔާ ހިލާފަށް ބޮޑަށް އުދަ އެރުމާއި، ރަށް ގިރުމާއި، މާ ބޮޑަށް ވާރޭވެހި، ވައިގަދަވުން މިހާރަކަށް އައިސް ދިމާވެ އެވެ.
މިދިޔަ އަހަރު ނޭކުރެންދޫ އިން މަރުވި ކަނޑޫ ގަސްތައް މިއަދު ވެސް ހުރީ ހަމަ އެގޮތަށެވެ. އެ ތަކެއްޗަށް އަލުން ދިރުމެއް އަންނާނެކަމުގެ އެއްވެސް ނިޝާނެއް ފެންނާކަށް ނެތެވެ.

ކަނޑޫ ގަސްތައް މަރުވެފައި. -- ފޮޓޯ: އާއިމް ޒަމީރު/ އަދަދު
"މިހާރު ވެސް ހަމަ އެގޮތަށް. ހަމަ މަރުވަމުން ދަނީ. އެކަމަކަށް ހަމަ ހުއްޓުމެއް ނާދޭ. ހަމަ ގަސްތައް އެ ދުވަހެކޭ މިއަދެކޭ ދާދި އެއް ކަހަލަ ގޮތަކަށް ހުރީ،" ނޭކުރެންދޫ ކައުންސިލްގެ ނައިބު ރައީސް އަލީ އާދަމް ވިދާޅުވި އެވެ.
ބްލޫޕީސްގެ ރިލްވާން ދެކެވަޑައިގަންނަވާ ގޮތުގައި ކަނޑުގެ ލޮނުގަނޑު މިހާރު އުފުލެމުންދާ ގޮތަށް "އަހަރަކު ހަތަރު މިލިމީޓަރުން އުފުލެމުންދާ ނަމަ ކަނޑޫފާތަކަށް އާދަޔާ ހިލާފަށް ގިނައިން ލޮނު ވަނުން ނުހުއްޓުވޭނެ" އެވެ.
އެއާއެކު ހިތަށް އަރަނީ އެންމެ ސުވާލެކެވެ. ތުއްތުބޭމެން ފަދަ މީހުންގެ ދިރިއުޅުމާ ގުޅިފައިވާ ހަނދާން އެ ޖީލާއެކު ދުނިޔެ އިން ނެތިގެން ދަނީ ހެއްޔެވެ؟ ކޮންމެ ގޮތެއް ވިޔަސް މިއީ ރާއްޖެ އާއި ދުނިޔެއަށް އިންޒާރެކެވެ. މޫސުމީ ބަދަލުގެ އަސަރު އައިސް އަރާ ހަމަވެއްޖެ އެވެ. ކަނޑުގެ ލޮނުގަނޑު އުފުލޭކަށް ނެތެވެ. މިހާރު އެ އުފުލިގެން ދަނީ އެވެ.












