ބަޖެޓް 22: އާމްދަނީގެ 32 ޕަސެންޓް ޓޫރިޒަމުން

ޗުއްޓީ ހޭދަކުރަން ރާއްޖެ އަށް ޒިޔާރަތްކުރި އާއިލާއެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި.

ޗުއްޓީ ހޭދަކުރަން ރާއްޖެ އަށް ޒިޔާރަތްކުރި އާއިލާއެއް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި.

ރާއްޖޭގެ އިގުތިސާދުގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓޫރިޒަމް ސިނާއަތެވެ. ސަރުކާރަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ސިނާއަތަކީވެސް ޓޫރިޒަމް އެވެ.

ރާއްޖޭގެ އިގުތިސާދު މިއަހަރު 31.6 ޕަސެންޓް، އަންނަ އަހަރު 12 ޕަސެންޓް ކުރިއަރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ފާހަގަކުރެ އެވެ.

މިއަހަރުގެ ދެ ވަނަ ކުއާޓާއިން ފެށިގެން ރާއްޖޭގެ އިގުތިސާދު އިޔާދަވާން ފަށައި ދައުލަތުގެ އާމްދަނީ އިތުރުވާން ފަށާފައި ވަނީ ޓޫރިޒަމް ސިނާއަތް އިޔާދަވާން ފެށުމާއެކު އެވެ.

މިއަހަރުގެ މިހާތަނަށް ރާއްޖެއަށް އެއް މިލިއަނަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާއިރު، އަންނަ އަހަރު ރާއްޖެ އަންނާނެ ކަމަށް ބަޖެޓުގައި ހިމަނާފައި ވަނީ 1.6 މިލިއަން ފަތުރުވެރިންނެވެ.

އެންމެ މަދުންވެސް ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް ފިނޭންސުން ލަފާކުރާއިރު އެންމެ ރަނގަޅު ހާލަތުގައި 1.8 ބިލިއަން ފަތުރުވެރިން ރާއްޖެ އައުން އެކަށީގެންވާ ކަމަށް ލަފާކުރެ އެވެ.

ކޮވިޑްގެ ކުރިން 2019 ވަނަ އަހަރު 1.7 މިލިއަން ފަތުރުވެރިން ވަނީ ރާއްޖެ އައިސްފަ އެވެ. އަންނަ 1.8 މިލިއަން ފަތުރުވެރިން ރާއްޖެ އައިސްފިނަމަ އެއީ އާ ރެކޯޑަކަށް ވެގެންދާނެ އެވެ.

2022ގެ ބަޖެޓަށް ޓޫރިޒަމުން ލިބޭ އާމްދަނީ

އަންނަ އަހަރުގެ ބަޖެޓުގައި އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ހިމަނާފައި ވަނީ 24.3 ބިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން 7.8 ބިލިއަން ރުފިޔާ އަކީ ޓޫރިޒަމް އިންޑަސްޓްރީން ލިބޭނެ އާމްދަނީގެ ގޮތުގައި ހިމަނާފައިވާ އަދަދެ ކެވެ.

ޓެކުހުގެ ގޮތުގައި ލިބޭނެ އާމްދަނީ

އަންނަ އަހަރު ޓެކުހުގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައި ވަނީ 15.4 ބިލިއަން ރުފިޔާ އެވެ.

ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީގެ 31 ޕަސެންޓް ހިއްސާކުރަނީ ޓޫރިޒަމް ގުޑްސް އެންޑް ސާވިސަސް ޓެކްސް (ޓީޖީއެސްޓީ) އިން ލިބޭ އާމްދަނީއެވެ. ޓީޖީއެސްޓީގެ ގޮތުގައި އަންނަ އަހަރު 4.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ވަނީ ހިމަނާފަ އެވެ.

2022 ބަޖެޓު ހުލާސާ
2022 ބަޖެޓު ހުލާސާ

2022 ބަޖެޓު ހުލާސާ

ގްރީން ޓެކުހުގެ ގޮތުގައި 824 މިލިއަން ރުފިޔާ ލިބޭނެކަމަށް ހިމަނާފައިވާ އިރު މިއީ ޓެކްސް އާމްދަނީގެ ފަސް އިންސައްތަ އެވެ.

ގްރީން ޓެކުހަކީވެސް ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ނަގާ ޓެކުހެކެވެ. ރިސޯޓު، ސަފާރީ އަދި ހޮޓަލްތަކަށް އަންނަ ފަތުރުވެރިންގެ އަތުން ރެއަކަށް ހަ ޑޮލަރު، ގެސްޓްހައުސްތަކަށް އަންނަ ފަތުރުވެރިންގެ އަތުން ރެއަކަށް ތިން ޑޮލަރު ނަގާނެ އެވެ.

ޓެކްސް ނޫން އެހެނިހެން ގޮތްގޮތުން ލިބޭނެ އާމްދަނީ

ޓެކްސް ނޫން އެހެނިހެން ގޮތްގޮތުން ދައުލަތަށް ލިބޭނެކަމަށް ހިމަނާފައިވާ ހަ ބިލިއަން ރުފިޔާގެ 29 ޕަސެންޓް ލިބޭނެކަމަށް ހިމަނާފައި ވަނީ ރިސޯޓު ކުލިންނެވެ.

ކޮވިޑްގެ ސަބަބުން ފަސްކުރި ކުލިތަކުގެ ބައެއް އަންނަ އަހަރު ލިބޭނެތީ ރިސޯޓު ކުލީގެ ގޮތުގައި އަންނަ އަހަރު ދައުލަތަށް ބޮޑު އަދަދެއް ލިބޭނެ އެވެ. އެއީ 1.8 ބިލިއަން ރުފިޔާކަމަށް ބަޖެޓުގައި ވަނީ ހިމަނާފަ އެވެ.

