މިމަހުގެ 14 ވަނަ ދުވަހު އދ. ދަނގެތީގައި އަނިޔާވެެރިކޮށް މަރާލާފައި އޮއްވާ ފެނުނު އެ ރަށުގެ ވިޔަފާރިވެރިޔާ މަހުމޫދު އަބޫބަކުރުގެ މަރުގައި ހަރަކާތްތެރިވީ، އެ މައްސަލައިގައި ތުހުމަތުވާ ބިދޭސީ މީހާ ޝާ އަލޮމް މިއާ ކަމަށާއި، އެ ހާދިސާ ހިނގައިދިޔައީ އޭނާ މަހުމޫދުގެ އަތުން ފައިސާތަކެއް ފޭރެން އުޅުމުގެ ތެރެއިންކަން ހާމަވެއްޖެ އެވެ.
އެ މައްސަލައިގައި ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ހިމެނޭހެން ފުލުހުންގެ އިސް އޮފިސަރުންގެ ޓީމެއް މިއަދު ދަނގެއްޗަށް ދަތުރުކުރިކަމަށް މި ނޫހަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
އަދި އެ ޓީމުގެ ފަރާތުން އާއިލާއާ ބައްދަލުކޮށް ތަހުގީގުގެ އެންމެ ފަހުގެ މައުލޫމާތު ދީ، އާއިލާއަށް ހިތްވަރު ދެއްވި ކަމަށް ވެސް ވަނީ މައުލުމާތު ލިބިފަ އެވެ. އެ ޓީމުން ރަށު ކައުންސިލާ ވެސް ބައްދަލުކުރިއިރު، ކައުންސިލާއެކު ރަށުގެ ހާލަތާ ގުޅޭގޮތުން މަޝްވަރާކުރިކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
ފުލުހުންގެ ފަރާތުން ތަހުގީގުގެ އެންމެ ފަހުގެ މައުލޫމާތުގެ ގޮތުގައި ހާމަކުރީ، މަހުމޫދު މަރާލީ އަލޮމް މަހުމޫދުގެ އަތުން ފައިސާތަކެއް ފޭރެން އުޅުމުގެ ތެރޭގައި ކަމަށެވެ. އެވަގުތު މަހުމޫދުގެ އަތުގައި ހުރީ ކިހާ އަދަދެއްގެ ފައިސާއެއްކަމެއް އަދި ފުލުހުން ހާމަކޮށްފައި ނުވިނަމަވެސް، އާއިލާއިން ވަނީ މަހުމޫދަކީ ގިނަ އަދަދެއްގެ ފައިސާ އަބަދު ވެސް ޖީބުގައި ގެންގުޅޭ މީހެއްކަމަށް މީގެ ކުރިން ބުނެފަ އެވެ.
މަހުމޫދު މަރާލި ރޭ، އޭނާއަށް ފޯނު ކޯލެއް އައިސްގެން ނުކުމެގެން ދިޔަކަމަށް އާއިލާއިން ވަނީ މީގެ ކުރިން ބުނެފަ އެވެ. ފޯނަށް ޖަވާބު ދިނުމަށްފަހު "މިގަޑީގަ؟" ހޭ މަހުމޫދު ފޯނުން ވާހަކަދެއްކި މީހާ ކައިރީ އެހިކަމަށް އާއިލާއިން ބުނެ އެވެ. އެއީ އާއިލާއަށް މަހުމޫދު އެންމެ ފަހުން ދިރިހުއްޓާ ފެނުނު ވަގުތެވެ.

މަހުމޫދު މަރާލުމުގައި އަލޮމް ނޫން އެހެން މީހަކު ހަރަކާތްތެރިވެފައިނުވާކަން ވެސް ތަހުގީގަށް ފާހަގަވެފައިވާކަމަށް ފުލުހުން ބުނިކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
މަހުމޫދުގެ މަރު؛ އަމާން ދަގެއްޗަށް ސިހުން!
މަހުމޫދު މަރާލުމަށް ފަހު ދަނގެތީގައި މަހުމޫދުގެ އާއިލާއަށް ނިސްބަތްވާ ފަޅު ގެޔެއްގެ ވަޅަކަށް އެއްލާލާފައި އޮއްވާ އޭނާގެ ހަށިގަނޑު ފެނުނީ އޭނާ ގެއްލިގެން ހޯދަމުން ދަނިކޮށެވެ. ހަށިގަނޑު ފެނުނުއިރު އަތާއި ފައި އަދި ބޮލުގައި ގޯނިތަކެއް އައްސާފައި ހުއްޓެވެ.
ހަށިގަނޑު ފުރަތަމަ ފެނުނު މީހުން ބުނީ މަހުމޫދަށް ވަޅިއަކުން ހަމަލާދީ ވަރަށް އަނިޔާކޮށްފައި ހުރި ކަމަށެވެ. އެ ސަރަހައްދުގައި އެ ވަޅި އާއި ދަގަނޑު ބުރިއެއް ވެސް އޮތެވެ.
މަރުގެ ފަހަތުގައި ތިބީ އެ ރަށުގައި މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ހިމެނޭ ބަޔަކު ކަމަށް ރައްޔިތުން ތުހުމަތުކޮށް އެމީހުން ފުލުހުންނާ ހަވާލުކޮށްފައިވަނިކޮށް މުޅި މައްސަލަ އެނބުރިގެން ދިޔައީ ޝާ އޮލަމް މިއާއާ ދިމާއަށެވެ.
ފުލުހުން އޭނާގެ މައްޗަށް ތުހުމަތު އަމާޒުކުރީ އެންމެ ފުރަތަމަ އަވައްޓެރިއެއްގެ ފަރާތުން ލިބުނު ރިޕޯޓަކާ ގުޅިގެންނެވެ. އެ އަވައްޓެރިޔާ ބުނާ ގޮތުން، މަހުމޫދު އެންމެ ފަހުން ފެނުނު ރޭ ނެދުންގެ ތެރެއިން މީހެއްގެ ހަޅޭކުގެ އަޑު އިވުނެވެ.
އެ ވަގުތު އޭނާ ފާރުމަތިން ބޯދިއްކޮށްލިއިރު، އެ ގޭގައި އުޅޭ ބިދޭސީ މީހާ (އަލޮމް) ކޮންމެވެސް އެއްޗެއް ދަމާފައި ގެންދިޔަހެން އޭނާއަށް ހީވީކަމަށް މި މަންޒަރު ފެނުނު މީހާއާ ހަވާލާދީ މީހުން ބުނެ އެވެ.













