މި އަހަރު އަންނާނެ ކަމަށް ލަފާކުރި އެއް މިލިއަން ޓޫރިސްޓުންގެ އަމާޒަށް ވާސިލުވެވުނު ނަމަވެސް، ޓޫރިޒަމް ސިނާއަތް މުޅިން އެއްކޮށް ކުރީގެ ހާލަތަށް ނުދާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.
މި އަހަރަށް ކަނޑައެޅި ޓޫރިސްޓުންގެ އަމާޒަށް ވާސިލުވުމާ ގުޅިގެން މައުސޫމް "އަދަދު"އަށް ވިދާޅުވި ގޮތުގައި ޓޫރިޒަމް ސިނާއަތް ކުރީގެ ހާލަތަށް ދިޔަ ކަމަށް ބެލެވޭނީ ބަލިމަޑުކަމުގެ ކުރިން ހުޅުވާފައި ހުރި ހުރިހާ ރިސޯޓުތައް އަލުން ހުޅުވާ، ގެއްލުނު ވަޒީފާތައް އަނބުރާ ލިބި، މުސާރަތައް ރަނގަޅުކުރެވުމުންނެވެ. އަދި ނަމްބަރުތަކާ މެދު ހިތްހަމަޖެހުނު ނަމަވެސް މުޅި ސިނާއަތް އެއްކޮށް އިއާދަވާނީ މިކަންކަން ކުރެވިގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންތަކެއް ރިސޯޓްތައް ދިޔުމަށް ހުޅުލޭ ޗެޓީ ސަރަހައްދުގައި. --ފޮޓޯ: ހުސައިން ޝަޔާހު/އަދަދު
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ޓޫރިސްޓު ފެސިލިޓީގެ ގޮތުގައި ހިންގަން ހުއްދަ ދޫކޮށްފައިވާ ތަންތަނުގެ ތެރެއިން 20 ޕަސެންޓު ތަންތަން އަދިވެސް ނުހުޅުވަ އެވެ. މީގެ ތެރޭގައި ހަތް ރިސޯޓާއި، 187 ހޮޓާ އަދި ގެސްޓްހައުސްގެ އިތުރުން 14 ސަފާރީ އުޅަނދު ހިމެނެ އެވެ.
ޓޫރިޒަމް ވަޒީފާތަކަށް ބަލާއިރު ރިސޯޓު މުވައްޒަފުންނާ ގުޅިގެން ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއިން އާންމުކުރި "ރިސޯޓް އެމްޕްލޯޔިމަންޓް ސާވޭ 2020" ގައި ބުނި ގޮތުގައި ބަލިމަޑުކަމާއި ގުޅިގެން މިދިޔަ އަހަރު އެކަނިވެސް 12،777 މުވައްޒަފުންގެ ވަޒީފާ ގެއްލުނެވެ. މީގެ ތެރެއިން ބައެއް މުވައްޒަފުންގެ ވަޒީފާތައް މި އަހަރު އިޔާދަވި ނަމަވެސް، ބައެއް ފެސިލިޓީތައް ބަންދުކޮށްފައި ހުރުމާއެކު މި ހާލަތަށް މާ ބޮޑު ބަދަލެއް ނާންނަ ކަމަށް ލަފާކުރެވެ އެވެ.
މިނިސްޓަރު މައުސޫމް ވިދާޅުވީ މިހާރު ޓޫރިޒަމްގެ މިސްރާބު ފެންނަނީ ރަނގަޅަށް ކަމަށެވެ. އެގޮތުން އަހަރުގެ ބާކީ ދެ މަސް ދުވަސް އޮއްވައި ޓޫރިސްޓުންގެ އަދަދު މިލިއަނަކަށް އެރުމަކީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ. އަދި މިހާރު ރާއްޖޭގައި ޓޫރިސްޓުން ހޭދަކުރާ މުއްދަތު އިތުރު ވުމަކީ ވެސް ރަނގަޅު ނިޝާނެއް ކަމަށް ވިދާޅުވި އެވެ.
ލަފާކުރި އަދަދަށް ޓޫރިސްޓުން އައުމާ އެކު މި އަހަރު ރާއްޖެ އަންނާނެ ކަމަށް ލަފާކުރެވޭ ޓޫރިސްޓުންގެ އަދަދު ވަނީ މުރާޖާކޮށްފަ އެވެ. މައުސޫމް ވިދާޅުވީ މިހާރު ލަފާކުރަނީ މި އަހަރު 1.3 މިލިއަން ޓޫރިސްޓުން އަންނާނެ ކަމަށެވެ.