އަންނަ އަހަރުގެ ބަޖެޓުގައި އާމްދަނީ އިތުރުކުރުމަށް ހުށަހަޅާ އާ ކަންތައްތަކުން 727 މިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އިރު އެކަންތައްތަކުގެ ތެރޭގައި ރިއަލް އެސްޓޭޓް ޓޫރިޒަމް ތަރައްގީކުރުމާ ރިސޯޓު ތަރައްގީކުރުމަށް ރަށް ދޫކުރުން ހިމެނެ އެވެ.

ރިއަލް އެސްޓޭޓް ޓޫރިޒަމުން ލިބޭނެ އާމްދަނީ

ރިއަލް އެސްޓޭޓް ޓޫރިޒަމް ތަރައްގީކުރުމަށް މިއަހަރުގެ ބަޖެޓުގައި ހިމަނާފައިވީ ނަމަވެސް އެކި ސަބަބުތަކާހުރެ ފެށިފައެއްނުވެ އެވެ.

ރިއަލް އެސްޓޭޓް ޓޫރިޒަމަށް ރަށްތައް ދޫކުރެވޭނީ ސައްތައިން ސައްތަ ސަރުކާރު ހިއްސާވާ ކުންފުންޏެއް މެދުވެރިކޮށެވެ. އެގޮތުން މޯލްޑިވްސް ފަންޑްސް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) މެދުވެރިކޮށް ރިއަލް އެސްޓޭޓް ޓޫރިޒަމަށް މިއަހަރު ހަތަރު ރަށެއް ދޫކުރުމަށް ވަނީ އަންދާޒާކޮށްފަ އެވެ.

އެމްއެފްއެމްސީ އިން އަމިއްލަ ކުންފުނިތަކަށް ރަށް ތަރައްގީކޮށް ރިއަލް އެސްޓޭޓް ޓޫރިޒަމް ހިންގުމުގެ ފުރުސަތު ދެވޭނެ އެވެ. އެރަށްތައް ތަރައްގީކުރުމަށް ކޮންޓްރެކްޓާ ފައިނޭންސިން އުސޫލުން ނުވަތަ އެމްއެފްއެމްސީ އިން ފައިނޭންސް ދޭގޮތަށްވެސް ތަރައްގީކުރުމުގެ ފުރުސަތު ހުޅުވާލެވޭނެ އެވެ.

ރިއަލް އެސްޓޭޓް ޓޫރިޒަމް ތަރައްގީކުރުމަށް ރާވައިފައިވާ ގޮތުން މި ރަށްތައް ރިއަލް އެސްޓޭޓް ޓޫރިޒަމްގެ ބޭނުމަށް ދޫކުރުމުން ދައުލަތުގެ އާމްދަނީ އިތުރުވެގެންދާނީ މި ވިޔަފާރިން އެމްއެފްއެމްސީއަށްވާ ފައިދާއިން ދައުލަތަށް ދޭ ޑިވިޑެންޑުގެ މިންވަރަކުންނެވެ.

މިއަހަރު އެމްއެފްއެމްސީއަށް އިންޓެރިމް ޑިވިޑެންޑްގެ ގޮތުގައި 231.3 މިލިއަން ރުފިޔާ ލިބޭނެކަމަށް ބަޖެޓުގައި އަންދާޒާކޮށްފައި ވެއެވެ.

ރިސޯޓު ތަރައްގީކުރަން ދޫކުރާ ރަށްތަކުން ލިބޭނެ އާމްދަނީ

އަންނަ އަހަރު ރިސޯޓު ތަރައްގީކުރަން 12 ރަށެއް ހުޅުވާލަން ވަނީ ހިމަނާފަ އެވެ.

މިރަށްތަކުގެ އެކިއުޒިޝަން ފީގެ ގޮތުގައި 700،000 ޑޮލަރާ އެއް މިލިއަން ޑޮލަރު ލިބޭނެ ކަމަށް އަންދާޒާކޮށްފައި ވެއެވެ.

މީގެ ގިނަ ރަށްތަކަކީ ކުދި އަދި އިންވެސްޓްކުރުމަށް ޑިމާންޑް ދަށްކަމަށް ފެންނަ ރަށްތަކަކަށްވާތީ އެކުއިޒިޝަން ފީގެ ރޭޓު، ކުރީގެ ރޭޓުތަކާ އަޅައިބަލާއިރު ދަށެވެ.

އަންނަ އަހަރު ރިސޯޓުތައް ތަރައްގީކުރުމަށް އާ ރަށްތައް ދޫކޮށްގެން 148 މިލިއަން ރުފިޔާ ލިބޭނެކަމަށް ބަޖެޓުގައި އަންދާޒާކޮށްފައި ވެއެވެ.

ދައުލަތަށް ލިބޭނެކަމަށް އަންދާޒާ ކޮށްފައިވާ އާމްދަނީގެ ބޮޑު ބައެއް ޓޫރިޒަމުން ލިބޭ އާމްދަނީ ހިއްސާކުރާ އިރު، ޓޫރިޒަމްގެ ރަންޔޫބީލް ފާހަގަކުރުމަށް ހިންގޭ ތަފާތު ހަރަކާތްތަކަށާއި ޓޫރިޒަމް ޕްރޮމޯޓްކުރުމަށް 154 މިލިއަން ރުފިޔާ ކަނޑައަޅާފައި ވެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox