2022ގެ ބަޖެޓުގެ އަމާޒަކީ ކޮވިޑުން އަރައިގަނެވޭ ދުވެލި އިތުރަށް ހަލުއިކުރުން

އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓު ބަޔާން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު މަޖިލީހަށް ދެއްވަނީ. -- ފޮޓޯ: މަޖިލިސް

އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓު ބަޔާން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު މަޖިލީހަށް ދެއްވަނީ. -- ފޮޓޯ: މަޖިލިސް

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގެ މައިގަނޑު އަމާޒަކީ ކޮވިޑުގެ އަޑިގަނޑުން އަރައިގަނެ، ރައްޔިތުންނަށް އެންމެ ބޭނުންވެފައިވާ ކަންކަން ހާސިލުކޮށްދިނުން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ދެއްވަމުން އަމީރު ވިދާޅުވީ ކޮވިޑުގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިގުތިސާދުގެ ސައިޒު ކުޑަވެ، ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީގެ ތެރެއިން ގާތްގަނޑަކަށް 36 ބިލިއަން ރުފިޔާ ގެއްލިގެންދިޔަ ކަމަށެވެ.

ކޮވިޑްގެ ބަލިމަޑުކަމުގައި ޓޫރިޒަމް ހުއްޓިގެން ދިޔުމާއެކު އިތުރަށް ދަރަނި ނަގައިގެން، ރައްޔިތުންނަށާއި ވިޔަފާރިތަކަށް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދިނުން ފަދަ އުނދަގޫ ނިންމުންތަކުގެ ހެޔޮ ނަތީޖާ މިހާރު ފެންނަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"މި އަހަރު ދުނިޔޭގެ އެންމެ ބާރަށް ކުރިއަރަމުންދާ ފަސް އިގުތިސޯދުގެ ތެރޭގައި ރާއްޖެ ހިމެނޭ،" މިއަހަރު އެއް މިލިއަން ޓޫރިސްޓުންގެ ޓާގެޓު ހުރަސްކުރިކަން ފާހަގަކުރައްވައި އަމީރު ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކުރާ 36.9 ބިލިއަން ރުފިޔާގެ ބަޖެޓު އަމާޒަކީ މިނިސްޓަރު ވިދާޅުވި ގޮތުގައި ކޮވިޑުގެ ގެއްލުންތަކުން އަރައިގަނެ، އިގުތިސާދީ ކުރިއެރުން މަތިކޮށް، ފުޅާކޮށްދޭނެ ބަޖެޓެކެވެ.

2022 ވަނަ އަހަރުގެ ބަޖެޓަކީ ކޮވިޑުގެ ހާލަތުގައި ރައްޔިތުންނާއި ވިޔަފާރިތަކުން ދެއްކި ނަމޫނާއިން ހިތްވަރު ލިބިގަނެ، ރައްޔިތުންގެ އުންމީދުތައް ހާސިލުކުރުމަށް ސަރުކާރުންވީ ވައުދުތައް ފުއްދައި ރައްޔިތުންނަށް ފާގަތި ދިރިއުޅުމެއް ހޯދައިދޭނެ ބަޖެޓެއް - ފިނޭންސް މިނިސްޓަރު

ސިއްހީ ދާއިރާއަށް ބޮޑު އިސްކަމެއް

އަންނަ އަހަރަށް ހުށަހަޅާ ބަޖެޓުގެ ތެރެއިން ހަރަދުގެ ގޮތުގައި 34 ބިލިއަން ރުފިޔާ ހިނގާނެ ކަމަށް ބެލެވޭއިރު، ބަޖެޓާއި ހަރަދާ ދެމެދު ހުރި ތަފާތުގެ ބޮޑު ބައެއް ހިއްސާކުރަނީ، ދައުލަތުގެ ދަރަނި އަދާކުރުމަށް ދައްކާ 2.9 ބިލިއަން ރުފިޔާ ކަމަށް އަމީރު ފާހަގަކުރެއްވި އެވެ.

ބަޖެޓުގައި ހިމެނޭ މުހިންމު ބައެއް ބައިތައް ތަފްސީލުކޮށް ދެއްވަމުން، މިނިސްޓަރު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ސިއްހީ ދާއިރާގެ ތެރެއިން ކޮވިޑާ ދެކޮޅަށް ކުރާ މަސައްކަތްތައް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދަން ރޭވިފައިވާ ކަމަށެވެ.

މިގޮތުން ހަގު އުމުރުފުރާތަކުގެ ކުދިންނަށް ވެކްސިން ދެވޭނެ މަގު ފަހިވެގެންދިޔަހާ އަވަހަކަށް އެ ކުދިންނަށް ވެސް ބޭނުންވާނެ ވެކްސިން ހޯދުމަށާއި، ކޮވިޑް ފެސިލިޓީތަކުގެ ހިދުމަތް މެދުކެނޑުމެއް ނެތި، މިހާރަށްވުރެ ރަނގަޅު ފެންވަރުގައި ކުރިއަށް ގެންދަން ރާވާފައިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސިއްހީ ދާއިރާއަށް ތަރައްގީ ކުރުމަށް ރާއްޖޭގެ ފަސް ސަރަހައްދެއްގައި ގާއިމުކޮށްފައިވާ ޓާޝަރީ ހޮސްޕިޓަލުތަކުގެ ވަސީލަތްތައް އިތުރުކޮށް، އެ ތަންތަނަކީ އަމިއްލައަށް ހިންގާ ހޮސްޕިޓަލްތަކަކަށް ބަދަލުކުރުމުގެ މަސައްކަތް ފެށިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"މީގެ ސަބަބުން ސިއްހީ ހިދުމަތް ލާމަރުކަޒުވެ، ހިދުމަތްތައް އަވަސްވެ، ކުރިއަރާ ދިއުމަށް މަގުފަހިވާނެ،" ސިއްހީ ހިދުމަތް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފުޅާކޮށް، ލާމަރުކަޒުކުރުމުގެ މުހިންމުކަން ފާހަގަ ކުރައްވަމުން، އަމީރު ވިދާޅުވި އެވެ.

ފަސްދޮޅަސް ރަށެއްގެ ހޮސްޕިޓަލުތަކާއި ސިއްހީ މަރުކަޒުތައް އަޕްގްރޭޑް ކުރުމަށް ބަޖެޓުގައި ހިމެނިފައިވާކަން ފާހަގަކުރައްވަމުން އަމީރު އިތުރަށް ވިދާޅުވީ ސިއްހީ ހިދުމަތްތެރިން މަދުވުމުގެ މައްސަލަ ހައްލުކުރަން ވެސް ބަޖެޓުގައި ޖާގަ ދީފައިވާނެ ކަމަށެވެ.

ސިއްހީ ދާއިރާއަށް ކަނޑައެޅިފައިވާ ޖުމްލަ 4.6 ބިލިއަން ރުފިޔާގެ ތެރޭގައި 160 ޑޮކްޓަރުންނާއި 200 އަށްވުރެ ގިނަ ނަރުހުން ހޯދުން ހިމެނެ އެވެ.

އަންނަ އަހަރު އާސަންދަ ސްކީމަށް 731 މިލިއަން ރުފިޔާ ބަޖެޓު ކޮށްފައިވާއިރު، މި ސްކީމުން ވަމުންދާ އިސްރާފު ކުޑަކުރަން ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށް އަމީރު ހާމަކުރެއްވެވި އެވެ. އާސަންދައިގެ ބޮޑު ހަރަދެއް ބޭހަށް ހޭދަވެގެން ދާއިރު، ޑޮކްޓަރީ ބޭސް ވިއްކޭނެ އެންމެ މަތީ އަގު އަންނަ އަހަރު ކަނޑައަޅައި، ބޭހުގެ ވިޔަފާރިން އެކަށީގެންނުވާ މަތީ މިންވަރުތަކުން ފައިދާ ނެގުމަށް ހުޅުވިފައި ހުރި ދޮރުތައް ބަންދުކުރެވޭނެ ކަމަށް އަމީރު ވިދާޅުވި އެވެ.

titledesc

އާމްދަނީގެ އަންދާޒާ އަދި ޑެފިސިޓް

މި އަހަރުގެ ތެރޭގައި އިގުތިސޯދު ކުރިއަރަން ފަށައި، އަންނަމުންދާ ހެޔޮ ބަދަލުތަކުގެ އަސަރު ދައުލަތުގެ އާމްދަނީއަށް ކުރާނެ ކަމަށް އަމީރު ވިދާޅުވި އެވެ.

އަންނަ އަހަރު ޖުމުލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 24.3 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކުރެވޭއިރު، މިއީ މި އަހަރުގެ ނިޔަލަށް ދައުލަތަށް ލިބޭނެ ކަމަށް މިހާރު ލަފާކުރެވޭ އާމްދަނީއަށް ވުރެ 23 ޕަސަންޓުގެ އިތުރު ވުމެއް ކަމަށް އަމީރު ފާހަކުރެއްވި އެވެ.

ޓެކުހުގެ ގޮތުގައި 15.4 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކުރެވޭއިރު، ޓެކްސް ނޫން އެހެން ގޮތްގޮތުން 6 ބިލިއަން ރުފިޔާ އަދި ހިލޭ އެހީގެ ގޮތުގައި 2.9 ބިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒާކުރެވޭ ކަމަށެވެ. .

މިނިސްޓަރު އިތުރަށް ވިދާޅުވީ އަންނަ އަހަރަށް ހުށަހަޅާފައިވަނީ 9.7 ބިލިއަން ރުފިޔާގެ ޑެފިސިޓް ބަޖެޓެއް ނަމަވެސް، ބަޖެޓު ފައިނޭންސް ކުރުމަށް ޖުމްލަ 13.4 ބިލިއަން ރުފިޔާ ހޯދަންޖެހޭ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ ބަޖެޓު ޑެފިސިޓްގެ އަދަދުގެ އިތުރުން، ލޯނު އަނބުރާ ދެއްކުމަށް ބޭނުންވާ 2.9 ބިލިއަން ރުފިޔާ އާއި، ސޮވްރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރާ 769.2 މިލިއަން ރުފިޔާ، އަދި އެހެނިހެން ގޮތްގޮތުން ފައިނޭންސްކުރަންޖެހޭ 35.7 މިލިއަން ރުފިޔާ އެވެ.

ބަޖެޓު ފައިނޭންސިންގެ ތެރެއިން 7.5 ބިލިއަން ރުފިޔާ ބޭރުގެ ފަރާތްތަކުން ހޯދުމަށް ރާވައިފައި ވާއިރު، އެތެރޭގެ ފަރާތްތަކުން 5.9 ބިލިއަން ރުފިޔާ ހޯދުމަށް ރޭވިފައިވާކަމަށް އަމީރު ހާމަކުރެއްވި އެވެ.

"...ރާއްޖެއިން ބޭރުގެ ފަރާތްތަކުން ލިބޭނެ ކަމަށް އަންދާޒާކުރާ ފައިނޭންސިންގ އަށް ބަލާއިރު، 200 މިލިއަން ޑޮލަރުގެ ޓްރެރަރީ ސެކިއުރިޓީއެއް ބޭރުގެ މާލީ ބާޒާރުގައި ވިއްކުމަށްވަނީ ރާވާފައި،" އޭނާ ވިދާޅުވި އެވެ.

އަންނަ އަހަރަށް ތައްޔާރުކޮށްފައި ވާނީ ޕްރޮގްރާމް ބަޖެޓެއް ކަން ފާހަގަ ކުރައްވައި އަމީރު ވިދާޅުވީ، މި މަސައްކަތުގެ ދެވަނަ ފިޔަވަހީގައި ޕްރޮގްރާމްތަކުގެ ކީ ޕާފޯމަންސް އިންޑިކޭޓާޒް ކަނޑައެޅިގެންދާނެ ކަމަށެވެ.

މި ބަދަލުގެ ސަބަބުން ބަޖެޓުން ކުރާ ހޭދައިގެ ނަތީޖާ އެނގި، ދައުލަތުގެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރެވި، ހިންގުން ހަރުދަނާ ވެގެންދާނެ ކަމަށް އަމީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ފަހަރުގެ ބަޖެޓަކީ ސަރުކާރުގެ އެންމެ މުހިންމު އަމާޒުތަކާއި، ސަރުކާރުގެ ވައުދުތައް ފުރިހަމަކުރުމަށާއި، ރައްޔިތުންނަށް ދޭ ހިދުމަތްތައް އެފިޝަންޓްކޮށް ފެންވަރު ރަނގަޅުކުރުމަށް ސިޔާސަތު ރޭވިފައިވާ ބަޖެޓެކެވެ.

އަދި މާލީ ހާލަތު ތަންދިން އެންމެ ބޮޑަކަށް އިގުތިސޯދީ އަމާޒުތަކާއި ރައްޔިތުން ބޭނުންވާ ކަންކަމުގެ އިތުރުން ސަރުކާރުން ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުމަށް މި ބަޖެޓުގައި އިސްކަން ދީފައިވާނެ ކަމަށް އަމީރު ވިދާޅުވި އެވެ.

"ރާއްޖޭގެ އިގުތިސޯދީ އަދި މާލީ ހާލަތު، ކޮވިޑުގެ އަޑިގަނޑުން އަރައިގަނެ، އަލުން ހަލުވިކަމާއެކު ކުރިއަށް ދިއުމަށް މަގުފަހިކުރުމަށް ސިޔާސަތު ތަރުތީބު ކުރެވިފައިވާނެ،" ހުށަހަޅާފައިވާ ބަޖެޓު ފާސްކޮށް ދިނުމަށް މަޖިލިސް މެމްބަރުންގެ ކިބައިން އެދިވަޑައިގަންނަވަމުން އަމީރު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox